ނަޝީދަށް ހާއްސަކުރި ގެކޮޅު ނިމިއްޖެ، އުއްތަމަ ފަނޑިޔާރުގެ އެޕާޓްމެންޓް މާދަމާއަށް ނިންމަނީ

ރައީސް ނަޝީދު ވަގުތީ ގޮތުން ހުންނެވުމަށް ތައްޔާރުކުރި މުރައިދޫގެ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނެވުމަށް ވަގުތީ ގޮތުން ހަމަޖެއްސި މުރައިދޫގެ މަސައްކަތް ނިންމާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 'ސަން' އަށް މިއަދު ވިދާޅުވީ, ރައީސް ނަޝީދު ހުންނެވުމަށް ހާއްސަކޮށްފައިވާ މުރައިދޫގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ފަހުގެ ތައްޔާރީތައް މަޖިލީހުން ކުރަމުންދާ ކަމަށެވެ.

ސިފައިންގެ ކުންފުނި ސިވެކްއާ ހަވާލުކޮށްގެން މަރާމާތުގެ މަސައްކަތް ނިންމާލާފައިވީ ނަމަވެސް ރަސްމީކޮށް އަދި މަޖިލީހާ, އެ ގެ ހަވާލުކޮށްފައި ނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް ލިޔެކިޔުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ހުންނެވުމަށް ވަގުތީ ގޮތުން މުރައިދޫގެ ހަމަޖައްސާފައިވާއިރު އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ހަމަޖައްސާފައިވަނީ ރެހެންދި ފްލެޓުގެ އެޕާޓްމެންޓެކެވެ. އެތަނުގެ ފިނިޝިން މާދަމައަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރެރިސްޓް ހަމަލާއަށް ފަހުއެވެ.

އެ ހަމަލާއަށްފަހު ޖަރުމަންވިލާތާއި އިނގިރޭސިވިލާތުން ރައީސް ނަޝީދު ހޯއްދެވި ބޭސް ފަރުވާއަށް 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އަދި އޭނާ އެނބުރި މާލެ ވަޑައިގަތް ފަހުން ހޮޓެލް ޖެންގައި ހުންނެވި 21 ދުވަހަށް 698،168 ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ރައީސް ނަޝީދުގެ ބޭސް ފަރުވާއަށާއި ޖެންގައި ހުންނެވުމަށް މިހާތަނަށް ހޭދަކޮށްފައިވާ އަދަދު, 2.4 މިލިއަން ރުފިޔާއަށް އަރައެވެ.

comment ކޮމެންޓް