ނަފުސުގެ ރައްކާތެރިކަން

މީހަކު މަގު ހުރަސް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖީދީ މަގެވެ. ރޭގަނޑުގެ އިރާދަން ވަގުތެވެ. ދުއްވާތަކެއްޗާއި ހިނގާބިނގާވާ މީހުންތަކުން މުޅި މަގު އޮތީ އޮލަޖެހިފައެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ކޮންމެ މީހަކީ ވެސް ކޮންމެވެސް މުހުތާދަކައިގެން ނިކުމެ އުޅޭ މީހެކެވެ. ދުއްވާ މީހުންނަށް މަގު އޮތީ ކުޑަވެފައެވެ. ހިނގާ މީހުންނަށް ދުވާރު އޮތީ ހަނިވެފައެވެ.

މި ފަދަ ހާލަތެއްގައި އޮތް މަގުގެ ދުވާރުމަތިން ހިނގަމުން ދިޔަ ޢާއިލާއެއް ކުއްލިއަކަށް މަގު ހުރަސްކޮށް، އަނެއް ފަރާތަށް ދާން ބޭނުންވެގެން، ދުވާރުން ފައިބައި، ކަފިހިހުރަހާ ދިމާގައި މަޑުކޮށްލައިފިއެވެ. އެ ތަނުގައި ދުވަސްވީ އަންހެނަކާއި ދެ ކުޑަކުދިންނާއި ޒުވާން ދެމަފިރިއަކު ތިއްބެވެ.

އެ އާއިލާގެ މެންބަރުން ކަފިހިހުރަސްމައްޗަށް އެރުމަށް ޓަކައި ފުރަތަމަ އެޅި ފިޔަވަޅާއެކު، މަގުގެ ދެ ކޮޅުން އެ ދިމާއަށް ދުއްވާފައި އައި ކާރުތަކާއި ސައިކަލުތައް، ކަފިހިހުރަހުގެ ދެފަރާތުގައި މަޑުކޮށްލައިފިއެވެ. މަގު ހުރަސްކުރާންފެށި ޢާއިލާއަށް ޖާގަ ތަނަވަސްކޮށްދީފިއެވެ. އެ މީހުން ދައްޗެއް، ބިރެއް، ނުރައްކަލެއް ނެތި، ފަސޭހަކަމާއެކު މަގު ހުރަސްކުރާން ފަށައިފިއެވެ. ދުވަސްވީ ދައްތައަށް ބާރަށް ނުހިނގޭތީ، އެ ދައްތަ މަގު ހުރަސްކުރަން ވަގުތުކޮޅެއް ނެގި ވެސް މެއެވެ. އެހެންނަމަވެސް ދުއްވާ ތަކެތިން ތޮއްޖެހިފައިވާ މަގުން، ރައްކާތެރިކަމާއެކު، އާއިލާގެ ހުރިހައި މެންބަރުން މަގު ހުރަސްކޮށްފިއެވެ. ހަރަކާތް ހުއްޓިފައި ހުރި އުޅަނދުތަކަށް ހަރަކާތް އައީ އެހައި ހިސާބުންނެވެ.

މި ހިތްފަސޭހަ މަންޒަރު ފެނިފައި ހިތަށް އެރިއެވެ. ކިހައި ހިތްގައިމު، ކިހައި އުފާވެރި މަންޒަރެއް ހެއްޔެވެ؟ ދުއްވާ މީހުންގެ ކިބައިން ފެނިގެން މި ދިޔައީ ކޮންފަދަ މާތް ސިފައެއް ހެއްޔެވެ؟ ކޮންމެ މީހަކު ވެސް މަސައްކަތްކުރާނީ، ދާން ބޭނުންވާ ތަނަކަށް ވީ އެންމެ އަވަހަކަށް ދާށެވެ. އެހެންނަމަވެސް އަރައި އިން އުޅަނދުގެ ބުރެތްކަށް ހިފާލައި، ހުރަސްކުރާން ބޭނުންވާ މީހުނަށް ޓަކައި ވަގުތުކޮޅެއް ގުރުބާންކޮށްލީއެވެ. ޝަކުވާއެއް ނެތިއެވެ. ފުސްމޫނެއް ދެއްކުމެއް ނެތިއެވެ. ކުރަންޖެހޭކަމެއް ކަމަށް ޤަބޫލުކޮށް، ހިތުން ރުހުމުންނެވެ.

މިއީ މިއަދު މާލޭގެ މަގުތަކުން ފެންނަ ވަރަށް ޢާންމުން އެހައިމެ ރީތި މަންޒަރެކެވެ. ކަފިހިހުރަސްމަތިން މީހަކުން ނުވަތަ ބަޔަކު ހުރަސްކުރާ ނަމަ، ދުއްވާ މީހުން މަޑުކޮށްލައި، ހިނގާ މީހުންނަށް ޖާގަ ތަނަވަސްކޮށްދެއެވެ. ތަންކޮޅެއް ހަރު ދުވެލީގައި އަންނަ މީހާ ވެސް، މި ކަމަށް ހުޝިޔާރުވެއެވެ. އޭގެ ސަބަބުން މަގު ހުރަސްކުރާ މީހުނަށް އޮންނަ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބޮޑެވެ. މިއީ ދުއްވާ ކޮންމެ މީހެއްގެ ކިބައިގައި އަށަގަންްނުވާން ޖެހޭ ވަރަށް މުުހިންމު ރީތި އާދައެކެވެ.

