ރޭޕްގެ ތުހުމަތު ކުރެވުމާއެކު މައްސަލަ ބެލިން، ސްކޫލްތެރޭ އެފަދަ ކަމެއް ނުހިނގާ: ސީއެޗްއެސްއީ

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: -- ސަން ފައިލް ފޮޓޯ

އަމިއްލަ ކޮއްކޮ ހިމެނޭގޮތަށް 15 އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ދަރިވަރެއްގެ މައްސަލަ ސަމާލުކަމަށް އައި ހިސާބުން އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅިކަމަށް ސީއެޗްއެސްއީ އިން މިއަދު ބުނެފިއެވެ.

މީސް މީޑިއާގައި މިހާރު އަންނަނީ އެ ދަރިވަރު ދެއްކި ކަމަށް ބުނާ ވާހަކަތަކެއް ދައްކުވައިދޭ ސްކްރީންޝޮޓުތަކެއް ދައުރުވަމުންނެވެ.

ސްކްރީންޝޮޓުތަކުން ފެންނަ ގޮތުގައި އޭނާ ވަނީ އަމިއްލަ ކޮއްކޮ ހިމެނޭހެން، 15 އަށް ވުރެ ގިނަ އަންހެން ކުދިން ރޭޕުކުރި ކަމަށް ބުނެ އެކަމަށް އެއްބަސްވެފައެވެ. ހަމައެހެންމެ އުމުރާ ނުގުޅޭ ތަފާތު އެކި، ބަދުއަޚްލާގީ ވާހަކަތައް ދައްކައިފައިވާކަން ވެސް ހާމަވެއެވެ. އެއާއެކު ފުލުހުން ވަނީ އެކަން ބަލަން ފަށައިފައެވެ.

https://sun.mv/159481

"ސަން" އަށް އެނގިފައިވާގޮތުގައި 15 ކުދިން ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ދަރިވަރު މިހާރު ވަނީ ސީއެޗްއެސްއީއިން ވަކިވާން ހުށަހަޅައިފައެވެ. ނަމަވެސް 18 ވަރަކަށް އަހަރުގެ އެ ދަރިވަރާ ގުޅޭ މައުލޫމާތުތައް ސްކޫލުން ނުދިނެވެ.

ސީއެޗްއެސްއީ: އެ ސްކޫލްގެ ދަރިވަރަކަށް ރޭޕްގެ ތުހުމަތު ކުރެވޭ-- ސަން ފޮޓޯ

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ "ސަން"އަށް މިއަދު ވިދާޅުވީ ޗެޓް ލޮގްތަކުގައި އެ ވާހަކަތައް ދެއްކި ކަމަށް ބެލެވެނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހިސާބުގައިއެވެ. އެ މައްސަލަ ސްކޫލަށް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް އެ މައުލޫމާތު ލިބުމުން ބަލަން ޖެހޭ ކަންކަން ސްކޫލުން ބަލައި އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަން ޖެހޭ ކަންކަން އެންގި ކަމަށް ސަފޫރާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނުތިބޭނެތާ. އަދި ކުރިން ހިނގިކަމުގައި ވިޔަސް މީގެ ފަސް އަހަރު ކުރިން ހިނގި މައްސަލައެއް ކަމަށް ވިޔަސް މިހާރު ސީއެޗްއެސްއީގައި އުޅޭ ކުއްޖެއް ވިއްޔާ އަޅުގަނޑުމެންނާ ހަމައަށް ރިޕޯޓެއް ނުވަތަ ލިޔުމެއް އުޅުނަސް އަޅުގަނޑުމެން އެ މައްސަލަތައް ބަލާނެ އިނގޭތޯ،" ސަފޫރާ ވިދާޅުވިއެވެ.

"އެހެންވީމައި އަޅުގަނޑުމެން އަމިއްލައަށް ތި މައްސަލާގައި ވާހަކަ ދައްކަން ޖެހޭ ދަރިވަރުންނާ ވާހަކަ ދައްކާ އަޅުގަނޑުމެން ބަލާ އަޅުގަނޑުމެން ވަގުތުން އެ ދުވަހުން އެ ދުވަހަށް ފިޔަވަޅު އެޅިން."

ސަފޫރާ ވިދާޅުވީ ތުހުމަތު ކުރެވޭ އެ ދަރިވަރުގެ ފަރާތުން ސީއެޗްއެސްއީގެ ތެރޭގައި ޖިންސީ ގޯނާގެ އަމަލެއް ހިންގިކަން އެނގިފައި ނުވާ ކަމަށެވެ. އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެއީ ދަރިވަރުންތަކަކަށް ނިސްބަތްވާ ކަމަކަށް ވާތީ އެކަމުގެ ތަފްސީލް ސަފޫރާ ނުދެއްވައެވެ.

ބޮޑު ތުހުމަތު ކުރެވޭ ދަރިވަރުގެ މަންމައަކީ ސީއެޗްއެސްއީގެ ލީޑިން ޓީޗަރެކެވެ. އޭނާގެ ބައްޕައަކީ ފުލުހެކެވެ.

އެކަމާ ގުޅޭގޮތުން ސަފޫރާ ވިދާޅުވީ ޕްރިންސިޕަލްގެ ދަރިއަކަށް ވިޔަސް ލީޑިން ޓީޗަރެއްގެ ދަރިއަކަށް ވިޔަސް އެ ސްކޫލްގެ ތެރޭގައި އޮންނާނީ އެއް ގަވައިދެއް ކަމަށެވެ.

ޗެޓްލޮގްތައް ލީކް ވުމާއެކު މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އިދާރާތަކަށް ގޮވާލަމުންނެވެ.

comment ކޮމެންޓް