ފުޑްކޯޓް މާރާމާރީ: 18 ދުވަސްވީއިރު ވެސް މީހަކު ހައްޔަރެއް ނުކުރޭ

ހާބަރު ފުޑުކޯޓްގައި ހިންގި މާރާމާރީގައި އަނިޔާ ލިބުނު ބިދޭސީ މީހާ --- ސަން ފޮޓޯ

މިދިޔަ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހުގެ ރޭ ހާބަރު ފުޑްކޯޓުގައި ހިނގި މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

އެ މަރާމާރީއާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދާ ހަމައަށް ވެސް އެއްވެސް މީހަކު އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ މަހުގެ 22ވަނަ ދުވަހުގެ ރޭ މެންދަމު 3:15 އެހާއިރު މި މާރާމާރީ ހިންގައިފައިވަނީ ފުޑްކޯޓުގައި ހުންނަ "ސިޓީ ޓޭސްޓު" ކެފޭގައެވެ.

އެ ހާދިސާ ހިނގި ވަގުތު އެތަނުގައި "ސަން"ގެ ނޫސްވެރިއަކު ހުއްޓެވެ. އޭނާ ބުނީ ބުނީ ކުއްލިއަކަށް އަޑުގަދަވެގެން ބަލާލިއިރު ފެނުނީ ބަޔަކު އަތަށް ޕޭމަންޓު ގާތަކެއް ލައިގެން އައިސް އެ ކެފޭ ތެރެއަށް ޒުވާނުންތަކެއް ވަން މަންޒަރު ކަމަށެވެ.

https://sun.mv/158222

މީގެ އިތުރުން، އެ ނޫސްވެރިޔާ ބުނީ އެ ޒުވާނުން އެތެރެއަށް ވަނުމަށްފަހު އަތުގައި ހުރި ޕޭމަންޓު ގާތައް އެތަނުގެ މުވައްޒަފުންނާ ދިމާއަށް އުކި ކަމަށެވެ. އަދި އޭނާ ބުނީ ތަނުގައި ހުރި ގޮނޑިތަކާއި މޭޒުތައް އެކި ދިމަދިމާއަށް އުކާފައިވާ ކަމަށެވެ. އަދި ބައެއް ގޮނޑިތަކާއި މޭޒުތައް ހަލާކުވި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

"ސަން"ގެ ނޫސްވެރިޔާ ވަނީ ވަގުތުން ގޮސް އެތަނުގެ ހާލަތު ބަލައިފައެވެ.

ނޫސްވެރިޔާ ބުނީ އެތަނަށް ވަދެ ބެލި އިރު ތަޅުންގަނޑުމަތީގައި ލޭގެ ކޯރެއް އޮތް ކަމަށެވެ. އަދި އެތަނުގައި އަނިޔާ ލިބުނު ބިދޭސީ މުވައްޒަފަކު ވެއްޓިފައި އޮތްކަމަށް އޭނާ ކިޔައިދނެވެ.

"އޭނަގެ މޫނުމަތީގައި ލޭ ގިނަކަމުން ލިބިފަ ހުރި އަނިޔާ ބުނެދޭކަށް ނޭނގޭ. މުޅި މޫނުމަތި އޮތީ ލޭން ތަތްތެޅިފައި. އޭރު ކައިރީ ތިބި މީހުން ބިރުން ހަޅޭއް ލަވާ. މޫނުމަތީ ލޭ ގިނަކަމުން އޭނާގެ ސިފަ ވެސް ވަކިކުރަން ނޭނގޭ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ އެ ވަގުތު އެތަނަށް އައި ފުލުހުންނާއި އާއްމު ތިން މީހަކު ވެގެން އެ ބިދޭސީ މުވައްޒަފު ނަގައިގަނެގެން ގެންގޮސް ޕޮލިސް ކާރަށް އަރުވައި އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ހާބަރު ފުޑުކޯޓްގައި ހިންގި މާރާމާރީގައި އަނިޔާ ލިބުނު ބިދޭސީ މީހާ --- ސަން ފޮޓޯ

އެ ހަމަނުޖެހުން ހިނގި ގޮތް ކިޔާދެމުން އެ ކެފޭގައި މަސައްކަތް ކުރާ މުވައްޒަފަކު "ސަން"އަށް ބުނީ ހަމަނުޖެހުން ހިންގީ ބިލު ދައްކަން ބުނުމުން ކަމަށެވެ.

އެ މީހުން ކަނީ. ކަނީ ނިމުނީމަ ބުނަނީ ބިލު ދެނީ. ދެން މަ ބިލު ހަދާފަ އޭނާ ކައިރީ ފޮނުވަނީ. ބިލް ދިނީމަ ބުނަނީ އޭނާ ޓޮއިލެޓް ދާން ބޭނުންވަނީ،" "ސަން"އާ ވާހަކަ ދެއްކި ބިދޭސީ މީހާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ އެ މީހުން އައިސް އަތުން އެތަނުގެ މުވައްޒަފެއް ގައިގައި ޖެހި ކަމަށެވެ. އަދި އެއަށްފަހު "ބޮސް ކޮބާހޭ" އެހި ކަމަށް އޭނާ ކިޔައިދިނެވެ.

އެހެން ބުނުމަށްފަހު އެ މީހުން ވަނީ މުވައްޒަފުންނަށް ހަމަލާދީ މާރާމާރީ ހިންގައިފައެވެ. އަދި އެތަނުގައި ހުރި ތަކެއްޗަށް ވެސް އެ މީހުން ވަނީ ގެއްލުން ދީފައެވެ.

މި މާރާމާރީގައި އަނިޔާވެ ހޮސްޕިޓަލަށް ގެންދެވުނީ އެތަނުގެ ބަދިގޭގައި މަސައްކަތް ކުރާ އެހީތެރިއެކެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް އަނގަމައްޗަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާއަށް ފުރަތަމަ ދުވަސްކޮޅު ކާން ވަރަށް އުނދަގޫވީ ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް