ޝަރުއީ ކޯޓު ތަކަކީ މަހުޖަނުންގެ ޖީބުތައް ފުރަން ފައިސާ ހޯދާ ކެސިނޯއަކަށް ހަދައިގެން ނުވާނެ: ޖަމީލް

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ފޮޓޯ/ ޕީޕީއެމް

ރާއްޖޭގެ ޝަރުއީ ކޯޓު ތަކަކީ މުއްސަނދި މަހުޖަނުންނަށް ފައިސާ ހޯދަން ބޭނުންކުރާ ކެސިނޯއަކަށް ހަދައިގެން ނުވާނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ވުމުގެ އުފަލުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ޝަރުއީ ކޯޓު ތަކަކަކީ ސަރުކާރަށް ސިޔާސީ ގޮތުން ބަދަލު ހިފައިދޭ ތަނަކަށް ހަދައިގެން ނުވާނެ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުން މި އަންނަނީ ކޯޓު ތަކުން ސަރުކާރަށް ބަދަލު ހިފައިދޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަންކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި ނަމަވެސް ޝަރީއަތް ތަކަށް ނުފޫރު ފޯރުވުމުގެ ސަބަބުން ކޯޓުތަކުން ކުރާ ހުކުމްތަކާމެދު ރައްޔިތުން މިއަދު އިތުބާރު ނުކުރާ ކަމަށެވެ.

"ޖޭއެސްސީ އިސްލާހުވާން އެބަ ޖެހޭ. އެތަނުގަ ތިބި ސިޔާސީ މީހުން އެއްފަރާތްވާންޖެހޭނެ. ސިޔާސީ ނުފޫޒުން އެތަން މިނިވަންކުރަން ޖެހޭނެ. ޝަރުއީ ކޯޓު ތަކަކީ ސަރުކާރަށް ސިޔާސީ މަސައްކަތް ކޮށްދޭ ތަނަކަށް ވެގެނެއް ނުވާނެ. އެކަން އަޅުގަނޑުމެން ހުއްޓުވަން އެބަޖެހޭ. ޝަރުއީ ކޯޓު ތަކަކީ މަހުޖަނުންގެ ކެސިނޯއަކަށް ވެގެނެއް ނުވާނެ،" ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެތައް ވެރިންނެއްގެ މައްޗަށް ވެސް ކޮރަޕްޝަންގެ އިތުރުން އެތައް ގިނަ ތުހުމަތުތަކެއް ކުރަމުން އަންނައިރުވެސް އެފަދަ އެއްވެސް މައްސަލައެއް ނުބަލާ ދޫކޮށްލާފައިވާ ކަމަށެވެ.

"އަސްލު މިކަން ކުރި މީހުން ތިބީ ސަރުކާރާ ޑީލް ހަދާފަ. އިއްޒަތާ ގަދަރު ދީފަ އެމީހުން އެތިބީ ހުޅުމާލެއާ މާލޭގެ ފިނި ކޮޓަރިތަކުގަ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ހަމައެކަނި މަސައްކަތަކީ ގައުމުގައި ހުރި ހަރުމުދާތައް ވިއްކާ ހުސްކުރުން ކަމަށާއި އޭގެ އިތުރުން ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހިންގަމުން އަންނަ މަންޒަރު ނުފެންނަ ކަމަށެވެ.

ރައީސް ޔާމީންގެ އިސް ވަކީލްކަން ވެސް ކުރައްވަމުން ގެންދަވާ ޖަމީލް ވިދާޅުވީ ޖަލަށް ކުރާ ދަތުރުތަކުގެ ތެރެއިން އެމަނިކުފާނާ ބައްދަލުވާ ވަގުތުތަކުގައި ހިތަށް އަސަރުކުރާ ކަމަށެވެ.

"ޖަލަކީ ބަޔަކު އަރާމުގަ ތިބެން ހަދާފަ ހުރި ތަނެއް ނޫން. އަޅުގަނޑުމެން މި ކުރި ދަތުރުތަކުގައި ޖަލުގަ ހުންނަ ހިރަފުހުން ތަތްތެޅިފަ ހުރި ކޮޓަރިއެއްގެ ތެރޭގަ އެމަނިކުފާނާ ބައްދަލުކުރާއިރު ހަމަ ހަގީގަތުގަ ވެސް އަޅުގަނޑުމެން އެންމެންގެ ހިތަށް ވަރަށް އަސަރުކުރޭ،" ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ކުށަކަށްވީ، ރާއްޖޭގެ ތާރީހު، އަދި މިހާތަނަށް ދެކެފައިނުވާ މިންވަރަށް ގެނެސްދެއްވި ތަރައްގީގެ ބިޔަ މަޝްރޫއުތައް ކަމަށެވެ.

ޖަމީލް ވިދާޅުވީ 2023 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަކީ ރައްޔިތުންގެ ޖީބުތައް ފުރާލަދޭނެ ފަސް އަހަރަށް ވާނެ ކަމަށެވެ.

"ދެހާސް ތޭވީހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަކީ ނަޔާ ޗާލު ވެރިކަމަކާ އެކީގަ ރައީސް ޔާމީން ތިޔަ ބޭފުޅުންގެ ޖީބުތައް ފުރާލާނެ ފަސް އަހަރު. ތަރައްގީއާ ތަހުޒީބާ ތަމައްދުންއާ އަދި ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ ފަސް އަހަރަށް އެ ފަސް އަހަރު ވެގެންދާނެ،" ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމުން ބުނީ ރޭގެ ޖަލްސާ އަކީ ވަރަށް ތާރީހީ ޖަލްސާއެއް ކަމަށާއި އެގޮތީ، ފާއިތުވީ ދެ އަހަރަށްފަހު، ރައީސް ޔާމީން ސިޔާސީ ޕޯޑިއަމެއްގައި ވާހަކަފުޅު ދެއްކެވި ޖަލްސާ ކަމަށެވެ.

comment ކޮމެންޓް