ސަރުކާރަށް ތިން އަހަރު ފުރުނުއިރު ހާމަވީ ތިމާވެއްޓަށް އޮތް ލޯބި

ވެއްޓަކީ ތިމާގެ ވަށައިގެންވާ މާހައުލެވެ. އެންމެންގެވެސް ހިޔާވައްސެވެ. އެތަނެއްގައި އެތަކެއް ދިރުންތަކެއް އާލާ ވަމުން އަންނަ މާހައުލެވެ. އަޅުގަނޑުމެން ދިވެހީންގެ ވެށި ގުޅިފައިވަނީ މި ކުޑަކުޑަ ޖަޒީރާ ގައުމާއެވެ. ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ސިފަ ކުރެވެމުން އަންނަ ރީތި ރާއްޖެއާއެވެ.

ފަތުރުވެރިންގެ ނަޒަރުގައި އަޅުގަނޑުމެންގެ ލޮބުވެތި ގައުމު ކިތަންމެހާވެސް ރީއްޗެވެ. ޗާލެވެ. ނަމަވެސް އެންމެނަށް އެނގޭ ބޮޑު ސިއްރަކީ ޒަމާނުއްސުރެ ރާއްޖޭގެ ތިމާވެށީގެ ހާލަތުގެ ނާޒުކު ކަމެވެ. ތިމާވެއްޓަށް ދިމާވާ މައްސަލަތަކުގެ ވާހަކައަކީ އަޑަށް ބާރުލައި ކޮންމެ ޖީލަކުންވެސް ދައްކަމުން އަންނަ އެހެނަސް އަދި ދާއިމީ ހައްލެއް ލިބިފައި ނުވާ މައްސަލަތަކެކެވެ.

އެހެންނަމަވެސް މިއަދު ފެންނަ މަންޒަރު ތަފާތެވެ. ހަރުދަނާ ލަނޑުދަނޑިތަކަކާ އެކު މިކަމަށް ހައްލެއް ގެނެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް އަތުކުރި އޮޅާލީ އަދުގެ ސަރުކާރުންނެވެ. މިއަދު ސަރުކާރަށް ތިން އަހަރު ފުރިގެން ދާއިރު ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ވަނީ އަޅުގަނޑުމެންގެ ވެށި ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށް ރަައްދުކުރުމެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިސްނަގައި ފޫގަޅައިގެންވެސް ތިބީ ހަމަ އަދުގެ ސަރުކާރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ތިމާވެށީގެ ވަޒީރު ޝައުނާ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހީންގެ ހަނދާނުން މަޑުމަޑުން ފޮހެވެމުން އައި ކޮޕް ސަމިޓުގެ ނަން އަލުން ރާއްޖޭގައި ގުގުމަން ފެށީ މިއަހަރެވެ. ކޮޕް ސަމިޓަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން ބާއްވާ ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ.

ބާރަ އަހަރަށްފަހު، ކޮޕް26 ސަމިޓަށް ރާއްޖޭގެ ފަރާތުން ރައްޔިތުންގެ އަޑު އުފުލަން ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އަރިހުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން، މި ފަހަރުގެ ސަމިޓުގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މީގެ ކުރިން ކޮޕް ސަމިޓެއްގައި ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް ވަކާލާތު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަރާތުން އެފަހަރު ހުށައެޅި އެއްވެސް މައްސަލައަަކަށް މި ވީހާ ތަނަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށެެވެ. ނަމަވެސް މި ފަހަރުގެ ސަމިޓަށް ސަރުކާރުން އަންނަނީ ފޮނި އުންމީދުތަކެއް ކުރަމުންނެވެ.

