އިންގިލާބީ ފިޔަވަޅުތައް އުވާލަން ސޫދާނުގެ އަސްކަރީ ވެރިޔާ އަދިވެސް ދެކޮޅު ހައްދަވަނީ

ސޫދާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހުލް ބުރުހާން

ޚުރުތޫމް (8 ނޮވެމްބަރު) : ސޫދާނުގައި ވެރިކަން ކުރަމުންދިޔަ އިންތިގާލީ މަދަނީ ސަރުކާރު އުވާލައި ކުއްލި ހާލަތު އިއުލާނުކުރުންފަދަ, މިދިޔަ އޮކްޓޫބަރު 25 ވަނަދުވަހު ސިފައިން ގެނައި އިންގިލާބުގައި އެޅި ހަރުކަށި ފިޔަވަޅުތައް އުވައިނުލާނެ ކަމަށް އެގައުމުގެ އިންގިލާބީ ވެރިޔާ އަދި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަބްދުލްފައްތާޙް އަލް ބުރުހާން ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޖެނެރަލް ބުރުހާން ވިދާޅުވީ އިންތިގާލީ މަދަނީ ސަރުކާރު އުވާލައި ކުއްލި ހާލަތު އިއުލާނުކުރުންފަދަ ފިޔަވަޅުތައް އަޅަންޖެހުނީ މަދަނީ ސަރުކާރު ހިނގަމުންދިޔަ ގޮތުން ރައްޔިތުންނަށް ޚިދުމަތްތައް ނުދެވި ގައުމުގެ ކަންކަން ބޮއްސުންލައިގެން ދިޔުމުންކަމަށާ އެފިޔަވަޅުތައް އުވާލަން ގަސްދުނުކުރައްވާ ކަމުގައެވެ.

"މައްސަލައަކީ އުވާލި ސަރުކާރުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކެއް ނޫން. މައްސަލައަކީ އިންތިގާލީ މަރުހަލާގައި ބޭނުންކުރި ވަގުތީ ދަސްތޫރާއި އިންތިގާލީ ސަރުކާރު އެކުލަވާލާފައި އޮތްގޮތާއި އެސަރުކާރުން އަމަލުކުރިގޮތް," ޖެނެރަލް ބުރުހާން ވިދާޅުވިއެވެ.

މަގާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ހަމްދޫކުގެ ރިޔާސަތުގެ ދަށުގައި ޓެކްނޮކްރޭޓުންގެ (އިލްމީ ތަޖްރިބާކާރުންގެ) މަދަނީ ސަރުކާރެއް އެކުލަވާލަން ތައްޔާރަށް ހުންނެވި ކަމަށާ ނަމަވެސް އުވާލި ސަރުކާރު އަލުން އަނބުރައި އިއާދަ ނުކުރެވޭނެކަމަށް ޖެނެރަލް ބުރުހާން ވިދާޅުވިއެވެ. ސޫދާނުގެ ރައްޔިތުން ގެންދަނީ މިދިޔަ އޮކްޓޫބަރު 25 ވަނަދުވަހު ގެނައި އަސްކަރީ އިންގިލާބުގައި ޖެނެރަލް ބުރުހާން އުވާލެއްވި އިންތިގާލީ މަދަނީ ސަރުކާރު އަލުން އަނބުރައި އިއާދަކުރުމަށް ގޮވާލައި އިހްތިޖާޖް ކުރަމުންނެވެ.

ސޫދާނުގެ ރައްޔިތުން އަސްކަރީ އިންގިލާބާ ދެކޮޅަށް މުޒާހަރާކުރަނީ

ހަމްދޫކް ވަނީ އޭނާގެ ސަރުކާރު އަލުން އަނބުރައި ރުޖޫއަކުރުމަށް ގޮވާލައްވާފައެވެ. އުވާލި ސަރުކާރުގެ ބަދަލުގައި އުފައްދާ ސަރުކާރުގެ ބޮޑުވަޒީރުކަން ބޭނުން ނުވާކަމަށްވެސް ހަމްދޫކްވަނީ ވިދާޅުވެފައެވެ.

އަނެއްކޮޅުން އަސްކަރީ އިންގިލާބާ ދެކޮޅަށް އެކުލަވާލާފައިވާ މަދަނީ އިއްތިހާދުން ވަނީ ޖެނެރަލް ބުރުހާން އަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި މަދަނީ ބަސްނޭހުމުގެ ވަރުގަދަ ހަރަކާތެއްވެސް ފަށާފައެވެ. މިހަރަކާތުގައި ސޫދާނުގެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ވަނީ ފުޅާދާއިރާއެއްގައި ބައިވެރިވެފައެވެ. މަދަނީ ބަސްނޭހުމުގެ މި ހަރަކާތުގެ ދަށުން ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އިންޖިނޭރުން ފަދަ ފަންނީ ދާއިރާތަކުގެ މުވައްޒަފުން ވަޒީފާތަކަށް ނުނިކުތުމަށް މަދަނީ އިއްތިހާދުން ވަނީ ގޮވާލާއިފައެވެ.

ޖެނެރަލް ބުރުހާން ގެންނެވި އަސްކަރީ އިންގިލާބާ ދެކޮޅަށް އާންމުން ފަށާފައިވާ މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ފުޅާވެ ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާއިރު ޖެނެރަލް ބުރުހާން އިއްޔެވަނީ މަދަނީ ބަސްނޭހުމުގައި ބައިވެރިވި ސަރުކާރުގެ ބައެއް ބޭންކުތަކުގެ މެނޭޖަރުން މަގާމުން ދުރުކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ޖެނެރަލް ބުރުހާން އިސްކޮށް ހުންނަވައިގެން ސޫދާނުގެ އަސްކަރިއްޔާއިން ގެނައި އިންގިލާބުގައި އެ ގައުމުގެ އިންތިގާލީ މަދަނީ ސަރުކާރު އުވާލުމުގެ އިތުރުން ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކާއި އޭނާގެ ބައެއް ވަޒީރުންވެސް ހައްޔަރުކުރިއެވެ. ނަމަވެސް ސޫދާނުގެ ރައްޔިތުންގެ މުޒާހަރާތަކާ އަދި ބައިނަލްއަގްވާމީ ފިއްތުންތަކާ ގުޅިގެން ޙަމުދޫކާއި ވަޒީރުންގެ ތެރެއިން 3 ބޭފުޅުން ދާދިފަހުންވަނީ މިނިވަންކޮށްފައެވެ.

ޖެނެރަލް ބުރުހާންވަނީ އިންތިގާލީ މަރުހަލާ ނިންމުމަކަށް އައުމުން އިންތިޚާބެއް ބޭއްވުމަށްފަހު ރައްޔިތުން ހޮވާ ފަރާތަކާ ސަރުކާރު ހަވާލުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބަށް ކުރިމަތި ނުލައްވާނެކަމަށްވެސް ޖެނެރަލް ބުރުހާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބުރުހާންގެ ވާހަކަތަކަށް ސޫދާނުގެ އާންމުންނާއި ސިޔާސީ ފަރާތްތަކުން މިހާރު އިތުބާރެއް ނުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް