އަރަބިއްޔާ ސުކޫލުގައި ވަގުތުން ވަގުތަށް ކުރަން ޖެހޭ މަރާމާތުތައް އެނގޭތީ ސްޓްރަކްޗްރަލް އެސެސްމެންޓެއް ހަދައިގެންކަމަށް އެޑިއުކޭޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އަރަބިއްޔާ ސުކޫލުގެ އިމާރާތުގައި ރެނދުލައި، އެތަން ވީރާނާވަމުން ދާތީ އެ ސުކޫލުގެ ބެލެނިވެރިން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މީސްމީޑިއާގައި ބައެެއް ދީނީ އިލްމުވެރިން ވެސް ވަނީ މިކަމާ ނުރުހުން ފާޅުކުރައްވައިފައެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އެކަން ވަރަށް ގާތުން މޮނިޓަރ ކުރަމުން ދާ ކަމަށެވެ. އަދި މައްސަލަ ސަމާލުކަމަށް އައުމާ ގުޅިގެން އިންޖިނިއަރުން ލައްވާ އެ ސުކޫލުގެ އިންސްޕެކްޝަނެއް ހަދައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
"އިންސްޕެކްޝަން ރިޕޯޓުން ދައްކާ ގޮތުގައި ތަނުގައި ވަގުތުން ވަގުތަށް ކުރަން ޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗްރަލް އެސެސްމެންޓް ހަދައިގެން. މިކަމަށް ދެ މަހެއް ވަރު ނަގާނެ،" މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، އެ އެސެސްމެންޓް ނިމޭހާ އަވަހަކަށް މަރާމާތުގެ މަސައްކަތް ފެށޭނެ ކަމަށާާއި މިކަމާ ގުޅިގެން މިނިސްޓްރީން ބެލެނިވެރިންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އަރަބިއްޔާ ސުކޫލުގެ އިމާރާތުގެ އެކި ތަންތަނުގައި ވަނީ ރެނދު ލައިފައެވެ. އަދި ސުކޫލުގެ ބައެއް ހިސާބުތަކުން ފެން ލީކުވެއެވެ. އެހެންކަމުން ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި އެ ތަނުގައި ކުދިން ކިޔަވަން ފޮނުވުމަކީ ރައްކާތެރި ގޮތަކަށް ނުވާނެއެވެ.