މި ސަމިޓުގައި ދިވެހި ރައްޔިތުންގެ އާދޭސްތައް ރައީސް ސޯލިހު ބަންޑުން ކޮށްލެއްވީ ކުރިއަށް އޮތް ގަރުނުގެ ތެރޭގައި މޫސުމަށް ކުރާ އަސަރުތަކުގެ ސަބަބުން ރާއްޖެ ގެއްލިދާނެ ކަމުގެ ބިރު އޮތްކަން ހާމަކުރަމުންނެވެ. ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔަހެން ދިވެހި ގައުމުގެ ފަސްގަނޑު އަޑިއަށްދާ ވާހަކަ ތަކުރާރުކޮށް އެކިއެކި ހަފްލާތަކުގެ ޕޯޑިއަމްތަކުގައިވެސް ދެއްކެވީ ނުހަނު ދިވެހި ގައުމުގެ ތިމާވެއްޓާއި މެދު އެ މަނިކުފާނު އަމިއްލަފުޅަށް ވެސް ވިސްނަވާވަރު ހާމަ ކުރައްވަމުންނެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި ދިވެހީންގެ ތިމާވެށީގެ ހައްގުގައި ދުނިޔޭގެ ޗާޓުން ރާއްޖެ ގެއްލުނަ ނުދިނުމަށް ކަށީގެ މަދުން ހިތްވަރު ނެރުނީ ރައީސެވެ.

މި ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެޅި މުހިންމު އެއް ފިޔަވަޅަކަށް ވީ ރާއްޖެ ހިޖުރަކުރަމުން އައި ދޫނިތައް ހިމާޔަތް ކުރުމެވެ. އެގޮތުން ރާއްޖެ އައި ގުޑުގުޑާ ދޫނީގެ ބައިގަނޑުތަކަށް ހިމާޔަތް ދިނުން ވެގެން ދިޔައީ ސަރުކާރުގެ ތަހުޒީބީ ވިސްނުމާއި އެފަދަ ދިރުންތަކަށް ސަރުކާރުގެ ވެރިންގެ ހިތްތަކުގައި އޮތް ލޯބި ހާމަވެގެން ދިޔަ ކަމަކަށެވެ.

މީގެ އިތުރުންވެސް، ރާއްޖޭގެ ރީތިކަން ދެގުނަ ކޮށްދޭ ރީތި ކުޅިތައްވެސް ސަރުކާރުން ވަނީ ހިމާޔަތް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކުޅިތަކުގެ ޖުމްލަ 10،000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިމާޔަތް ކޮށްފައެވެ. އެންމެ ބޮޑު ސަރަހައްދަކަށް މިހާތަނަށް ހިމާޔަތް ކޮށްފައިވަނީ ހދ. އިންނަފުށީގެ ކުޅިން 1366 ހެކްޓަރެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކާއިރު އެންމެ އާންމު އެހެނަސް އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ޖައްވަށް ވިހަ ގޭސްތައް ބޭރުވުމުގެ ސަބަބުން އޯޒޯން ފަށަލަ ތުނިވަމުން ދިޔުމެވެ. މިފަދަ ކަންކަމަށްވެސް ދުރާލާ ވިސްނާ ސަރުކާރުން ވަނީ އެންމެ ފުރަތަމަ އެފަދަ ވިހަ ގޭހެއް ކަމަށްވާ ހައިޑްރޯކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ) އެންމެ ފުރަތަމަ މަނާ ކުރި ގައުމުގެ ގޮތުގައި ރާއްޖެ ހަދައިފައެވެ. ސަރުކާރުގެ ވެރިންގެ ދުރު ވިސްނުމާާއި އެކު ރާއްޖެއިން މިކަން ހާސިލުކުރީ، މިކަން ކުރަން ކަނޑައަޅާފައިވާ މުއްދަތަށްވުރެ 10 އަހަރު ކުރިންނެވެ.

ދިވެހީންގެ ތިމާވެށީގެ ރީތިކަމާއި ގުދުރަތީ ތަރިކަ ރައްކާތެރި ކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ އައްޑޫ އަދި ފުވައްމުލައް ޔުނެސްކޯގެ ބަޔޮސްފިއާގެ ރިޒާވްގެ ގޮތުގައި ކަނޑައަޅައިފައެވެ. ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ މި ދެ ސިޓީގެ ގުދުރަތީ ރީތި ބަގީޗާތައް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށްޓަކައި މިއީ ސަރުކާރުން އެޅި ތައުރީފު ހައްގު ފިޔަވަޅެކެވެ.

