ސިފައިންގެ މީހާ ރަހީނުކޮށް އަނިޔާކުރި ވާހަކަ ފުލުހުން ދޮގުކޮށްފި

އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ -- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ރަހީނުކޮށް ޕާކެއްގެ ތެރެއަށް އެއްލާލި ކަމަށް އޭނާގެ އާއިލާ އާއި އެމްއެންޑީއެފްއިން ބުނި ނަމަވެސް އެއީ އެކަން ހިނގިގޮތް ނޫން ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވޭ," ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މާފިލާފުށީގައި ހުރުމަށްފަހު އިއްޔެ މާލެ އައި ސްޓާފް ސާޖަންޓް ހަސަން ފަހީމް ރަހީނުކޮށް އަނިޔާކޮށްފައިވަނީ ރޭ ދަންވަރު ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އޭނާއަށް ހަމަލާދިނީ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށާއި ފަހުން ކޮޓެރިއަކަށް ގެންދިއުމަށްފަހު އިތުރުބަޔަކު ވެގެން ވަރަށް ބޮޑަށް އަނިޔާކޮށް ފައިސާ ހޯދަން މަސައްކަތް ކުރި ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ވެސް މިއަދު ބުނެފައިވަނީ ހަސަން ފަހީމް ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ ލީޑާޝިޕުން ފަހީމްގެ ހާލު ރަނގަޅަށް ގާތުން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް އޭނާގެ ހާލު ބައްލަވައިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސަރުކާރުގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް އޭނާއަށް ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެއާއެކު އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނީ އެ އަމަލު ހިންގި މީހުން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަން ޖާގަ ދެވިގެން ނުވާނެކަަމަށް ބުންޏެވެ.

"އަދި ސިފައިންނަށް ދޭ މި ފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ ވާހަކަ ވެސް ދަންނަވަން،" އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

comment ކޮމެންޓް