ހާދަ ވަގުތެކޭ! ހާދަ ހޫނުވެއޭ!

ބޮޑުތަކުރުފާނު މަގު، ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑު ކައިރީގައި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ކިއު ހަދާފައި -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އެގާރަގަޑި ބައި އެހަކަންހާއިރެވެ. މެދުއުޑަށް ދަތުރު ފަށައިގެން އުޅޭ އިރުގެ އަލިފާން ދޯދިތައް މުޅި މާލެ އަންދަމުންދާ ކަހަލައެވެ. މި ފަދަ ވަގުތެއްގައި، މާލޭގެ އިރުމަތީ ފަރާތު ކާނިވާ ކައިރީގައި ހުރި ޕެޓްރޯލް ޝެޑާ ދިމާއަށް އަހަރެން މިސްރާބުޖެހީ، ލަސްކޮށްފިއްޔާ، ސައިކަލް "ތަންހަރު"ވެދާނޭހެން ހީވާތީއެވެ. މީޓަރު ދައްކަނީ ހާންތިވެފައިވާކަމުގެ އިޝާރާތެވެ. ކުރިއަށް ދެވޭވަރު ނުވާކަމުގެ ނިޝާނެވެ. އެހެންކަމުން ސައިކަލަށް ވެސް މާ ބޮޑު އެނގުމެއް ނުވާ ވަރަށް ދުއްވާފައި ގޮސް، ޝެޑާ ދިމާއަށް ނިކުމެއްޖައީމެވެ. އެއާއެކު ފެނުނު މަންޒަރަކުން ބޮލަށް އެނބުރުން އަރާގޮތްވިއެވެ.

ވިސްނާކަށް ޖާގައެއް ނެތެވެ. މަޑުކުރާކަށް ވަގުތެއް ނެތެވެ. ޝެޑް ކައިރީގައި ދަމާލައިފައި އޮތް ދިގު ފަތީގެ ފަހަތުގައި މަޑުކޮށްލައިފީމެވެ. ޕެޓްރޯލް ޝެޑްގެ ހުޅަނގުފަރާތުން ފަށާފައި އޮތް ފަތި، ޝެޑްގެ އުތުރުފަރާތުން ދެކުނަށް ލަނބާލައިގެން އައިސް، އަހަންނަށް ޖާގައެއް ލިބުނީ، އެމްޓީސީސީ ސޯމިލާ ހަމައިންނެވެ. ފަތީގައި މިނެޓެއްހައި އިރު ވީއިރު ބޮލަށް އެނބުރުން އަރާން ފަށައިފިއެވެ. ދެ އަތް ފިހިއްޖެއެވެ. ހިތަށް އެރިއެވެ. މިއަށްވުރެ ލުއި ގޮތެއް، މި ކަމުގައި ހަމަ ނެތީ ބާވައެވެ؟ ބަނޑުހައިވީމާ، ކާންޖެހޭ ފަދައިން، އިންޖީނުލީ އުޅަނދުފަހަރުގައި އުޅޭ މީހުންނަށް ޖެހޭނީ އެ އުޅަނދުފަހަރަށް ވެސް ކާންދޭންށެވެ. މި ނޫން ގޮތަކަށް މިކަން ހަމަޖެހެންވާނެއެވެ.

ޕެޓްރޯލް ފަތީގައި ލާމެހިގެން، ރަތްދަކަ އަވީގައި އިންނަތާ ފަސްވަރަކަށް މިނެޓުވެއްޖެއެވެ. ދޭތެރެއަކުން ކުރިއަށް ޖެހިލައި މިންވަރު ހަލުއިވެލި ނަމަވެސް، ފަތި ކުރިއަށް ހިރެނީ، ފިނިހަކަ މިސާލުގައެވެ. ވާގޮތް މި އެނގުނީ، ޝެޑުގެ ހަރަކާތްތަކަށް ބަލައިލުމުންނެވެ.

ޚިދުމަތް ދޭ ކުދިންގެ އަތްމަތި ތަތެއް ނޫނެވެ. އަވަސް ޚިދުމަތެއް ފޯރުކޮށްދެވޭތޯ އެ ކުދިން މަސައްކަތްކުރެއެވެ. އެ ޚިދުމަތަށް ހުރަސް އަޅަނީ، ޚިދުމަތް ހޯދާ ބައެއް ފަރާތްތަކުގެ ޢަމަލުތަކެވެ. ބައެއް މީހުން ޕެޓްރޯލް އަޅަން ގޮސް، މަޑި ހުޅުވާލަން، ނޫން ނަމަ ޓޭންކުގެ މަތި ހިއްލައިލާން، އެތައް ވަގުތެއް ހޭދަވެއެވެ. ޓޭންކަށް ޕެޓްރޯލް އެޅޭ މިންވަރު މަދުވެ، ޕެޓްރޯލް ގަންނަވައި އަޅަން އެ ޖަހައި ސަކަރާތަކަށް ވެސް އެތައް ވަގުތެކެވެ. ޕެޓްރޯލް އަޅައި ނިމުމުން ޓޭންކުގެ މަތިޖަހައި، މަޑި ލައްޕާފައި ނޫނީ ޖީބުގައި އޮންނަ ވޮލެޓްގައި އަތްޖައްސާ ވެސް ނުލައެވެ. ނޫޓު ދިއްކޮށްލާފައި، ބާކީ ފައިސާކޮޅު ލިބުނީމާ ނޫނީ، ދުރަށް ޖައްސައިލުުމުގެ ގަސްތުގައި ސައިކަލާ ދިމާއަށް ބަލައި ވެސް ނުލައެވެ. އެތައް ބަޔަކު އަވީގައި ފިހެވޭން ތިބިކަން ހަނދާން ވެސް ނެތް ކަހަލައެވެ.

