މިނިމަމް ވޭޖާމެދު ހިތްހަމަނުޖެހި ރިސޯޓު މުވައްޒަފުން އިހުތިޖާޖަށް

ރިސޯޓު މުވައްޒަފުންގެ އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ/ ރިސޯޓް ވޯކާސް މޯލްޑީވްސް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަނޑައެޅި މިނިމަމް ވޭޖާ މެދު ހިތްހަމަ ނުޖެހި، ބައެއް ރިސޯޓު މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިނިމަމް ވޭޖު ބޯޑުން، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅަން ސަރުކާރަށް ލަފާދިނީ ގަޑިއިރަކަށް 42.72އެވެ. އެއީ މަހަކު 8900 ރުފިޔާއެވެ.

އެހެން ނަމަވެސް އިއްޔެ ސަރުކާރުން މިނިމަމް ވޭޖު ކަނޑައެޅިއިރު އެ އަދަދު ވަނީ ކުޑަކޮށްފައެވެ. ސަރުކާރުން ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް 8000 ރުފިޔާއެވެ.

މިނިމަމް ވޭޖު އާންމު ކުރުމާއެކު ސޯޝަލް މީޑިއާގައި ރިސޯޓު މުވައްޒަފުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ.

ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ "ރިސޯޓް ވޯކާސް މޯލްޑިވްސް" އިން ވަނީ ބައެއް މުވައްޒަފުން އިހުތިޖާޖު ކުރި ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފައެވެ. އެގޮތުން ރިސޯޓު މުވައްޒަފުންގެ އިހުތިޖާޖުގައި އެ މީހުންގެ ޝުއޫރު ދައްކުވައިދޭ ބޯޑު ބޭނުން ކޮށްފައިވާއިރު، "ކޮންމެ މަހަކު 900 ރުފިޔާ ކޮންމެ ރިސޯޓު މުވައްޒަފެއްގެ އަތުން ސަރުކާރުން ފޭރިގެންފި" ކަމަށް ބޯޑުތަކުގައި ބުނެފައިވެއެވެ.

https://fb.watch/99X36-4ceR/

ހަމައެހެންމެ ބޯޑުގެ ނިންމުމާ ދެކޮޅަށް މި ނިންމި ނިންމުމަކީ މަހުޖަނުން ކޮޅެއް ރުއްސަން ނިންމި ނިންމުމެއް ކަމަށާއި ސަރުކާރު އޮތީ ވިޔަފާރި ވެރިންގެ އަތްދަށު ވެފައި ކަމަށް ބުނެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިސްތިއުފާއަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން އިހުތިޖާޖުގައި ބައިވެރިވި މުވައްޒަފުން ވަނީ ސިޔާސީ މަގާމުތަކާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ވެސް ގޮވައިލައިފައެވެ.

ރިސޯޓު މުވައްޒަފުންގެ އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ/ ރިސޯޓް ވޯކާސް މޯލްޑީވްސް

ރިސޯޓު މުވައްޒަފުންގެ ކަންބޮޑުންތައް ހުރި ނަމަވެސް، މިނިމަމް ވޭޖު ކަނޑައަޅަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖާއެކު ސާވިސް ޗާޖު ލިބުމުން 12،000 ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އެހެންނަމަވެސް އިހުތިޖާޖުގައި ބައިވެރިން ބުނީ ގިނަ ރިސޯޓުތަކުން ގަވައިދާ އެއްގޮތަށް ސާވިސް ޗާޖު ދެމުން ނާންނަ ކަމަށާއި ރިސޯޓުތަކުގެ ވެރީން ސާވިސް ޗާޖުން ކުރާ ވައްކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް