މަންދު ކޮލެޖު ހިންގާ ކުންފުނި، މާލޭހައި ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާއަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސިވިލް ކޯޓަށް ހާޒިރު ވުމަށް އަންގައިފިއެވެ.
މާދަމާ ހެނދުނު 9:50އަށް ކޯޓަށް ހާޒިރުވާން އަންގާފައިވާ ޗިޓު ހަރުކޮށްފައި ހުރީ މިނިސްޓަރު ދިރިއުޅުއްވަމުން އަންނަ ގޭގެ ދޮރުގައެވެ.
އައިޝަތު އަލީ ކޯޓަށް ހާޒިރު ކުރެވެނީ މާލޭހައި ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ އިހުމާލު ވުމުގެ ދައުވާ އާ ގުޅިގެންނެވެ.
މާލޭހައި ޕްރައިވެޓް ލިމިޓެޑުން މިނިސްޓަރު އައިޝަތު އަލީއަށް ދައުވާ ކުރީ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އެންގި މުއްދަތު ފަހަނައަޅާ ދިއުމަށްފަހު އެ ފައިސާ ދިން މައްސަލައިގައެވެ.
އެއް މަސް ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރިލް މަހުގެ 19ވަނަ ދުވަހުއެވެ.
މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) "ސަން"އަށް ވިދާޅުވީ ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައިނުވާ ކަމަށާއި އެކަމުގައި މިނިސްޓަރު އައިޝަތު އަލީ ޒިންމާވާންޖެހޭނެ ކަމަށެވެ.
"މިނިސްޓަރުގެ އަތްޕުޅުން ނުކުރެއްވިއަސް މިނިސްޓަރުގެ ޒިންމާއެއްތާ އެއީ އެކަމާ ހަވާލުވެ ހުންނަ މުވައްޒަފަކު ނުވަތަ މިނިސްޓްރީއިން އަމުރާ އެއް ގޮތަށް އަމަލު ކުރޭތޯ ބެއްލެވުމަކީ. ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އުފަލަން ޖެހޭނެ ނޫންތޯ،" އިބްރާ ވިދާޅުވިއެވެ.
އިބްރާ އިތުރަށް ވިދާޅުވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ދެކޮޅަށް ވެސް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. ޑރ. އައިޝަތު ޝިހާމްއާ ދެކޮޅަށް ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަންދު ކޮލެޖް ކުރިން ހިންގި އިމާރާތް އަތުލި މައްސަލައިގައެވެ.