ރާއްޖޭގެ އިގްދިސާދު ސިންދަފާތުކޮށް, ރިއަލް އެސްޓޭޓް ވިޔަފާރީގެ ފުރުސަތުތައް ފުޅާކޮށް, އިންވެސްޓަރުން ބައިވެރިކޮށްގެން އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ދުބާއީ އެކްސްޕޯ 2020ގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށްވީ ނަމަވެސް، ރާއްޖެއަކީ އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމެއް ކަމަށާއި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެތަކެއް އަހަރުތަކެއް ވަންދެން ރާއްޖޭގެ އިގްތިސާދު ހިފެހެއްޓީ ފަތުރުވެރިކަމުގެ ދާއިރާއިން. އެހެންނަމަވެސް އެހެން ދާއިރާ ތަކުން ވެސް އިގްތިސާދު ކުރިއަރުވަން އެބަޖެހޭ. އެގޮތުން އިގްތިސާދު ސިންދަފާތު ކުރުމަށް ރިއަލް އެސްޓޭޓް ވިޔަފާރި ރާއްޖޭގައި ފުޅާކުރާނަން. އަދި ޓްރާންސްޕޯޓާއި ލޮޖިސްޓިކާއި އިޔާދަ ކުރަނިވި ހަކަތަ އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާނަން،" ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އެންމެ މުހިއްމު މަޝްރޫއެއްގެ ގޮތުގައި ފައްޔާޒު ފާހަގަ ކުރެއްވީ ދެމެހެއްޓެނިވި ތަރައްގީއަށާއި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށްޓަކައި ކުރިއަށްދާ މަސައްކަތްތަކެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކުރުމުގެ މަސައްކަތް ނިމުމާއެކު ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެސް ބައިނަލްއަގްވާނީ އެއާޕޯޓުތައް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މި ފޯރަމުގައި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޓޫރިޒަމް މިނިސްޓަރު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް، ސެކްޓޯރަލް ޑައިވާސިފިކޭޝަނާއި، ތިމާވެށި ދެމެހެއްޓުމާއި، ރާއްޖޭގެ މުޖުތަމައުތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ރާއްޖޭގެ ވަށައިގެން ވަނީ ކަނޑަށް ވުމާއެކު، ނޫ އިގްތިސޯދު ތަރައްގީ ކުރުމަށް ރާއްޖެއިން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އަލަށް ޓޫރިޒަމަށް ހުޅުވާލި ރަށްތަކަށް އިންވެސްޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގެ ވާހަކައިގައި ބައިވެރިވުމަށް ރައީސް ވަނީ އިންވެސްޓަރުންނަށް ދައުވަތު އަރުވައިފައެވެ.