އާމެނިއަން ޔޫތު އޯޕަން 2024 ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި، ރާއްޖޭގެ ލައިބާ އަޙްމަދު މަހުލޫފު (އެލީ) ސިލްވާ މެޑަލް އަކާއި ބްރޯންޒް މެޑަލެއް ހޯދައިފިއެވެ.
އެއީ އެ މުބާރާތުގެ 14 އަހަރުން ދަށުގެ ޑަބަލްސް އިން ރިހި މެޑަލް އަދި 13 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިން ބްރޯންޒް މެޑަލެވެ.
ލައިބާ ބުނީ މިއީ ބައިނަލްއަޤުވާމީ މުބާރާތްތަކުން ތިން ވަނަ ރިހި މެޑަލް އަދި ފަސް ވަނަ ބްރޯންޒް މެޑަލް ކަމަށެވެ.
ފައިނަލުގައި ލައިބާ ބަލިވީ ބަލްގޭރިއާގެ އެއްވަނަ ރޭންކުގެ ޑަބަލްސް ޕެއާ އަތުން 21-13 އަދި 21-12ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ސިންގަލްސްގައި ލައިބާވަނީ އާމެނިއާގެ ޖޫލިއެޓާއާ ވާދަކޮށް، 11-21 އަދި 13-21ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
އަދި އާމެނިއާގެ އައިޑާއާ ވާދަކޮށް 12-21 އަދި 6-21ގެ ނަތީޖާއަކުން ލައިބާ މެޗު ކާމިޔާބުކުރިއިރު، ބަލްގޭރިއަން ރޭންކުގެ ތިންވަނަ ކުޅުންތެރިޔާ މާރިޔާއާ ބައްދަލުކުރި މެޗު ލައިބާއަކަށް ކާމިޔާބެއް ނުކުރެވުނެވެ.
އެ މެޗު 13-21، 17-21 އަދި 12-21 އިން ކާމިޔާބުކުރީ މާރިޔާއެވެ.
ރައުންޑް އޮފް 16ގެ ސިންގަލްސްގައި ސައިޕްރަސްގެ ކެޓްރީނާއާ ވާދަކޮށް، ލައިބާ ކެޓީ ކުޑަކުޑަ ފަރަގަކުންނެވެ. އެ ގޮތުން އެ މެޗު ކެޓްރީނާ ކާމިޔާބުކުރީ 17-12 އަދި 20-22ގެ ނަތީޖާއަކުންނެވެ.
ލިބުނު ކާމީޔާބީއާއެކު ލައިބާ ވަނީ އޭނާގެ ކޯޗުން ކަމަށް ވާ ޗަރިތު ކޯޗު، އަބިޝެކް ކޯޗު އަދި އަބްދުލް ކޯޗަށް ޝުކުރު އަދައިކޮށްފައެވެ.
އަދި އަންނަހަފްތާ ބަންދުގައި ޕޮލެންޑުގައި ބާއްވާ 'ޔޮންޝެކް ޕޮލިސް އިންޓަނޭޝަނަލް ފެސްޓިވަލް' ގައި ބައިވެރިވެ ވާދަކުރާނެ ކަން އޭނާ ވަނީ އިއުލާނު ކޮށްފައެވެ.
މިދިޔަ އަހަރުގެ ވެސް ލައިބާވަނީ 11 އަހަރުން ދަށުގެ ޔޫރަޕްގެ ޓޮޕް ރޭންކުގެ ކުޅުންތެރިންނާ ވާދަކޮށް، ދެ ރިހި މެޑަލާއި ހަތަރު ބްރޯންޒް މެޑަލް ހޯދާފައެވެ.