ބިލު ދައްކަން ބުނުމުން، ރުޅިގަދަވެ ޕޭމަންޓު ގާ އުކާ ލޭ އޮހޮރުވައިލައިފި

ހާބަރު ފުޑުކޯޓްގައި ހިންގި މާރާމާރީގައި އަނިޔާ ލިބުނު ބިދޭސީ މީހާ --- ސަން ފޮޓޯ

ހާބަރު ފުޑް ކޯޓުގައި ހުންނަ "ސިޓީ ޓޭސްޓް" ކެފޭގައި ކާން ތިބި ޒުވާނުންތަކެއް ގާތު ބިލު ދައްކަން ބުނުމުން، އެކަމާ ދެކޮޅުހަދައި ލޭއޮހޮރުވުން ހިންގައިފިއެވެ.

އެ ހާދިސާ ހިނގީ މެންދަމު 3:15 ހާއިރުއެވެ.

އެ ވަގުތު އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ބުނީ ކުއްލިއަކަށް އަޑުގަދަވެގެން ބަލާލިއިރު ފެނުނީ ބަޔަކު އަތަށް ޕޭމަންޓު ގާތަކެއް ލައިގެން އައިސް އެ ކެފޭ ތެރެއަށް ޒުވާނުންތަކެއް ވަން މަންޒަރު ކަމަށެވެ.

އެ ނޫސްވެރިޔާ ބުނީ އެ ޒުވާނުން އެތެރެއަށް ވަނުމަށްފަހު އަތުގައި ހުރި ޕޭމަންޓު ގާތައް އެތަނުގެ މުވައްޒަފުންނާ ދިމާއަށް އުކި ކަމަށެވެ.

ހާބަރު ފުޑު ކޯޓުގައި މާރާމާރީ ހިންގަން ބޭނުންކުރި ޕޭމަންޓް ގަލެއް --- ސަން ފޮޓޯ

"އެ ގާތަކުން ޖެހި އެތެރޭގައި ހުރި ބިއްލޫރި ތަށިތައް ތަޅައިގެން ދިޔަ މަންޒަރު ދުށިން. މުޅި ފްލޯގައި އޮތީ ފުޅިތޮށި،" އޭނާ ކިޔައިދިނެވެ.

ނޫސްވެރިޔާ އިތުރަށް ބުނީ ތަނުގައި ހުރި ގޮނޑިތަކާއި މޭޒުތައް އެކި ދިމަދިމާއަށް އުކާފައިވާ ކަމަށެވެ. އަދި ބައެއް ގޮނޑިތަކާއި މޭޒުތައް ހަލާކުވި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

"ތަށިތަކާ އެއްޗެހި ތަޅައިގެންދާ އަޑުފައްގަނޑު އިވުނު. އެތެރޭގައި ތިބި މީހުން ބިރުން ރޮއެ ހަޅޭއް ލަވާ އަޑު ވެސް އިވުނު. އެގަޑީ އެތަނަށް ގޮސް ބެލިއިރު ހަމަލާދިން މީހުން ދުވެ ފިލައިފި. ފުލުހުން އައި އިރު އެ މީހުންނެއް ނެތް،" އޭނާ ކިޔައިދިނެވެ.

އެ ވަގުތު އެތަނުގައި ހަރަކާތްތެރިވި "ސަން"ގެ ނޫސްވެރިޔާ ވަނީ ވަގުތުން ގޮސް އެތަނުގެ ހާލަތު ބަލައިފައެވެ.

ނޫސްވެރިޔާ ބުނީ އެތަނަށް ވަދެ ބެލި އިރު ތަޅުންގަނޑުމަތީގައި ލޭގެ ކޯރެއް އޮތް ކަމަށެވެ. އަދި އެތަނުގައި އަނިޔާ ލިބުނު ބިދޭސީ މުވައްޒަފަކު ވެއްޓިފައި އޮތްކަމަށް އޭނާ ކިޔައިދނެވެ.

ހާބަރު ފުޑު ކޯޓުގައި ހިންގި މާރާމާރީގައި އަނިޔާވި މީހާގެ ގައިން ފޭބި ލޭ --- ސަން ފޮޓޯ

"އޭނަގެ މޫނުމަތީގައި ލޭ ގިނަކަމުން ލިބިފަ ހުރި އަނިޔާ ބުނެދޭކަށް ނޭނގޭ. މުޅި މޫނުމަތި އޮތީ ލޭން ތަތްތެޅިފައި. އޭރު ކައިރީ ތިބި މީހުން ބިރުން ހަޅޭއް ލަވާ. މޫނުމަތީ ލޭ ގިނަކަމުން އޭނާގެ ސިފަ ވެސް ވަކިކުރަން ނޭނގޭ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ އެ ވަގުތު އެތަނަށް އައި ފުލުހުންނާއި އާއްމު ތިން މީހަކު ވެގެން އެ ބިދޭސީ މުވައްޒަފު ނަގައިގަނެގެން ގެންގޮސް ޕޮލިސް ކާރަށް އަރުވައި އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"ހާދިސާ ހިނގި ވަގުތު ބޭރުން ދުވެފައި އައިސް ވަން އެމްޕީއެލްގެ ޔުނީފޯމުގައި ތިބި މުވައްޒަފުންތަކެއް އެ މީހާ ގެންދިއުމުގައި ފުލުހުންނަށް އެހީވާން އައި،" އޭނާ ކިޔައިދިނެވެ.

