ގަދަ މީހާއަށް މޮޅުގޮތް އޮންނަ ނިޒާމް

ޖުލައި 8، 2021: އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޓެއްސަކާއެކު ކޮފީއެއް ބޯލަން ނިކުމެލި ދުވަހެކެވެ. ދިޔައީ ކާރުގައެވެ. ކޮފީއަކަށް އަރާނެ ތަނަކާމެދު ދެ މީހުން ވާހަކަ ދައްކައިލުމަށްފަހު، އެއްބަސްވެވުނީ ފުޑްކޯޓާ ދިމާއަށް ދިޔުމަށެވެ. ފަސޭހައިން ކާރު ޕާކުކޮށްލެވޭ ކަހަލަ ތަންކޮޅެއް އަތުޖެހޭނީ އެ ހިސާބުންކަމަށް ބެލެވޭތީއެވެ. އެހެންނަމަވެސް ކަން ދިމާވީ އެހެނެއް ނޫނެވެ. ފުޑްކޯޓު ސަރަޙައްދުން ކާރު ބޭއްވޭ ކަހަލަ ޖާގައެއް އަތްމަތިވާ ގޮތެއް ނުވިއެވެ. އެ ފަދަ ތަންކޮޅެއް އޮތް ނަމަ އޮންނަނީ ކާރެއް ޕިކަޕެއް ފަދަ އެއްޗެއް ބާއްވާފައެވެ. އެކުވެރިޔާ ބުނެފިއެވެ. މި ދިމާއަށް ދަމާ ހެއްޔެވެ؟ އެ ހިސާބުން ހުސް ޖާގައެއް އަތުޖެހިދާނެއެވެ. އޭނާ އިޝާރާތްކުރީ، މާލޭގެ ހުޅަނގު ދެކުނުފަރާތުގައި އޮންނަ ސިނާޢީ ސަރަޙައްދާ ދިމާއަަށެވެ.

ކާރުގެ މިސްރާބު ވަގުތުން އެ ދިމާއަށް ފަހިކޮށްލައިފިއެވެ. ފުޑްކޯޓް ކައިރިން، ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް، އެ ސަރަޙައްދަށް ވަދެއްޖައީމެވެ. އެ ސަރަހައްދުގައި ހުރި ހުސްބިންތަކުގެ ކޮންމެ ކޮށްޓެއްގެ ވަށައިގެން އޮންނަ ޖާގަތަކަކީ ޕާކިން ޒޯނަށް ނުވިޔަސް، ޕާކިންޒޯންތަކެވެ. އެހެންނަމަވެސް އެކި ކޮށިކޮށީގެ ވަށައިގެން ދުއްވިއިރު ވެސް ކާރު ބާއްވައިލެވޭނެ ގޮތެއް ނުވިއެވެ.

އެކުވެރިޔާ ބުނިހެން ކާރު ޕާކުކުރާ ކަހަލަ ޖާގަތައް އެ ދިމާއިން ފެނުނެވެ. އެންމެ ޖާގައެއް ދެ ޖާގައެއް ނޫނެވެ. ދިހަ ބާރަ، ފަނަރަ ސޯޅަ ޖާގަ ވެސް ފެނުނެވެ. އެހެންނަމަވެސް އެއިން އެއްވެސް ތަނެއްގައި ކާރު ޕާކުކޮށްލެވޭ ގޮތެއް ނުވިއެވެ. ކާރެއް، ޕިކަޕެއް ފަދަ އެއްޗެއް ޕާކުކޮށްފައި އޮތީމައެއް ނޫނެވެ. އެ ތަންތަނުގެ "ވެރިފަރާތުން" އެ ޖާގަތައް ރިޒާވްކޮށްފައި ހުރީމައެވެ.

މިއީ ކިހިނެއް ހިނގާ ކަމެއްތޯ އެކުވެރިޔާ ގާތު އަހައިލީމެވެ. އެއީ ވަކި ބަޔަކަށް ރަސްމީކޮށް ހިބަކޮށްދީފައި، ނޫންނަަމަ، ފައިސާދައިކައިގެން މިލްކުކޮށްފައި ހުރި ތަންތަންތޯ އަހައިލީމެވެ. އެކުވެރިޔާގެ ޖަވާބު ކުރުވެފައި ސާދާއެވެ. އޭނާ ބުނެލިއެވެ. ބަޔަކު މީހުން އަމިއްލައަށް ހިބަކޮށްފައެވެ. މިލްކުކޮށްފައެވެ.

