ފަޅު ރަށަކަށް ޑިންގީއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދަނީ

ފަޅު ރަށަކަށް ޑިންގީއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ގދ. މާވަރުލުއާއި އެއަތޮޅު ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ޑިންގީއެއްގައި މިއަދު ހެނދުނު ދިޔަ ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރަމުން އަންނަ ކަމަށެވެ.

އެކަމުގެ މައުލޫމާތު ލިބުނީ މިރޭ 22:03 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ ގދ. ގައްދޫ، ޗިޗަންޑާގޭ އުމުރުން 77 އަހަރުގެ އަބްދުއްރަހީމާއި އެރަށު ޗަނބޭލީގޭ އުމުރުން 74 އަހަރުގެ ހަސަން މަޖުދީއެވެ.

ގައްދޫ ކައުންސިލް މެމްބަރު އަލީ އަބްދުﷲ "ސަން"އަށް ވިދާޅުވީ އެ ދެ މީހުން ޑިންގީއެއްގައި ދިޔައީ އެރަށް ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ ހޮނޑާނަފުއްޓަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ހޮނޑާނަފުށީގައި އެ މީހުން ހޯދުމަށްޓަކައި. އެ ދެ މީހުން ހޯދުމަށްޓަކައި ގައްދޫ ކައިރީ ހުރި ހުރިހާ ފަޅުރަށްތަކެއް ބެލުމަށް ވަނީ ނިންމާފައި،" އަލީ އަބްދުﷲ ވިދާޅުވިއެވެ.

މިއަދަކީ އެ ސަރަހައްދުގެ މޫސުން ގޯސްވެ ކަނޑުވެސް ގަދަ ދުވަހެއް ކަމަށާއި މިހާތަނަށް ބެލިބެލުމުން އެ ފަޅުރަށުން އެ ދެ މީހުން އުޅުނު ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ކައުންސިލަރު ވިދާޅުވިއެވެ.

comment ކޮމެންޓް