ދެ އަހަރުގެ ކޮއްކޮއާއި އިތުރު ކުދިންތަކެއް ރޭޕްކުރި ކަމަށް ބުނާ ސުކޫލު ކުއްޖެއްގެ މައްސަލަ ބަލަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން --

ދެ އަހަރުގެ ކޮއްކޮއާއި އިތުރު ކުދިންތަކެއް ރޭޕްކުރި ކަމަށް އެއްބަސްވި ސުކޫލު ކުއްޖެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މީސް މީޑިއާގައި މިހާރު އަންނަނީ އެ ކުއްޖާ ދެއްކި ކަމަށް ބުނާ ވާހަކަތަކެއް ދައްކުވައިދޭ ސްކްރީންޝޮޓުތަކެއް ދައުރުވަމުންނެވެ.

ސްކްރީންޝޮޓުތަކުން ފެންނަ ގޮތުގައި އޭނާ ވަނީ އަމިއްލަ ކޮއްކޮ ހިމެނޭހެން، 15 އަށް ވުރެ ގިނަ އަންހެން ކުދިން ރޭޕުކުރި ކަމަށް ބުނެ އެކަމާ އެއްބަސްވެފައެވެ. ހަމައެހެންމެ އުމުރާ ނުގުޅޭ ތަފާތު އެކި، ބަދު އަޚްލާގީ ވާހަކަތައް ދައްކައިފައިވާކަން ވެސް ހާމަވެއެވެ.

އެއީ މާލޭގެ ސުކޫލެއްގައި މަތީ ސާނަވީއަށް ތައުލީމު ހާސިލުކުރަމުން އަންނަ ކުއްޖެއް ކަން ސްކްރީންޝޮޓުތަކުން ހާމަވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު، އެ މައްސަލަ އިތުރަށް ތަހުގީގުކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރޭޕްކުރި ކަމަށް އެއްބަސްވެފައިވާ ކަމަށް ބުނާ ކުއްޖާގެ މަންމައަކީ އެ ކުއްޖާ ތައުލީމު ހާސިލުކުރަމުން އަންނަ ސުކޫލުގެ އިސްމަގާމެއްގައި ހުރި ޓީޗަރެކެވެ. އަދި ކުއްޖާގެ ބައްޕައަކީ ފުލުހުންގެ އޮފިސަރެކެވެ.

މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އިދާރާތަކަށް ގޮވާލަމުންނެވެ.

comment ކޮމެންޓް