ނާސްތާ ޕްރޮގްރާމަށް 224 މިލިއަން ރުފިޔާ ހަރަދު ކުރެވިއްޖެ، ކާމިޔާބު ޕްރޮގްރާމެއް: އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމަށް މިހާތަނަށް 224 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މިއީ މި ސަރުކާރުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ކޮންމެ ދުވަހަކު އެވްރެޖްކޮށް 49،000 ކުދިންނަށް ނާސްތާ ދެމުން ދިޔަ ކަމަށެވެ.

"ނާސްތާ ޕްރޮގްރާމަކީ ހަގީގަތުގަ އަޅުގަނޑުމެން ސަރުކާރުން ކުރިއަށް ގެންދެވޭ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް. މިކަމަށް މިހާރު ގާތްގަނޑަކަށް 224 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އެދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ދިރާސާއެއް އެޑިއުކޭޝަން މިނިސްޓްރީން އަންނަ އަހަރު ހަދާނެ ކަމަށެވެ.

"އެއީ ކުދިން ފިލާވަޅުތަކަށް ވަރަށް ފޯކަސް ކުރޭ. ވަރުބަލިވެގެން ނުވަތަ ބަނޑުގަ ރިއްސައިގެން ބޮލުގަ ރިއްސައިގެން އުޅޭފަދަ ކަންތައްތައް ދިމާވުން ކުރިއާ ބަލާފަ މަދު،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު އެ ޕްރޮގްރާމް ފެށި ފަހުން ކުދިން ސްކޫލަށް ހާޒިރުވާ މިންވަރު އިތުރުވެ، ގަޑި ޖެހިގެންދާ ކުދިންގެ އަދަދުވެސް ދަށަށް ގޮސްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އެއީ ކުދިންނަށް ލިބޭ ވަރަށް އުފާވެރި ވަގުތު ކޮޅެއް މިއީ ރައްޓެހިންނާ އެއްކޮށް ހެނދުނުގެ ނާސްތާ ނަގާލުން. އަދި ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށްވެސް ކުދިންގެ ގައިގަ އެނާޖީ ހުރޭ،" މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް، ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަނީ ނާސްތާ ޕްރޮގްރާމަކީ ސަރުކާރުން ހިންގި އިސްރާފެއްގެ ގޮތުގައި މީގެ ކުރިން ސިފަކުރައްވައިފައެވެ.

"ޕާޓީ މީހުންނަށް ފައިދާވާ ގޮތަށް ތިކަން ކޮށްފައިވަނީ. ދަރިވަރުންގެ ދުޅަހެޔޮކަމަށް އެދޭނަމަ، ތި ޕްރޮގްރާމް ތިއަށްވުރެ ފުރިހަމަކޮށް ގެންދެވުނީސް. ކަންކުރަން ނޭނގެނީ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އެހެން ވިދާޅުވީ މި އަހަރު ތެރޭގައި ނާސްތާ ޕްރޮގްރާމް ނުހިންގަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޖުލައި މަހު ނިންމުމުންނެވެ.

comment ކޮމެންޓް