މަހުލޫފް ލީކުކުރި ޗެޓުލޮގުތަކުން ޒާތީކަމެއް އޮތްކަން ސާބިތެއް ނުވާނެ: ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލައިފައިވަނީ ޒާތީކޮށް ކަމަށް ބުނެ، މަހުލޫފް އާންމުކުރައްވައިފައިވާ ޗެޓުލޮގުތަކުން ހާމަވާނެ އެއްޗެއް ނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދައުވާކުރަން ނިންމުމާއެކު، މަހުލޫފް އިއްޔެ އާންމު ކުރައްވައިފައިވަނީ ޔޫތު މިނިސްޓަރުގެ ޕީއޭ އަޒްމޫން އަހުމަދު އާއި ޕީޖީ ޝަމީމް ދައްކަވައިފައިވާ ވާހަކަތަކެއްގެ ޗެޓުލޮގުތަކެކެވެ.

ޕީޖީ ޝަމީމް "ސަން"އަށް މިއަދު ވިދާޅުވީ ދައުވާކޮށްފައިވަނީ ދައުވާކުރުމުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، އުންސުރުތައް ފުރިހަމަވުމުން ކަމަށެވެ.

"[ދައުވާ ކުރަނީ] އެ ފުރިހަމަވާން ޖެހޭ ކަންތަކެއް ފުރިހަމަވެގެން، އަޅުގަނޑު ލިޔެފައި ހުންނަ އުންސުރު ފުރިހަމަވެގެންނޭ، އެހެންވީމަ އެގޮތަށް ކަންކަން ފުރިހަމަވެގެން ދައުވާ [ކުރީ]، އެއްވެސް ޒާތީކަމެއް، ޕާސަނަލް ކަމެއް ނޯންނާނެ،" ޝަމީމް ވިދާޅުވިއެވެ.

މަހުލޫފް އާންމުކުރެއްވި ޗެޓުލޮގުތަކާ ގުޅިގެން ޝަމީމް ވިދާޅުވީ ޗެޓޮލޮގުތަކުން ޒާތީތަކަމެއް އޮތްތަން ނުފެންނާނެ ކަމަށެވެ.

"އޭގެން [ޗެޓޮލޮގުތަކުން] ވެސް އަޅުގަނޑުގެ ޒާތީކަމެއް އޮތް ހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ އޭގެން ސާބިތުވާނެހެން، ފެންނާނެހެން، އަޅުގަނޑު އެފަދަ [ޒާތީ] ކަމެއް ނޯންނާނެ،" ޝަމީމް ވިދާޅުވިއެވެ.

ޒާތީކަމެއް ނޯންނާނެކަމަށް ވިދާޅުވެ ޝަމީމް އިތުރަށް ވިދާޅުވީ މި މައްސަލައިގައި "އިތުރު ކޮމެންޓެއް" ނެތް ކަމަށެވެ.

ޗެޓުލޮގުތައް އާންމުކުރައްވައި މަހުލޫފް އިއްޔެ ވިދާޅުވީ ދައުވާ ކުރަން ނިންމި ނިންމުމަކީ ޒާތީ ކަމެއް ކަމަށާއި ޗެޓުލޮގުތަކުން އެކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ.

https://sun.mv/159384

މަހުލޫފް އާންމުކުރެއްވި ޗެޓުލޮގުގައި އޭނާގެ ޕާސަނަލް އެސިސްޓެޓް އަޒްމޫން އަހުމަދު ވަނީ މަހުލޫފްގެ މައްސަލަ ނިމެނީ ކޮން އިރަކުންތޯ ސުވާލުކުރައްވައިފައެވެ. އަދި ފުޓްބޯޅަ މެޗެއް ބެލުމަށް ވެސް ދައުވަތު ދެއްވައިފައިވެއެވެ.

އޭގެ ޖަވާބުގައި ޕީޖީ ޝަމީމް ވަނީ ޔޫތު މިނިސްޓްރީގައި ތިއްބެވީ "ހުސް މުއްތަހަމުން" ކަމަށް ވިދާޅުވެ މެޗު ބަލަން ދާނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ.

އެއާއެކު އަޒްމޫން ވަނީ އެ މައްސަލައިގައި މިހާރު 110 ދުވަހަށް ވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާ ކަން ފާހަގަކުރައްވައިފައެވެ.

އަޒްމޫނަށް ޖަވާބުދެއްވަމުން ޕީޖީ ވަނީ "އެއީ ފުއްޕީމާ" ވާ ގޮތް ކަމަށް ވިދާޅުވެފައެވެ.

"900 ދުވަސް ވިޔަސް، ބޭކާރު ގޮތުގައި ފުއްޕީމާ ވާ ގޮތް މިއީ، ޕޮލިސް ވެސް ނޯ ސިމްޕަތީ ނައު،" މަހުލޫފް އާންމުކުރެއްވި ޗެޓުލޮގުގައި ޕީޖީ ޝަމީމް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ ޖޫން މަހު ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.

މަހުލޫފް ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ މައްސަލައިގެ އަޑީގައި ވަނީ އޭނާ މަގާމުން ދުރު ކުރަން މަސައްކަތް ކުރާ ސިޔާސީ ބަޔެކެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މަހުލޫފާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް