ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރަށް ދައުވާ ކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) ގައި އެދިއްޖެއެވެ.
އެޗްއާރުސީއެމްގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ކުޑަކުދިންގެ ހިޔާއާ ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކޮށް، ބަޔަކަށް ދައުވާކޮށްދިނުމަށް އެދި އެ ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފަައިވާ ކަމަށެވެ. އަދި މިހާރު ޕީޖީ އޮފީހުން ދަނީ އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކާ ބެހޭ ގޮތުން އެކޮމިޝަނާ މަޝްވަރާ ކުރަމުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ޕީޖީ އޮފީހުގެ ސްޕޯކްސްޕާސަން އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ސަން" އަށް ވިދާޅުވީ ކުޑަކުދިިންގެ ހިޔާގައި ހިނގާދިޔަ ހާދިސާއަކާ ގުޅިގެންް ޖެންޑާ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ފުލުހުންތަކަކަށް ދައުވާ ކުރަން އެޗްއާރުސީއެމުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވީ ކިތައް މީހުންގެ ނަން ކަމެއް އަދި ހާމަ ކުރެވެން ނެތް ކަމަށް ޝަފީއު ވިދާޅުވިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުން އެޗްއާރުސީއެމްއިން ދައުވާ ކުރަން އެދިފައިވާ މީހުންގެ ތެރޭގައި ޒެނީޝާ އާއި ބަޝީރުގެ ނަން ހިމެނެއެވެ.
އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް އެޗްއާރުސީއެމްއިންވެސް އަދި ޕީޖީ އޮފީހުންވެސް ހާމައެއް ނުކުރެއެވެ.