ފޯ ނޭޝަންސްކަޕް: ޝެޑިއުލަށް ބަދަލެއް، ރާއްޖެ - ބަންގްލަދޭޝް މެޗު ހޮނިހިރަށް

ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

ސްރީ ލަންކާގައި އިއްޔެ ފެށި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗާއެކު މުބާރާތުގެ ޝެޑިއުލަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.

ލަންކާގެ މޫސުން ގޯސްވުމުގެ ސަބަބުން މުބާރާތް ފަށަން އޮތް ދުވަހަށް ނުފެށި، ފުރަތަމަ މެޗު ކުޅެފައިވަނީ އިއްޔެ ހަވީރުއެވެ. ހޯމަ ދުވަހުގެ ރެޔަށް ތާވަލު ކުރި އެ މެޗު އިއްޔެ ކުޅުނު އިރު، ހޯމަ ދުވަހުގެ ހަވީރު ކުޅެން އޮތް ބަންގްލަދޭޝްއާއި ސީޝެލްސް މެޗު ކުޅޭނީ މިއަދުއެވެ.

މި ދެ މެޗަށް ގެންނަން ޖެހުނު ބަދަލުތަކާއެކު މިއަދު ނެރުނު އާ ޝެޑިއުލްގައިވާ ގޮތުން ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ 13 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މި މެޗު ކުރިން ކުޅެން ތާވަލުކޮށްފައި ވަނީ ނޮވެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ ހަވީރަށެވެ.

ލަންކާގެ ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި މެޗުތައް ކުޅޭ އިރު، ވިއްސާރައިގެ ސަބަބުން ދަނޑުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އިއްޔެ ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރި މެޗުގައި ވެސް ދަނޑުގެ އުނދަގޫ ވަނީ ދެ ޓީމަށް ވެސް އިންތިހާއަށް ކޮށްފައެވެ.

އެ މެޗު ފަށައިގެން ރާއްޖެއިން ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި، ދެވަނަ ހާފު ފެށި ގޮތަށް ހަތަރު ގޯލަށް ލީޑު ފުޅާކުރި އިރު، ލަންކާއިން ވަނީ ފަހަތުން އަރައި މަތި މައްޗަށް ހަތަރު ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ހަތަރު ލަނޑުވެސް ލަންކާއަށް ކާމިޔާބުކޮށްދިނީ އެ ގައުމަށް މިދިޔަ އަހަރު ކުޅެން ފެށި ވަސީމް ރަޒީކް އެވެ. އޭނާ މީގެކުރިން ކުޅުނީ ޖަރުމަނުގެ ދަށް ޑިވިޝަނުގެ ލީގުތަކަށެވެ.

comment ކޮމެންޓް