ހަމަނުޖެހުން ހިންގީ ބިލު ނުދައްކަންވެގެން!

އެ ކެފޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު "ސަން"އަށް ބުނީ އެ މީހުން އެތަނަށް އައިސް ފުރަތަމަ އިށީނީ އެތަނާ ޖެހިގެން ހުރި "އޮކްސިޖަން" ކެފޭގައި ކަމަށެވެ.

ނަމަވެސް އެ ވަގުތު އެތަން ބަންދުކޮށްފައި ހުރުމުން އެ މީހުން ގާތު "ސިޓީ ޓޭސްޓް"އަށް ބަދަލުވާން ވެއިޓަރުން ތަކުރާރުކޮށް އެދުނުކަމަށް އޭނާ ބުންޏެވެ.

"ދެން އެ މީހުން ކަނީ. ކަނީ ނިމުނީމަ ބުނަނީ ބިލު ދެނީ. ދެން މަ ބިލު ހަދާފަ އޭނާ ކައިރީ ފޮނުވަނީ. ބިލް ދިނީމަ ބުނަނީ އޭނާ ޓޮއިލެޓް ދާން ބޭނުންވަނީ،" "ސަން"އާ ވާހަކަ ދެއްކި ބިދޭސީ މީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ މީހުން ފާހާނާއަށް ދާން އެދުމުން، ބިލު ދައްކައިފައި ދިއުމަށް އެ މީހުން ގާތު އެދުނު ކަމަށެވެ. ނަމަވެސް ބިލު ދައްކަން ދެކޮޅުހެދުމުން، ތަނުގެ ވެރިޔާއަށް އޭނާ ގުޅިކަމަށް ބިދޭސީ މީހާ ކިޔައިދިނެވެ.

"އަހަރެން ބޮސް ގުޅީމަ އެ މީހުން ޖަހަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ އެ މީހުން އައިސް އަތުން އެތަނުގެ މުވައްޒަފެއް ގައިގައި ޖެހި ކަމަށެވެ. އަދި އެއަށްފަހު "ބޮސް ކޮބާހޭ" އެހި ކަމަށް އޭނާ ކިޔައިދިނެވެ.

އެހެން ބުނުމަށްފަހު އެ މީހުން ވަނީ މުވައްޒަފުންނަށް ހަމަލާދީ މާރާމާރީ ހިންގައިފައެވެ. އަދި އެތަނުގައި ހުރި ތަކެއްޗަށް ވެސް އެ މީހުން ވަނީ ގެއްލުން ދީފައެވެ.

"ތަށިތައް ހަލާކުވަނީ. ބުފޭ ޓޭބަލް ހަލާކުވަނީ. ގޮނޑި ހަލާކުވަނީ. މޭޒު ހަލާކު ވަނީ. ހުރިހާ ހަލާކު ވަނީ،" އެތަނުގައި މަސައްކަތްކުރާ މުވައްޒަފު ކިޔައިދިނެވެ.

މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައީ އެތަނުގައި މަސައްކަތް ކުރާ ބަދިގެ ހެލްޕަރެކެވެ.

ހާބަރު ފުޑުކޯޓްގައި ހިންގި މާރާމާރީގައި އަނިޔާ ލިބުނު ބިދޭސީ މީހާ --- ސަން ފޮޓޯ

އެ ވަގު އެ ސަރަހައްދުގައި ތިބި، އެ ކެފޭއަށް އާއްމުކޮށް ގޮސްއުޅޭ ބަޔަކު "ސަން"އަށް ބުނީ އެއީ ވަރަށް ގިނައިން އެ ކެފޭއަށް އަންނަ ބައެއް ކަމަށެވެ. އަދި އެ މީހުން އެ ކެފޭއަށް ދާއިރު ގިނަފަހަރަަށް ތިބެނީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށް ވެސް އެ މީހުން ބުންޏެވެ.

"މިރޭ ވެސް ޔަގީން ހަމައަކު ނޫން އެތިބީ. ބޮއެގެން ތިބީ މިރޭ ވެސް ހަމަ ޔަގީން. ހަމަހޭގައި ތިބި ބަޔަކަށް އެވަރު ކުރާކަށް ނުކެރޭނެ،" އެ މީހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިނުވާއިރު، ފުލުހުންގެ ފޮރިންސިކް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

"ސިޓީ ޓޭސްޓް" ކެފޭ އަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ތަނެކެވެ.

comment ކޮމެންޓް