ފެންބޮޑުވުމުގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވުމާ ގުޅިގެން ސޫދާންގައި ތިބި ފަސް އަހަރުން ދަށުގެ 1.6 މިލިއަނަށްވުރެ ގިނަ ކުދިން އަންނަ އަހަރު ބަނޑުހައިހޫނު ކަމަށް ހުށަހެޅިދާނެ ކަމަށް އދ އިން ބުނެފިއެވެ.
އަލް އަހްރަމް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި 2011 ވަނަ އަހަރު ސޫދާނުން މިނިވަންކަން ހޯދި ފަހުން ހަމަނުޖެހުންތަކާއި ގުދުރަތީ ކާރިސާތަކާއި އިގްތިސާދީ ދަތިތަކުގެ އިތުރުން އެތެރޭގެ ސިޔާސީ ކޯޅުންތައް އެ ގައުމުގައި ގިނައެވެ.
ސޫދާންގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމަކީ ކޮންމެ އަހަރަކު އެއްފަހަރު ކުރިމަތިވާ ކަމަކަށްވާއިރު، ފެންބޮޑުވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ހޯދުމަށް ދަތިވެ، އެކި ކަހަލަ ބަލިތައް ފެތުރެއެވެ.
"މިއީ މޫސުމީ ބަދަލުތަކާއެކު ދިރިއުޅެން ޖެހޭ މީހުންގެ ހަގީގަތް." އދގެ ކާނާއާ ބެހޭ ޕްރޮގްރާމް (ޑަބްލިޔުއެފްޕީ)ގެ ކަންޓްރީ ޑިރެކްޓަރު މެރީ-އެލެން މެކްގްރޯއާޓީ ވިދާޅުވިއެވެ.
ތޮއްޖެހި ފެންބޮޑުވެފައިވާ ތަންތަނުގައި އުޅެން ޖެހުމުން ކާނާ ނުލިބި، ކުޑަކުދިން މާލްނިޔުޓްރިޝަންގެ ޝިކާރައަކަށް ވެގެންދާތަން އިންތިހާއަށް ފެންނަ ކަމަށްވެސް މެކްގްރޯއާޓީ ވިދާޅުވިއެވެ.
ސޫދާނުގެ އަނިޔާވެރި ހަނގުރާމައިން ފިލައިގެން ދިޔަ ދެކުނު ސޫދާނުގެ ލައްކައެއްހާ ރެފިއުޖީން އެނބުރި އުތުރު ސޫދާނަށް އައުމުން ތޮއްޖެހުން އިތުރުވެ، ބަނޑުހައިހޫނުކަމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށް މިދިޔަ މަހު ޑަބްލިއުއެފްޕީން ވަނީ ބުނެފައެވެ.
އޭޕްރީލް މަހުގެ މެދުތެރޭގައި ސޫދާނުގައި ހަނގުރާމަ ފެށި ފަހުން 10000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ ޕްރޮޖެކްޓްގެ ކޮންޒަވޭޓިވް އަންދާޒާއަކުން ދައްކައެވެ. ނަމަވެސް މި ހަމަނުޖެހުންތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތައް މިހާތަނަށްވެސް ކާމިޔާބުވެފައެއްނުވެއެވެ.
ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމު ކަމަށްވާ ދެކުނު ސޫދާންގެ އާންމުން ދިރިއުޅުމުގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި އެމީހުން ހޭދަކުރީ ހަނގުރާމައިގެ ތެރޭގައެވެ. ސޫދާންގެ ވެރިކަމުގެ މިއަދު ތިބި ފެޑަރަލް ރިޕަބްލިކާއި ވާދަވެރި ލީޑަރުންގެ މެދުގައި ކުރި ފަސް އަހަރުގެ ދާޚިލީ ހަނގުރާމައިގައި 380000 އެއްހާ މީހުން މަރުވެފައިވެއެވެ.
ދެކުނު ސޫދާނަކީ ތެލުގެ ރިޒާވް ބޮޑު ގައުމެއް ނަމަވެސް އެގައުމު އޮތީ އިންސާނީ ކާރިޘާއެއްގެ މެދުގައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެގޮތުން 2023 ވަނަ އަހަރު ގާތްގަނޑަކަށް 9.4 މިލިއަން މީހުން ނުވަތަ އާބާދީގެ 76 އިންސައްތަ މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.