ހިތާމައަކީ، ބައެއް ފަހަރު މި މަންޒަރު އަނެއްކޮޅެއް ފުރޮޅިގެންދާ ތަން މަދުމަދުން ނަމަވެސް ފެނުމެވެ. ކަފިހިހުރަސް ކައިރީގައި މީހަކު ހުރަސްކުރާން ބޭނުންވެ، އެހެންނަމަވެސް ދުއްވާތަކެތީގެ ފުރޮޅަށް މަޑުޖެހުމެއް ނާންނާތީ، ކުރިއަށް ފިޔަވަޅެއް ނޭޅި، ނުވަތަ އަޅާން ނުކެރިފައި ހުންނާން ޖެހުމެވެ. ހަމައެއާއެކު ކަފިހި ހުރަސްތައް މަގުގެ އެކި ދިމަދިމާގައި ފާޅުކަން ބޮޑުކޮށް ކުރަހައިފައި ހުންނަ އިރު، އެ ކަމަށް ސަމާލުކަން ނުދީ، ޖެހުނު ދިމާއަކުން ހުރަސްކުރާ މީހުން ފެނުމެވެ. މި ފަދަ މަންޒަރުތަކަކީ، ބަލާން އެހައި ފަސޭހަ މަންޒަރުތަކެއް ނޫނެވެ. މިއީ ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުން، ވިސްނައި ސަމާލުވާން ޖެހޭ ކަމެކެވެ.

ކަފިހި ހުރަހާ ދިމާގައި މީހަކު މަޑުކޮށްލައިގެން ހުއްޓާ ފެނިއްޖެ ނަމަ، އޭނާ އެ ހުރީ މަގު ހުރަސްކުރާން ބޭނުންވެފައިކަން ދެނެގަންނާށެވެ! ގަވާއިދާ އެއްގޮތަށް މަގު ހުރަސްކުރާން ބޭނުންވެ، އެ ކަމަށް ތައްޔާރުވެގެންކަން ހަނދާނަށް ގެންނާށެވެ! ތިޔަ އުޅަނދުގެ ދުވެއްޔަށް މަޑުޖެހުމެއް ގެނެސް، އޭނާއަށް ފުރުސަތު ދޭށެވެ! މަގު ހުރަސްކޮށްލަން ވަގުތުކޮޅެއް ދޭށެވެ! އޭރުން ތިބާގެ ކިބައިން އެ ފެނުނީ ވަރަށް މާތް ސިފައެކެވެ. ރައްކާތެރިކަމާއެކު މަގު ހުރަސްކޮށްލުމުގެ ފުރުސަތު މީހަކަށް ހޯދައިދެވުނީއެވެ. ހެޔޮ ޢަމަލަކަށް މެނުވީ މިކަމެއް ނުވާނެއެވެ. ކޮންމެ ހެޔޮ ކަމަކީ ދިޔަ ހެޔޮ ކަމެވެ.

ދެން އޮތީ މަގު ހުރަސްކުރާން ބޭނުންވާ މީހާއަށް ބުނެލަން އޮތް ވާހަކައެވެ. ތިބާ މަގު ހުރަސްކޮށް އަނެއް ފަރާތަށް ދާން ބޭނުންވާ ކޮންމެ ފަހަރަކު، ފަސޭހަ، އަވަސްގޮތް ޚިޔާރުކުރަން ނުވިސްނާށެވެ! މެދު ނުކެނޑި ކޮޅުކޮޅަށް ދުއްވާތަކެތި ދުއްވާ، ކާރޫބާރޫ ބޮޑު މަގުތަކުގައި، ފަސޭހަ، ލުއިގޮތް ޚިޔާރުކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އެ ގޮތުގައި އޮތީ ނުރައްކަލެވެ. ބިރުވެރިކަމެވެ. ނަފުސަށާއި ފުރާނައަށެވެ. މަގު ހުރަސްކުރާން ޖެހިއްޖެ ނަމަ، މަގުގެ ދެކޮޅަށް ނަޒަރު ހިނގާލައި، ކަފިހި ހުރަހެއް އޮތީ ކޮން ދިމާއެއްގައިތޯ ބަލައިލާށެވެ! އެ ދިމާއަށް ގޮސް، ކަފިހި ހުރަސްމަތީން ހުރަސްކޮށްލާށެވެ! އާއެކެވެ! ރައްކާވެ ތިބިއްޔާ ދަތުރެވެ.

comment ކޮމެންޓް