ސާފަށް ފަހު ރާއްޖެ ފިޔަވަޅެއް ފަހަތަށް، ޓީމު ބަދަލު ކުރަން ޖެހޭ؟

މަހިންދަ ރާޖަޕަކްސަ މުބާރާތުގައި މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ އެގާރަ --- ފޮޓޯ/އެފްއޭއެމް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމުގެ ފަރާތުން އުންމީދީ ކުޅުމެއް ފެނުނެވެ. މޮޅަށް ކުޅެ ފުރަތަމަ މެޗުގައި ނޭޕާލް މެޗުން ބަލިވި ނަމަވެސް ޖެހިގެން އައި ބަންގްލަދޭޝް މެޗާއި ސްރީލަންކާ މެޗުގައި ފެނުނީ ރީތި، ބަލާހިތްވާ ކުޅުމެކެވެ. އެ ހިތްގައިމު ކުޅުމާ އެކު ނަތީޖާވެސް ނެރުނެވެ.

އެ މުބާރާތުން ކެޓި ނަމަވެސް ދިވެހިންނަށް ލިބުނު ހިތްހަމަ ޖެހުމަކީ ފުޓުބޯޅައިގެ ފޯރި ގައުމުގައި ހިތްޕާލުމެވެ. އެކަމަކު އެ ފޯރިއާއެކު ޓީމާ ދޭތެރޭ ކުރާ އުންމީދުތައް ވެސް އެތައް ގުނައަކަށް އަރައިގެންދިޔައެވެ. އޭގެ ނަތީޖާއަކީ ރާއްޖޭގެ ގައުމީ ޓީމު ދެން ކުޅޭނެ ކޮންމެ މެޗެއްގައި ވެސް ސާފުގައި އެ ދެއްކި ކުޅުން ތަކުރާރު ކުރާނެ ކަމަށް ދިވެހިން ދެކުމެވެ.

ސާފުގައި ރާއްޖެއަށް ބޮޑެތި ފިލާވަޅުތަކެއް ލިބި، އެ ފިލާވަޅުތަކުން އިބުރަތް ހޯދަން ވަގުތު ލިބުނެވެ. މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސް މުބާރާތަށް ރާއްޖެ ކުރިމަތިލީ ވެސް އެ ބޭނުމުގައެވެ. ޓީމު އިތުރަށް ވަރުގަދަކޮށް، ކުޅުންތެރިންނަށް އިންޓަނޭޝަނަލް ރަނގަޅު މެޗުތަކެއްގެ ތަޖުރިބާ ހޯދުމަށެވެ. އުންމީދަކަށްވީ މި މުބާރާތް ފަސޭހަކަމާ އެކު ކާމިޔާބު ކުރުމެވެ.

ފުރަތަމަ މެޗުގައި ކުޅެން ޖެހުނީ ހޯމް ޓީމު ސްރީލަންކާއާ ދެކޮޅަށެވެ. ގާތް ގާތުގައި ހަތަރު ގޯލެއް ޖަހައި ރާއްޖެއިން ބޮޑު ލީޑެއް ނެގުމުން އެންމެ ހީކޮށްގެން ތިބީ 2013 ވަނަ އަހަރުގެ ސާފް މުބާރާތުގެ މެޗު އަލުން ތަކުރާރުވަނީ ކަމަށެވެ. އެ މެޗުގައި އަލީ އަޝްފާގުގެ ޑަބަލް ހެޓްރިކާއެކު 10 ގޯލު ރާއްޖެއިން ޖެހި އިރު، މިފަހަރު ކަންތައްވީ އެހެނެއް ނޫނެވެ. ފަހަތުން އަރައި ލަންކާއިން ހަތަރު ގޯލު އަމުނާލީއެވެ.

އެ މެޗަކީ ރާއްޖޭގެ ކޯޗުކަމާ އަލަށް ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ފުރަތަމަ މެޗެވެ. އޭނާއަށް ޓީމާއެކު ވަގުތު ހޭދަކޮށްލަން ވެސް ލިބުނީ ދެ ހަފުތާއެވެ. ދެ ހަފުތާއަކީ ޓީމެއް، ޓީމަކަށް ހަދަން ކުޑަ ވަގުތުކޮޅެކެވެ. ގޮތަކަށް ބުނަންޏާ ދެ ހަފުތާ އަކީ ޓީމުގެ ކުޅުންތެރިންގެ ނަންތައް ހިތުދަސްކޮށްލައިހާ ދުވަހެވެ.

ލަންކާ މެޗުގެ ނަތީޖާއަށްފަހު މޮރިއެރޯ ބުނީ ވެސް އެހެންނެވެ. ޓީމާއެކު ކުޑަ ދުވަސްކޮޅެއް ހޭދަކުރަން ލިބުނު ކަމަށާއި، އިދިކޮޅު ޓީމުން ގޯލުތައް ޖަހަން ފެށުމާ ހަމައަށް ރާއްޖެއިން ކުޅުނީ އޭނާ ބޭނުންވާ ކުޅުން ކަމަށެވެ. އެހެން ކަމުން ފަހަތުން އަރައި ހަތަރު ގޯލު ޖެހިއިރު އެ ދުވަހު ކޯޗަށް ޓީމު ބަދަލުކޮށްލަން ނޭންގުނީތީ އަޖައިބުވާނެ ކަމެއް ނެތްތާއެވެ.

