ސިފައިންގެ މީހާ ރަހީނުކުރި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ -- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ސިފައިންގެ މީހަކު ރަހީނުކުރި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް މިއަދު ފުލުހުން ބުނެފިއެވެ.

އެ ހާދިސާއާ ބެހޭ ގޮތުން އެ ސިފައިންގެ މީހާގެ އާއިލާގެ މެންބަރަކު މީގެ ކުރިން "ސަން"އަށް ބުނީ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ހަމަލާ ދިނީ މާލޭގެ މަގެއް މަތިން، ހަތަރު މީހުންގެ ގުރޫޕަކުން ކަމަށެވެ. އެގޮތުން އެމީހުން އޭނާގެ ބޮލުގައި އެއްޗަކުން ޖެހުމުން އޭނާ ހޭނެތުނު ކަމަށާއި އޭގެ ފަހުން އޭނާ ކޮޓަރިއަކަށް ގެންދިއުމަށްފަހު ވަރަށް ބޮޑަށް އަނިޔާކޮށް ފައިސާ ހޯދަން މަސައްކަތް ކުރި ކަމަށް އާއިލާއިން ބުންޏެވެ.

ނަމަވެސް ފަހުން ފުލުހުން ވަނީ ފަހީމް ރަހީނުކޮށް ޕާކެއްގެ ތެރެއަށް އެއްލާލި ކަމަށް އޭނާގެ އާއިލާ އާއި އެމްއެންޑީއެފްއިން ބުނި ނަމަވެސް، އެއީ އެކަން ހިނގިގޮތް ނޫން ކަމަށް ބުނެފައެވެ. އަދި އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވޭ," ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ފަހީމް ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އައިޖީއެމްއެޗުގެ އެމާޖެންސީގައި އޭނާއަށް ފަރުވާ ދިން ކަމަށް އޭނާ އާއިލާގެ މެމްބަރަކު ވަނީ ބުނެފައެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް