ބަންދުގެ މުއްދަތު އިތުރު ނުކޮށް ގޭ ބަންދަށް ބަދަލު ކުރުމުން މެޖިސްޓްރޭޓަކަށް ފިޔަވަޅު އަޅައިފި

އޮކްޓޯބަރ 1، 2019: ޖުޑިޝަލް ސާވިސް ކޮމިޝަން ހުންނަ ތީމުގެ: ޖޭއެސްސީން ވަނީ މެޖިސްޓްރޭޓަކަށް ފިޔަވަޅު އެޅުމަށް ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައްސަލައެއްގައި ތުހުތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން, އެ މީހާ ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމި, ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހު ޖޭއެސްސީން މިއަދު ބުނެފައިވަނީ, ތައްޔިބް ބެލި މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތް ގޭގައި ބަންދުކޮށްފައި ބަހައްޓަން ނެރުނު އަމުރަކީ, އިޖުރާއަތާއި ހިލާފަށް ނެރެފައިވާ އަމުރެއްކަން ތަހުގީގު ކޮމިޓީއަށް ސާބިތިވެފައިވާ ކަމަށެވެ.

އެކަމުގެ އަދަބެއްގެ ގޮތުން, ތައްޔިބަށް ނަސޭހަތް ދިނުމުގެ އިތުރުން, ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ވަނީ އަންގާފައެވެ.

ގާޒީންނާއި ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީއަށެވެ.

އެކޮމިޝަނުގެ ރައީސަކީ, ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނައިބްރައީސަކީ, މަސްތޫރު ހުސްނީ އެވެ. ދެން އެ ކޮމިޝަނުގައި ތިއްބަވަނީ, ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި, ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރުއާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުއާއި, ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހްއާއި, ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުއާއި, ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން އާންމުންގެ ތެރެެއިން އިންތިހާބްކޮށްފައިވާ އައިމިނަތު އުއްމުކުލްސޫމް އެވެ.

comment ކޮމެންޓް