އެކުވެރިޔާގެ ވާހަކައިން އެނގުނު ގޮތުގަައި، މިއީ މިހާރަކަށް އައިސް ވަރަށް އާންމުވެފައި އޮތް މައްސަލައެކެވެ. މާލޭގައި އެކަންޏެއް ނޫނެވެ. ހުޅުމާލޭގައި ވެސް މެއެވެ. ޓެކްސީ ޑުރައިވަރުންނާއި އަމިއްލަ ކާރު ދުއްވާ ފަރާތްތަކުން ވެސް މި ކަން މި ގޮތަށް ކުރަމުން ގެންދެއެވެ. އެކަން ކުރާ ގޮތް ވެސް އޭނާ ކިޔައިދިނެވެ.

ކޮންމެ މީހަކު ވެސް ދަތުރުތައް ނިންމާލައިފައި، ރަނގަޅު ޖާގައެއް ފެނުމުން އެ ތަނުގައި އުޅަނދު ބާއްވަނީއެވެ. އެއަށްފަހު އުޅަނދު ނަގަން ދެން އެ ތަނަށް އަންނާނީ ސައިކަލެއްގައެވެ. އައިސް އުޅަނދު ނެގުމަށް ފަހު، ދަތުރަށް ފަށާނީ، އެ ޖާގައިގައި އެހެން މީހަކަށް ކާރެއް ޕިކަޕެއް ފަދަ އެއްޗެއް ނުބޭއްވޭގޮތަށް ސައިކަލު ހުރަހަށް ބަހައްޓާފައެވެ. އެހައިތަނުން އެ ތަން ނުވަތަ އެ ޖާގަ އެ މީހަކަށް މިލްކުވީއެވެ. ފަތްލިޔެ ހިބަކޮށްދެވުނީއެވެ. އެހެންމީހަކަށް އެ ތަނުގައި އުޅަނދެއް ބޭއްވުން މަނާވީއެވެ. މި ރާއްޖޭގައި ގިނަ ކަންކަން ހުންނާނީ މި ކަހަލަ ގޮތަކަށެވެ. މިއީ ގަދަ މީހާއަށް މޮޅުގޮތް އޮންނަ ނިޒާމެވެ. އެ ކުވެރިޔާ ވާހަކަ ނިންމާލިއެވެ. ހިތްހަމަނުޖެހިފައި އިނދެއެވެ.

އެކުވެރިޔާ ވާހަކަ ނިންމާލިޔަސް، މިއީ އެހައި ފަސޭހައިން ނިންމާލެވެން އޮތް ވާހަކައެއް ނޫނެވެ. މިއީ މި ކަންކަން ހިނގައިގެން ވާނެ ގޮތެއް ނޫނެވެ. މާލެ ކަހަލަ ޕާކިން ޖާގަ ދަތި ރަށެއްގައި، ގަދަމީހާއަށް މޮޅުގޮތް އޮންނަ އުސޫލަށް މި ބާވަތުގެ ކަންކަން ބައްޓަންވެ، ހަމަޖެހިގެން ނުވާނެއެވެ. މިފަދަ ކަންކަން ގައުމުގައި މޫލާން ފަށައިފި ނަމަ، ދިރިއުޅެން އިންތިހާއަށް ދަތި ތަނަކަށް މި ގައުމު ވެދާނެއެވެ. ނިކަމެތި މީހާ އިނދަޖެހިފައި އިންނާން ޖެހިދާނެއެވެ.