ރާއްޖޭގައި ކުނީގެ މައްސަލައަކީ މިހާތަނަށް ހައްލުނުވެ އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. ރާއްޖެތެރޭގެ ރަށްތަކުގައިވެސް އެކަށީގެންވާ ކުނި ނައްތާލުމުގެ ނިޒާމެއް ނެތުމަކީ އަބަދުހެން އިވޭ ޝަކުވާއެކެވެ. އެހެން ނަމަވެސް، މި ސަރުކާރުން މިވަނީ މިކަމަށްވެސް ހައްލެއް ހޯދައި ދިނުމުށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޒަމާންތަކެއް ވަންދެން ޖަމާވެފައި ހުރި 29،000 ޓަނަށް ވުރެ ގިނަ ކުނި ވަނީ ނައްތާލެވިފައެވެ. ހަމަ އެހެންމެ، ތިލަފުއްޓަށް ދިމާވި ދުން އެރުމުގެ މައްސަލައަށް ވެސް ސަރުކާރުން ވަނީ ދާއިމީ ހައްލެއް ގެނެސްދެއްވާފައެވެ.

ދާދިފަހުން، މީސްމީޑިއާގެ ފަލަ ސުރުހީތަކުގައި އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވި ވާހަކައެވެ. މިފަދަ ކަންކަމުންވެސް ދޭހަ ކޮށްދެނީ ސަރުކާރުން ރާއްޖޭގެ ވެއްޓަށް ގެއްލުމެއް ވިޔަނުދީ ބައްޕައެއް ދަރިއަކަށް ލޯބިދޭ ފަދައިން މި ވެއްޓަށް ލޯބި ދޭ ކަމެވެ.

ތިމާވެށި ރައްކާތެރިކޮށް އަޅުގަނޑުމެން ދިވެހީންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ބުރަވެފައި ގިނައެވެ. ނަމަވެސް ފަސޭހަ އަދި ރައްކާތެރި ގޮތުގައި އެންމެ އަސާސީ ހައްގުތައް ކަމަށްވާ ފެނާއި ނަރުދަމާގެ ނިޒާމުވެސް މި ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. ގިނަ ރަށްތަކެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް ދާއިރު ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. އެގޮތުން 2022 ވަނަ އަހަރަށް ހުށައެޅުނު ބަޖެޓުގައިވާ ގޮތުން ސަރުކާރުން ހިންގާ ފެނާއި ނަރުދަމާގެ އެކި މަޝްރޫތަކަށް ޖުމްލަ 968 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހަމައެކަނި ވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 65 މިލިއަން ރުފިޔާ ހަރަދުކުރާއިރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް 121 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އަދި ކުނި މެނޭޖުކުރުމުގެ މަޝްރޫތަކަށް 62 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން މާލޭ ސަރަަހައްދުގެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް 126 މިލިއަން ރުފިޔާ ހަރަދުކުރާއިރު ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓަށް 127 މިލިއަން ހަރަދުކުރުމަށްވަނީ ނިންމައިފައެވެ. ހަމައެއާއެކު ކްލައިމެޓް ރެޒީލިއަންޓް ސޭފާ އައިލެންޑް ނުވަތަ މޫސުމީ ކާރިސާތަކަށް ވިލުންވެރި ކުރުމަށް 35 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހުށަހަޅައިފައެވެ.

މިއީ ސަރުކާރަށް ތިން އަހަރު ފުރުނުއިރު ގައުމުގެ ވެށި ހިމާޔަތް ކުރަން ކޮށްފައިވާ ބައެއް މަސައްކަތްތަކެވެ. އަދި މުސްތަގުބަލުގައި ކުރަން ހުރި މަސައްކަތްތައްވެސް ހުރީއެވެ. އެހެންކަމުން، މިހާރު ފެންނަ މަންޒަރަކީ މި ސަރުކާރަކީ ތިމާވަށްޓަށް ލޯބިކުރާ ވެށި ދެކެ ލޯބިވާ ސަރުކާރެއް ކަމެވެ. އަބަދުވެސް ގައުމު އިސްކޮށް އަޅުގަނޑުމެންގެ ވެއްޓާއި ރައްޔިތުންނަށް އިސްކަންދެމުން އަންނަ ސަރުކާރެއް ކަމެވެ.

comment ކޮމެންޓް