ލަންކާގައި މިއަދު އޮތް ޕްރި މެޗު ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވާހަކަ ދައްކަނީ --- ފޮޓޯ/އެފްއޭއެމް

ކޮންމެއަކަސް އެ މެޗު މާޒީކޮށް މިއަދުގެ މެޗަށް ބަލާލާއިރު ފެނުނީ އަދި މާ ދަށް ކުޅުމެކެވެ. މެޗު ފެށުނީއްސުރެއް ބަންގަލްދޭޝް ޓީމުން މެޗުގައި ރަނގަޅަށް ކުޅުނު އިރު، ރާއްޖެއަށް އުޅުނީ ކުޅެން އުނދަގޫވެގެންނެވެ. އެހެން އުޅެނިކޮށް އިދިކޮޅު ޓީމުން ލީޑު ނެގިއިރު، ރާއްޖެއަށް ވެސް ވަނީ ފުރުސަތެއްގައި ނަތީޖާ ހަމަހަމަ ކުރެވިފައެވެ.

އެކަމަކު އަލަށް ގައުމީ ޓީމުން ޖާގަ ހޯދަން ފެށި ޒުވާން ކީޕަރު އަލީ ނާޖިހުއަށް ހެދުނު ބޮޑު ގޯހަކުން ލިބުނު ޕެނަލްޓީގައި ބަންގްލަދޭޝްއިން ފަހުވަގުތު އަނެއްކާވެސް ނަތީޖާ އަނބުރާލީއެވެ. މިއީ މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖެއިން ފަސޭހަކަމާ އެކު މުޅި މެޗު ޑޮމިނޭޓްކޮށްގެން 0-2 ގެ ނަތީޖާއަކުން ބަލިކުރި ޓީމެވެ. އެކަމަކު މިފަހަރު ރާއްޖެ މާ ބޮޑަށް ވެސް ބަލީއެވެ. ރަނގަޅު ހަމަލާއެއް ވެސް އުފައްދާލަން ނޭންގުނީއެވެ.

މުޅި މެޗަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ ރާއްޖޭގެ ފަރާތުން އެކައްޗެއް ހަދާ ތަނެވެ. ފަހަތުގެ ވިންގަށް ކުޅޭ ކުޅުންތެރިން ބޮޑު ބޯޅައެއް ކުރިއަށް އެއްލަނީއެވެ. ހުރިހާ ބޯޅައެއް ލިބެނީ ބަންގްލަދޭޝްގެ ޑިފެންޑަރުންނަށެވެ. މެޗު ފެށުނީއްސުރެން ނިމެންދެން ވެސް ފެނުނީ މި މަންޒަރެވެ. ބަލާ މީހަކަށް ސިފަވަނީ މާ ބޮޑު ޕްލޭނެއް ނެތި ކުޅޭ ތަނެވެ.

މި ދެ މެޗުން ވެސް ފެނުނީ ދާދި އެއްކަމެކެވެ. ޓީމުގެ ވަރުބަލިކަމާއި، ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޕާފޯމެންސެއް ނުފެނި، އޭގެ ގެއްލުން މުޅި ޓީމަށް ކުރިތަނެވެ. މިއީ ސާފް މުބާރާތާ ބަލައި މުޅިން ލަދުގަންނަން ޖެހޭ ވަރު ކުޅުމަކާއި ނަތީޖާތަކެކޭ ބުނެވިދާނެއެވެ.

ސުވާލަކީ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅުން މިހާ ބޮޑު ތަނުން ދަށްވެގެން ދިޔައީ ކީއްވެތޯއެވެ. އެކި މީހުން ދައްކަނީ އެކި ވާހަކައެވެ. އެއްބަޔަކު ބުނަނީ ކޯޗު މައްސަލައެއް ކަމަށެވެ. އަނެއް ބަޔަކު އިނގިލި ދިއްކުރަނީ ޓީމުގެ ބައެއް ކުޅުންތެރިންނަށެވެ. ޓީމުގައި ތިބި ކުޅުންތެރިން މާ ބޮޑަށް އުމުރު މަތީކަމަށާއި، ޓީމުގެ ބަލި ފަޔަކީ އެއީ ކަމަށެވެ.

ރާއްޖެއިން އެންމެފަހުން ކާމިޔާބުކުރި މުބާރާތަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެއީ ފަހަކަށް އައިސް ގައުމީ ޓީމުގައި ފެނުނު އެންމެ ޒުވާން ޓީމެވެ. އެވްރެޖް އުމުރު 24 އަހަރުގައި އޮތް ޓީމެއް ގޮވައިގެން އޭރުގެ ކޯޗު ޕީޓާ ސެގާޓް ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއަށްފަހު މިފަހަރުގެ ސާފް ސްކޮޑުވެސް 2018 އަށްވުރެ އުމުރު މައްޗެވެ.

މިހާރު ކުރިއަށް މިދާ މުބާރާތުގައި ލަންކާއާއި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް ނެރުނު 11 ވެސް އާންމު ރޭޓަކުން ބަލައި އުމުރުން މައްޗެވެ.

ދަނޑުމަތީގައި 30 އަހަރުން މަތީގެ ހަތަރު ކުޅުންތެރިން ފުރަތަމަ 11 ގައި ތިއްބެވެ. ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން މުހައްމަދު އުމައިރާއި އަކުރަމް އަބްދުލްޣަނީ (އަކޫ) އެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި އެންމެ ގަދަވެރި ކުޅުންތެރިންނެވެ. އެހެން ނަމަވެސް އެވްރެޖް އުމުރު މަތިވުމަކީ ފިޓްނަސްގެ މައްސަލަތައް ދިމާވެ، މެޗުގެ ޓެމްޕޯ ގެއްލެން ދިމާވެދާނެ ސަބަބެކެވެ.

comment ކޮމެންޓް