ވަކި މީހަކަށް ޚާއްޞަ ނުކޮށް ހުންނަ މި ފަދަ ޕާކިން ޖާގަތަކުގައި، ހަމަ ކޮންމެ މީހަކަށް ވެސް ޕާކު ކުރެވެން ޖެހޭނެއެވެ. ސައިކަލެއް ނުވަތަ އެ ނޫން އެހެން ކޮންމެވެސް އެއްޗެއް ބަހައްޓައިގެން އެ ޖާގަ ރިޒާވްކުރެވިގެން ނުވާނެއެވެ. އެ މީހަކުގެ އުޅަނދު ނަގަންވީމާ ނައިގެން ދާންވީއެވެ. އެހައިިތަނުން އަނެއް މީހާއަށް އޭނާގެ އުޅަނދު ބޭއްވެން ޖެހޭނެއެވެ.

މި ކަހަލަ ކަންކަން މި ގޮތަށް މި ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. އާންމުންގެ ވިސްނުން އެކަންކަމާމެދު ގެންގުޅޭ ގޮތް ކަމުނުދަނީއެވެ. އަމިއްލަ އެދުން އިސްކުރެވޭ މިންވަރު ބޮޑީއެވެ. ހަމައެހެންމެ ބަލަހައްޓަން ތިއްބަވާ ފަރާތްތަކަށް އެ ކަންކަން ރަނގަޅަށް ނުބެލެހެއްޓެނީ ވެސް މެއެވެ. އެ ކަންކަން ހަމަ މަގަށް އަޅުވާން މަަސައްކަތް ނުކުރެވެނީއެވެ. މިއީ ހިތާމަހުރި ކަމެކެވެ. ކަންބޮޑުވާން ޖެހޭ މައްސަަލައެކެވެ.

ދެން އޮތީ މި ކަންކަން ހައްލުކުރެވޭނެ ގޮތުގެ ވާހަކައެވެ. ފުރަތަމަ ކަމަކަށް އެ ފަދަ ޖާގަތައް ރަސްމީކޮށް ޕާކިން ޒޯނުތަކަށް ހަދަންވީއެވެ. ހަތަރުފުރޮޅުލީ އުޅަނދުތަކަށާއި ސައިކަލަށް ވަކިވަކި ޒޯންތައް ޚާއްޞަކުރަންވީއެވެ. އޭރުން ހަތަރުފުރޮޅުލީ އުޅަނދުގެ ޖާގައަކަށް ސައިކަލެއް ނާންނާނެއެވެ. އުޅަނދުގެ ވެރިފަރާތުން އުޅަނދު ނެގުމުން، އެހެން މީހަކަށް އެ ޖާގަަ ލިބޭނެއެވެ. ސައިކަލު ހުންނާނީ ސައިކަލަށް ޚާއްޞަ ޖާގައިގައެވެ. އެ ނޫން ގޮތްގޮތަށް ޕާކުކުރާ ނަމަ، މިހާރު ވެސް އަޅަމުން އަންނަ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެެވެ. މިއީ ކުޑަކުޑަ ޚަރަދަކުން ކޮށްލެވިދާނެ ކަމެކެވެ.

ދެވަނަ ގޮތަކީ "ޕޭޕާކިން ސިސްޓަމް" ތަޢާރަފު ކުރުމެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ނިޒާމެކެވެ. މި ފަދަ ހުސްޖާގަތަކުގައި އެ ފަދަ ނިޒާމެއް ތަޢާރަފުކޮށްފި ނަމަ، ޢާމްދަނީއެއް ލިބޭނެ މަގެއް ތަނަވަސްކުރެވި، އާންމު ފަރުދުންނަށް ވަރަށް ބޮޑު ލުޔަކަށްވާނެއެވެ. ކޮފީއެއް ބޯލަން، ވިޔަފާރިއެއް ކޮށްލަން، މިސްކިތަށް އަރާލަން އަންނަ މީހާއަށް ފަސްވަރަކަށް ރުފިޔާއަށް ދިހަވަރަކަށް ރުފިޔާއަށް ޕާކުކޮށްލެވޭނެ މަގެއް ފަހިވީއެވެ. ކާރު ބާއްވައިލާނެ ޖާގަ ހުރެމެ، ޝަކުވާގެ ފުސްމޫނުގައި އެނބުރި ކުދިކިޔަމުން ދާކަށް ނުޖެހޭނެއެވެ.

comment ކޮމެންޓް