އަންނަ އަހަރުގެ "ބީޗް ޕްރޯ ޓުއާ" ގެ މުބާރާތެއް ރާއްޖޭގައި ހޯސްޓް ކުރަނީ

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ ތެރެއިން: ފައިނަލުގައި އަނިލް އާއި އަދުނާންގެ ޕެއާ ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ --- ފޮޓޯ/ ވީއޭއެމް

ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަންގެ އެފްއައިވީބީ ބީޗްވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި ހޯސްޓް ކުރަން ނިންމައިފިއެވެ.

ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީން މިއަދު އިއުލާންކުރި ކަލަންޑަރުގައިވާ ގޮތުން ބީޗް ވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13-16 އަށް ކުރިއަށްގެންދަން ވަނީ ތާވަލުކޮށްފައެވެ. މިއީ އެފްއައިވީބީން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާނެ ފުރަތަމަ ފަހަރެވެ.

ދާދި ފަހުން އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ އަށް ވަޑައިގެން ވޮލީއާ ގުޅޭ ގިނަކަންތައްތަކެއް ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން މިފަދަ ޓުއާ މުބާރާތެއް ބޭއްވުމަށް މަޝްވަރާ ކުރެވުނު އިރު، މީގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ބީޗް ވޮލީގެ އެންމެ ބޮޑެތި ތަރިން ޒިޔާރަތް ކުރާނެއެވެ.

އެފްއައިވީބީން ބީޗް ޓުއާ ކުރިއަށް ގެންދަން އިއްޔެ ކަލަންޑަރުގައި ހިމަނާފައިވަނީ ޗެލެންޖާސް ބަޔާއި އެލީޓް ބައި ވަކިންނެވެ.

ރާއްޖޭގެ އިތުރުން ޗެލެންޖާސް ބައި ދެން ބާއްވާނީ މެކްސިކޯ އާއި، ބްރެޒިލާއި، މިސްރާއި، ޗައިނާ އަދި އޮސްޓްރޭލިއާގައެވެ. އަންނަ އަހަރުގެ ޓުއާގެ މުބާރާތްތައް ދެކުނު އެފްރިކާ އާއި، ޗެކް ރިޕަބްލިކާއި، ލަޓްވިއާ އާއި، ސްވިޓްޒަލެންޑާއި، ޖަރުމަން އަދި ފްރާންސްގައި ކުރިއަށްގެންދިޔުމަށްވެސް ވަނީ ތާވަލުކޮށްފައެވެ

މީގެ އިތުރުން އަންނަ އަހަރުގެ ބީޗް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް ޖޫން މަހު އިޓަލީގެ ރޯމުގައި ކުޅެންވެސް ވަނީ ނިންމާފައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވީ މި ފުރުސަތަކީ ދުނިޔޭގެ ތަރިންގެ ކުރިމަތީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ދައްކާލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެހެންމެ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ބީޗްތައް އޮތް ގައުމު ކަމަށްވެފައި، މި މުބާރާތް ރާއްޖޭގައި ބާއްވަން މުޅި ގައުމު އޮތީ ތައްޔާރަށް ކަމަށެވެ.

comment ކޮމެންޓް