އަރަބިއްޔާ ސުކޫލުގެ އިމާރާތް ވީރާނާވަނީ، ބެލެނިވެރިން ރަތަށް!

އަރަބިއްޔާ ސުކޫލް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަރަބިއްޔާ ސުކޫލުގެ އިމާރާތް ވީރާނާވަމުން ދާތީ އެކަމާ ގުޅިގެން އެ ސުކޫލުގެ ބެލެނިވެރިން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

އަރަބިއްޔާ ސުކޫލުގެ އިމާރާތުގެ އެކި ތަންތަނުގައި ވަނީ ރެނދު ލައިފައެވެ. އަދި ސުކޫލުގެ ބައެއް ހިސާބުތަކުން ފެން ލީކުވެއެވެ. އެހެންކަމުން ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި އެ ތަނުގައި ކުދިން ކިޔަވަން ފޮނުވުމަކީ ރައްކާތެރި ގޮތަކަށް ނުވާނެއެވެ.

އެނގިފައިވާ ގޮތުގައި މިކަމާ ހިތްހަމަ ނުޖެހިގެން ރޭގައި ބެލެނިވެރިން ވަނީ ސުކޫލުގެ މެނޭޖްމަންޓާއެކު ބައްދަލުވުމެއް ވެސް ބާއްވައިފައެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުން ވަނީ ހިއްސާކޮށްފައެވެ.

"ސަން"އާ ވާހަކަ ދެއްކި އެ ސުކޫލުގެ ބެލެނިވެރިއަކު ބުނީ އެ އިމާރާތް ހުރީ ދެންމެ ދެންމެ ވެއްޓޭ ހާލަތުގައި ކަމަށެވެ.

"މި އިމާރާތް ހެދި މީހުންނާ އަޅުގަނޑާ ވާހަކަ ދެއްކުނު. އެ މީހުން އެބަ ބުނޭ އޭރުގައި ތިމަންނަމެން ގެންނަނީއޭ ފޭކު ސިމެންތި ވެސް ބްރޭންޑުތަކުގެ ނަން ޖަހައިގެން،" އޭނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ ސުކޫލުގެ އިމާރާތް އިންޖިނޭރުން ވެސް މިހާރު ބަލައިފި ކަމަށެވެ. އަދި އެތަނުގައި ދަރިވަރުން މިހާރު ކިޔެވުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށް އިންޖިނޭރުން ވެސް ބުނާ ކަމުގައި އޭނާ ކިޔައިިދިނެވެ.

"ރިޕެއާ ކޮށްގެން ވެސް ހައްލު ނުވާނެ ކަމަށް ބުނެފައި އޮތީ،" އޭނާ ބުންޏެވެ.

"ސަން"އާ ވާހަކަ ދެއްކި އަރަބިއްޔާގެ ޓީޗަރަކު ބުނީ އެތަނުގެ ނަމާދުކުރާ ކޮޓަރިތެރެ ވެސް އޮންނަނީ ފެންބޮޑުވެފައި ކަމަށެވެ. އަދި އެތަނުގެ ފާހާނާ ތެރޭގައި ވެސް ރެނދުލައިފައި ހުންނައިރު އެތަނަށް ވެސް ފެން ފައިބާ ކަމަށް އޭނާ ކިޔައިދިނެވެ.

"އަބަދުވެސް ހައްލެއް ގެންނަން ވާހަކަ ދައްކާ. އެކަމަކު އަމަލުން އެކަން ދައްކާތަނެއް ނުފެނޭ. މިހާރު ބެލެނިވެރިން ރުޅިގަދަވެގެން އެ ނުކުތީ،"

މިކަމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ މީސްމީޑިއާގައި ނުރުހުން ފާޅުކުރައްވައިފައެވެ. އޭގެ ތެރޭގައި ޝެއިހް އަލީ ޒައިދު، ޑރ. މުހައްމަދު އިޔާޒް އަދި ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގަންނަވައެވެ.

އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ލައިފައިހުރި ރެނދުތަކަށް މީހެއްގެ އަތްތިލަ އެއްކޮށް ވަދެއެވެ. އެހާ ފުޅާމިން އެ ރެނދުތަކުގައި އެބަހުއްޓެވެ. އަދި ބައެއް ރެނދުތައް އެއަށްވުރެ ވެސް ފުޅަލެވެ.

އަރަބިއްޔާ ސުކޫލުގެ އިމާރާތުގައި ލައިފައިވާ ރެނދެއް --

މިކަމާ ގުޅިގެން އަރަބިއްޔާގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް ވިދާޅުވީ އެކަން ހައްލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރަށް މައުލޫމާތު ސާފުކުރަން މިނިސްޓްރީގެ މީޑީއާއަށް ގުޅުމަށް އޭނާ ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ލިބިފައި ނުވާއިރު، މީސްމީޑީއާގައި ވެސް ގިނަ ބަޔަކު އަންނަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް