އޭލެވެލް އިމްތިހާނު ދެން ހަދާނީ އޮކްޓޯބަރު/ނޮވެމްބަރުގައި: އެޑިއުކޭޝަން މިނިސްޓްރީ

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަތީ ސާނަވީ ނިންމުމަށް ފަހު ހަދައި އޭލެވެލް އިމްތިހާނު ދެން ރާއްޖޭގައި ހަދާނީ އޮކްޓޯބަރު ނޮވެމްބަރުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ މި ބަދަލު ގެނައީ ދިރާސާ އަހަރު ފަށާ ތާރީހަށް ގެނައި ބަދަލާ ގުޅިގެންކަމަށެވެ.

އެގޮތުން އޯގަސްޓު މަހު ދިރާސީ އަހަރު ފަށައިފައި، މޭ ޖޫންއަށް ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމަކީ އުނދަގޫ ކަމެއްކަމަށް ސްކޫލްތަކުން ފާހަގަކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

"ސްކޫލްތަކުން ފާހަގަކުރާ ގޮތުގައި، މޭ ޖޫންގައި އިމްތިހާނު ހަދާނަމަ، ގައިޑެޑް ލާނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރުމަށް ދަތިވާނެ،" ސާކިއުލާގައި ބުންޏެވެ.

އެއާއެކު އެ މިނިސްޓްރީން ބުނީ އޭ ލެވެލް ހަދާ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއެކު އިމްތިހާނު ހަދާނެ އިރެއް ކަނޑައެޅުމަށް ޓަކައި މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި ސްކޫލްތަކުގެ ވެރިން ބޭނުންވަނީ ދަރިވަރުންނަށް ވެސް ފައިދާވާނެހެން އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދިއުމަށްކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެއާއެކު އޮކްޓޯބަރު ނޮވެމްބަރަށް އިމްތިހާނު ބަދަލުކޮށްފައިވާކަމަށް ސާކިއުލާގައިވެއެވެ.

ދިރާސީ އަހަރު ފަށާ ތާރީހަށް ބަދަލު ގެނެސްފައިވަނީ ކޮވިޑް19އާ ގުޅިގެންނެވެ. އެއާއެކު ރާއްޖޭގައި އޯ ލެވެލް އިމްތިހާނު ބާއްވާ މުއްދަތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން އޮކްޓޯބަރު ނޮވެމްބަރުގައި އޯ ލެވެލް ހެދި ނަމަވެސް މިހާރު އޯ ލެވެލް އޮންނަނީ މޭ ޖޫންގައެެވެ.

comment ކޮމެންޓް