އާމެނިއަން ޔޫތު އޯޕަން 2024 ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލުން ރާއްޖޭގެ ލައިބާ އަޙްމަދު މަހުލޫފު (އެލީ) ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ލައިބާ ޖާގަ ހޯދީ މިކްސްޑް ޑަބަލްސްގައި އޭނާގެ ޕާޓުނަރު، އާމެނިއާގެ މާކްއާ އެކުގައެވެ. އަދި ޑަބަލްސްގައި އޭނާގެ ޕާޓުނަރު، ސައިޕްރަސްގެ ކެޓްރީނާއާ އެކުގައެވެ.
އާމެނިއާގެ ޔެރުވަންގައި ކުރިޔަށްދާ މި މުބާރާތުގެ މިކްސްޑް ޑަބަލްސް ސެމީ ފައިނަލް އޮންނާނީ މާދަމާ ރާއްޖެ ގަޑިން 11:40ގައެވެ.
މި މެޗުގައި ލައިބާއާއި އޭނާގެ ޕާޓުނަރު، އާމެނިއާގެ މާކްއާ ކުރިމަތިލާނީ ބަލްގޭރިއާގެ މިކްސްޑް ޑަބަލްސް ޗެމްޕިއަންއާއެވެ.
މިކްސްޑް ޑަބަލްސްގައި ލައިބާއާއި މާކް އާއި މެދޮޅަށް އާމެނިއާގެ ނަރެކް އަދި ގަޔަނޭ ބައްދަލުކުރި މެޗު، ލައިބާ އަދި މާކް ކާމިޔާބުކުރީ 14-21 އަދި 12-21ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން ޑަބަލްސްގައި ލައިބާއާއި ކެޓްރީނާވަނީ، ދެކޮޅަށް ނިކުތް އާމެނިއާގެ މިސަކްޔަންއާއި އެނޫޔަން 6-21 އަދި 5-21އިން ބަލިކޮށްފައެވެ.
މި މުބާރާތުގެ ސިންގަލްސްގައި ލައިބާވަނީ އާމެނިއާގެ ޖޫލިއެޓާއާ ވާދަކޮށް، 11-21 އަދި 13-21ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދި އާމެނިއާގެ އައިޑާއާ ވާދަކޮށް 12-21 އަދި 6-21ގެ ނަތީޖާއަކުން ލައިބާ މެޗު ކާމިޔާބުކުރިއިރު، ބަލްގޭރިއަން ރޭންކުގެ ތިންވަނަ ކުޅުންތެރިޔާ މާރިޔާއާ ބައްދަލުކުރި މެޗު ލައިބާއަކަށް ކާމިޔާބެއް ނުކުރެވުނެވެ. އެ މެޗު 13-21، 17-21 އަދި 12-21އިން ކާމިޔާބުކުރީ މާރިޔާއެވެ.
ރައުންޑް އޮފް 16ގެ ސިންގަލްސްގައި ސައިޕްރަސްގެ ކެޓްރީނާއާ ވާދަކޮށް، ލައިބާ ކެޓީ ކުޑަކުޑަ ފަރަގަކުންނެވެ. އެ ގޮތުން އެ މެޗު ކެޓްރީނާ ކާމިޔާބުކުރީ 17-12 އަދި 20-22ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރުގެ ވެސް ލައިބާވަނީ 11 އަހަރުން ދަށުގެ ޔޫރަޕްގެ ޓޮޕް ރޭންކުގެ ކުޅުންތެރިންނާ ވާދަކޮށް، ދެ ރިހި މެޑަލާއި ހަތަރު ބްރޯންޒް މެޑަލް ހޯދާފައެވެ.