ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ވަނީ އިސްލާހެއް ގެނެސްފައެވެ. މި އިސްލާހު ބާތިލް ކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވި ނަމަވެސް، އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
މިކަމާ ގުޅިގެން މިއަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ހަމައެކަނި މަޖިލީހަށް ކަމަށެވެ. އަދި ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލުކުރާ ނަމަ، ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އޮންނަނީ ސީދާ ރައްޔިތުންނަށް ކަމަށް އެ ޕޯސްޓުގައި ވެއެވެ.
އެ ޕޯސްޓުގެ ތެރޭގައި، ނަޝީދުގެ ނުރަސްމީ އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ސުޕްރީމް ކޯޓަށް ލިބިދީފައި އޮންނަނީ ގާނޫނު އަސާސީ މާނަ ކުރުމުގެ ބާރު ކަމަށެވެ.
"ސުވާލަކީ މެންބަރުންގެ ގޮނޑި ގެއްލޭ ހަމަ ބަދަލުކުރުން އެއީ ބަދަލެއްތޯ ނުވަތަ އިސްލާހެއްތޯ. މިކަން މާނަ ކޮށްދިނުން އެއީ ސުޕްރީމް ކޯޓުގެ ވާޖިބު،" އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.
މިހާރު ސުޕްރީމް ކޯޓުގައި އޮތް އެ މައްސަލައަށް އިދިކޮޅު އެމްޑީޕީން ތަދައްޚުލު ވެފައި ވާއިރު، ނަޝީދުގެ ޑިމޮކްރެޓްސްއިން ވެސް ވަނީ އެ މައްސަލައަށް ތަދައްޚުލު ވެފައެވެ. ނަމަވެސް ޑިމޮކްރެޓްސްއިން އެ މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވެފައެއް ނުވެއެވެ.
ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ވެސް މި މައްސަލައިގައި ދެކެވަޑައިގަންނަވަނީ, ނަޝީދު ދެކެވަޑައިގަންނަވާ ގޮތަށެވެ.
އިމްތިޔާޒު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ނުބެލޭނެ ކަމަށް ވިދާޅުވެފައެވެ.
comment ކޮސް
1 month 1 week ago
"ރައްޔިތުން" މި ލަފުޒަކީ މިޒަމާނުގައި ސިޔާސީން އެމީހުންގެ އަމިއްލަ މަންފާއަށްޓަކައި ބޭނުންކުރާ ހަތިޔާރެއް. ރައްޔިތުންނަށް ލިބޭ ފައިދާގެ 99 ގުނަ ނަގަނީ ތިޔަ ސިޔާސީ ބޭފަވާތެރިން
comment ރައްޔިތުން
1 month 1 week ago
ހުރިހާ ރައްޔިތުން ގާނޫނު ނުކިއާނެ، ގާނޫނުކިއާނީ އެކަމުގެމާހިރުންނާއި އެކަމަށް ޝައުގުވެރިވާ ރައްޔިތުން، ކެންދޫއާއި ކެލާމީހުންްވެސް އެއީރައްޔިތުން، މަޖިލިހުން ކުރިކަމެއް އިދިކޮޅަށް ފޮރޮޅާލަން މަޖިލިހުން މަސައްކަތެއް ނުކުރާނެ، ރައްޔިތުންގެ ފަރާތުން ކޮންމެވެސް ރައްޔިތަކު މައްސަލައެއް ހުށައެޅީމަ އެއޮތީ ރައްޔިތުން ބަދަލުކުރަން އެދިފަ. ސުވާލަކީ ރައްޔިތުން ކަމެއް ބަދަލުކުރަން ދާނީ ކޮނަތަނަކަށްހޭ !؟