ފަތީގައި އިންނަތާ ފަނަރަވަރަކަށް މިނެޓް ފަހުން އަހަންނަށް ފުރުސަތު ލިބިއްޖެއެވެ. ޕެޓްރޯލް އަޅަންފެށުމާއެކު، ވޮލެޓުން ފައިސާ ނަގައި، އަތްމަތިކޮށްލައިފީމެެވެ. ޕެޓްރޯލް އަޅައި ނިމުމާއެކު، ނޫޓް ދިއްކޮށްލުމަށްފަހު، ސައިކަލް ދުރަށް ޖައްސައިލީ، ފަހަތުގައި އިން މީހާއަށް ވަމުންދާ ހޫނު އިހުސާސްކުރެވޭތީއެވެ. ޓޭންކް މަތިޖަހައި ސައިކަލަށް އަރަމުން އެނބުރި ބަލައިލިއިރު، ފަހަތުގައި ހުރި މީހާ ހުރީ ޕެޓްރޯލް އެޅުމަށް ޓަކައި ސައިކަލް ވަރުކޮށްގެންނެވެ. ބާކީ ފައިސާކޮޅު ލިބުމާއެކު، ހިއްލާފައި ހުރި ދާތިކިތައް ފޮހެލަމުން އަހަރެން ސައިކަލް ދުއްވާލައިފީމެވެ.

ދިޔަ މަގުމަތީގައި ހިތަށް އެރިއެވެ. މިއީ މިކަން ވާނޭ ގޮތެވެ. ފިހުނަސް، ފޯވިޔަސް، މި ކަމަށް ޙައްލެއް އަންނާނީ، ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރުކުރެވިގެންނެވެ. މާލޭގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު އިންތިހާއަށް ގިނައެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރިޕޯޓްތައް ދައްކާގޮތުގައި، 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 108,532 އެއްގަމު އުޅަނދު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެތެރޭގައި ސައިކަލާއި ކާރާއި ޕިކަޕާއި ލޮރީއާއި ވޭނާއި ބަހާއި މިހެން ގޮސް އެތައް ނަމެއްގެ އެތައް އުޅަނދެއް ހިމެނެއެވެ. މިހާރު މި އަދަދު ހަމަ ޔަޤީނުން ވެސް އުޅޭނީ މިއަށްވުރެ މާ މަތީގައެވެ. މީގެތެރެއިން ގިނަ އުޅަނދުފަހަރު ދުއްވާނީ މާލޭގައެވެ. މި ހުރިހައި އުޅަނދަކަށް ޕެޓްރޯލް އަޅަން މާލޭގައި މި ހުންނަނީ އެންމެ ފަސް ޕެޓްރޯލް ޝެޑެވެ. އެހެންކަމުން އަހަރެމެން ކަހަލަ މީހުންގެ ތަލަ ފިހުނު ނަމަވެސް، ފަތި ދިގެއް ނޫންތާއެވެ. އިސްރާފުވާ ވަގުތު ގިނައެއް ވެސް ނޫންތާއެވެ.

ނޫނެކެވެ. ފަތި ދިގެވެ. ވަގުތު އިސްރާފުވެއެވެ. މި ކަމަށް ހެޔޮ ބަދަލެއް ގެންނާން އެބަ ޖެހެއެވެ. މާލޭގައި ހުރި ޕެޓްރޯލް ޝެޑްތަކަކީ، ހަމަ އެންމެ ފެންވަރު ރަނގަޅު މެޝިންތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިގެން ތައްޔާރުކޮށްފައިވާ ޒަމާނީ ފެންވަރުގެ ޝެޑްތަކެކެވެ. އެހެންނަމަވެސް މުޅި މާލެ ފުރި ބާރުވެފައި މިހިރަ އުޅަނދުތަކަށް، އެންމެ ފަސް ޕެޓްރޯލް ޝެޑުން، އަވަސް ޚިދުމަތެއް ދޭނީ ކިހިނެއް ހެއްޔެވެ؟ ޚިދުމަތް ދޭ ފަރާތްތަކުން މި ކަމާމެދު ވިސްނާކަށް އަދިވެސް ނުވޭބާވައެވެ؟ މާލޭގައި ޕެޓްރޯލް ޝެޑްތައް މިހާރަށްވުރެ އިތުރުކުރާން އެބަ ޖެހެއެވެ. މެޝިންތައް ގިނަކުރާން އެބަ ޖެހެއެވެ. ރައްޔިތުންނަށް މިއަށްވުރެ ލުއި ފަސޭހައިން މި ކަން ވޭވޭނެ މަގެއް ފަހިކޮށްދޭން އެބަ ޖެހެއެވެ.

comment ކޮމެންޓް