މަގާމުން ދުރުކުރި ސޫދާނުގެ ބޮޑުވަޒީރު އަލުން މަގާމާ ހަވާލުވެ ވަޑައިގަންނަވަނީ

މަގާމުން ދުރުކުރި ސޫދާނުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އަލުން މަގާމާ ހަވާލުވެ ވަޑައިގަންނަވަނީ

ޚުރުތޫމް (21 ނޮވެމްބަރު) : މިދިޔަ އޮކްޓޫބަރު 25 ވަނަދުވަހު ސޫދާނުގެ ސިފައިން ހިންގި އަސްކަރީ ބަޣާވާތުގައި މަގާމުން ދުރުކުރި އެގައުމުގެ މަދަނީ ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް އަލުން ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ހަމްދޫކް މިގޮތަށް ނިންމެވީ މިމައްސަލާގައި އަސްކަރީ ވެރިން އޭނާއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަކަށް ފަހުގައެވެ. މި މަޝްވަރާތަކުގައި އަސްކަރީ ވެރިންނާއި ހަމްދޫކް އެއްބަސްވެވަޑައިގެންފައިވަނީ ބޮޑުވަޒީރުކަމާ ހަމްދޫކް އަނެއްކާވެސް ހަވާލުވެވަޑައިގަތުމަށާ އަދި ދާދިފަހުން އަސްކަރީ ވެރިން އެކުލަވާލި ސިޔާދަތީ ކައުންސިލް އުވާލުމަށެވެ.

މި އެއްބަސްވުމުގެ ދަށުން ހަމްދޫކް އެކުލަލާލައްވާނީ ފަންނީ ބޭފުޅުން (ޓެކްނޮކްރޭޓުން) ގެ ސަރުކާރެކެވެ. އެސަރުކާރުގައި ސިޔާސީ އެއްވެސް ފިކުރެއްގެ އަދި ސިޔާސީ އެއްވެސް ޕާޓީއެއްގެ ބޭފުޅަކު ނުހިމެނޭނެއެވެ. ހަމްދޫކު މިކަމަށް އެއްބަސްވެވަޑައިގެންނެވިއިރު އޭނާ ކުރިންވަނީ އަސްކަރީ ބަޣާވާތުގައި މަގާމުން ދުރުކުރި ސަރުކާރު އަލުން ވެރިކަމަށް ގެންނަން އަސްކަރީ ވެރިން ގަބޫލުނުވަނީސް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.

މިމަހުގެ ކުރީކޮޅު އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާންވަނީ ހަމައެކަނި ޓެކްނޮކްރޭޓުން ހިމެނޭގޮތަށް ސަރުކާރެއް އެކުލަވާލައި އެސަރުކާރުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ހަމްދޫކް އަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް އޭރު ހަމްދޫކް އެކަމާ ދެކޮޅު ހެއްދެވިއެވެ. ހަމްދޫކް އޭނާގެ ނިންމެވުން ފަހުން ބަދަލުކުރެއްވުމުން ސޫދާނަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރާ މަދަނީ އިއްތިހާދުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން އަސްކަރީ ބަޣާވާތާއެކު ގޭގައި ބަންދުކުރި ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް މިއަދު ހެނދުނުވަނީ މިނިވަންވެސް ކޮށްފައެވެ. އޭނާ މިނިވަންކުރިކަން ސޫދާނުގެ މިޑިއާއާއި އަލްޖަޒީރާއިންވަނީ ކަށަވަރުކޮށްދީފައެވެ.

ސޫދާނުގެ ރައްޔިތުން ގެންދަނީ މިދިޔަ އޮކްޓޫބަރު 25 ވަނަދުވަހު ޖެނެރަލް ބުރުހާން އިސްކޮށް ހުންނަވައިގެން ގެނައި އަސްކަރީ ބަޣާވާތުގައި އުވާލި އިންތިގާލީ މަދަނީ ސަރުކާރު އަލުން އަނބުރައި އިއާދަކުރުމަށް ގޮވާލައި އިހްތިޖާޖް ކުރަމުންނެވެ. އަސްކަރީ ބަޣާވާތާ ދެކޮޅަށް ހަރަކާތްތެރިވާ މަދަނީ އިއްތިހާދުން ވަނީ ޖެނެރަލް ބުރުހާން އަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި މަދަނީ ބަސްނޭހުމުގެ ވަރުގަދަ ހަރަކާތެއްވެސް ފަށާފައެވެ.

މިހަރަކާތުގައި ސޫދާނުގެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ވަނީ ފުޅާދާއިރާއެއްގައި ބައިވެރިވެފައެވެ. މި ހަރަކާތުގެ ދަށުން ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އިންޖިނޭރުން ފަދަ ފަންނީ ދާއިރާތަކުގެ މުވައްޒަފުން ވަޒީފާތަކަށް ނުނިކުތުމުން އަސްކަރީ ވެރިންނަށްވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ.

މީގެއިތުރުން އަސްކަރީ ބަޣާވާތުގެ ކުރިން ސޫދާން އޮތް ހާލަތަށް އެގައުމު އަލުން ރުޖޫއަކުރުމަށް ގޮވާލައި އެމެރިކާއާއި ޔޫރަޕުންވެސް ގެންދަނީ ޖެނެރަލް ބުރުހާނަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އަސްކަރީ ބަޣާވާތުގައި ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކުގެ އިތުރުން އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިންވެސް ހައްޔަރުކުރިއެވެ. ނަމަވެސް ސޫދާނުގެ ރައްޔިތުންގެ މުޒާހަރާތަކާ އަދި ބައިނަލްއަގްވާމީ ފިއްތުންތަކާ ގުޅިގެން ވަޒީރުންގެ ތެރެއިން 3 ބޭފުޅުން ދާދިފަހުންވަނީ މިނިވަންކޮށްފައެވެ. އަދި ހަމްދޫކްވެސްވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. މިއަދު ހަމްދޫކުވަނީ އެއްކޮށް މިނިވަންކޮށްފައެވެ.

އަސްކަރީ ވެރިޔާ ޖެނެރަލް ބުރުހާންވަނީ ކުރިންވެސް އޮތްގޮތަށް 2024 ގައި އިންތިގާލީ މަރުހަލާ ނިންމުމަކަށް އައުމުން އިންތިޚާބެއް ބޭއްވުމަށްފަހު ރައްޔިތުން ހޮވާ ފަރާތަކާ ސަރުކާރު ހަވާލުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބަށް ކުރިމަތި ނުލައްވާނެކަމަށްވެސް ޖެނެރަލް ބުރުހާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބުރުހާންގެ ވާހަކަތަކަށް ސޫދާނުގެ އާންމުންނާއި ސިޔާސީ ފަރާތްތަކުން މިހާރު އިތުބާރެއް ނުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް