ސްރީ ލަންކާގައި މިއަދު ފެށި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެއިން ބޮޑު ލީޑެއް ނަގާފައިވަނިކޮށް ލަންކާއިން ފަހަތުން އަރައި އެއްވަރުކޮށްފިއެވެ.
ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ލަންކާއާ ރާއްޖެ އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ. މިދިޔަ މަހު މާލޭގައި ކުޅުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ލަންކާ ބަލިކުރީ 1-0 އިންނެވެ.
ގައުމީ ޓީމާ ހަވާލުވި އާ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި މިއަދު ކުޅުނު މެޗު ފެށައިގެން ހަތްވަނަ މިނަޓުގައި ރާއްޖެއިން ވަނީ ލީޑު ނަގައިފައެވެ. އަލީ އަޝްފާގު ނަގައިދިން ހުރަހަކުން އެ ބޯޅަ ބޮލުން ޖަހައި ގޯލަށް ވައްދާލީ ކެޕްޓަން އަކްރަމް އަބްދުލް ޢަނީއެވެ.
އޭގެ މިނަޓެއް ފަހުން އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖެއަށް ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފުގައި ލަންކާއަށް މާގިނަ ފުރުސަތުތަކެއް ލިބިފައި ނުވާއިރު، އެ ހާފު ނިމެންދަނިކޮށް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ރާއްޖޭގެ ތިންވަނަ ގޯލެއް ޖަހައިދީފައެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ދަގަނޑޭ ވަނީ ރާއްޖެ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފައެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ދަގަނޑޭ ވަނީ ތިރިތިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ. މިއީ ލަންކާއާ ދެކޮޅަށް ދަގަނޑޭ ކުޅުނު ފަސް މެޗުގެ ތެރެއިން ޖެހި ނުވަ ވަނަ ގޯލެވެ.
ރާއްޖެއިން ހަތަރު ގޯލު ޖަހާފައި ވަނިކޮށް ލަންކާއިން ވަނީ ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައިފައެވެ. ލަންކާގެ ހަތަރު ގޯލު ވެސް ޖަހައިދިނީ އަހުމަދު ވަސީމް ރަޒީކްއެވެ. ވަސީމް އަކީ މީގެ ކުރިން ޖަރުމަނުގެ ދަށް ޑިވިޝަނުގެ ޓީމުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ލަންކާ ޓީމަށް ކުޅެނީ ވަރަށް ފަހުން އެ ގައުމުގެ ރަށްވެހިކަން ހޯދައިގެންނެެވެ