މަންދު ކޮލެޖަށް ލަހުން ފައިސާ ދެއްކުމުން މިނިސްޓަރު އައިޝަތު އަލީގެ މައްޗަށް ދައުވާކޮށްފި

އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭ 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އެންގި މުއްދަތު ފަހަނައަޅާ ދިއުމަށްފަހު އެ ފައިސާ ދިން މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މި ދައުވާ ކޮށްފައިވަނީ މަންދު ކޮލެޖު ހިންގާ، މާލެ ހައި ޕްރައިވެޓް ލިމިޓެޑުންނެވެ.

އެއް މަސް ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރިލް މަހުގެ 19ވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބަދަލުގެ ގޮތުގައި ދޭންޖެހޭ 15 މިލިއަން ރުފިޔާ މަންދު ކޮލެޖަށް ދެއްކުމަށްޓަކައި ހުކުމްގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިވިލް ކޯޓަށް އެ ފައިސާ ދެއްކި ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ އަނބުރާ އެ ފައިސާ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ.

ސިވިލް ކޯޓުން އެ ފައިސާ އަނބުރާ ފޮނުވާލުމުން މިދިޔަ ޖޫން މަހުގެ ތެރޭގައި އޭގެތެރެއިން ވަކި މިންވަރެއް މަންދު ކޮލެޖްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) "ސަން"އަށް މިރޭ ވިދާޅުވީ މިނިސްޓަރު އައިޝަތު އަލީއާ ދެކޮޅަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

އިބްރާ ވިދާޅުވީ ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައިނުވާ ކަމަށާއި އެކަމުގައި މިނިސްޓަރު އައިޝަތު އަލީ ޒިންމާވާންޖެހޭނެ ކަމަށެވެ.

"މިނިސްޓަރުގެ އަތްޕުޅުން ނުކުރެއްވިއަސް މިނިސްޓަރުގެ ޒިންމާއެއްތާ އެއީ އެކަމާ ހަވާލުވެ ހުންނަ މުވައްޒަފަކު ނުވަތަ މިނިސްޓްރީއިން އަމުރާ އެއް ގޮތަށް އަމަލު ކުރޭތޯ ބެއްލެވުމަކީ. ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އުފަލަން ޖެހޭނެ ނޫންތޯ،"

ކުރީގެ އެޑިއުކޭޝަން މިނިސްޓަރާ ދެކޮޅަށް ވެސް ދައުވާ ކުރާނަން

އިބްރާ ވިދާޅުވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ދެކޮޅަށް ވެސް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޑރ. އައިޝަތު ޝިހާމްއާ ދެކޮޅަށް ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަންދު ކޮލެޖް ކުރިން ހިންގި އިމާރާތް އަތުލި މައްސަލާގައެވެ.

މަންދު ކޮލެޖް ހިންގަން މިހާރުގެ އިއްޒުއްދީން ސްކޫލް ހުރި އިމާރާތް ދިނުމަށް ވި އެއްބަސްވުން ބާތިލްކުރީ ގާނޫނީ އިމުން ބޭރުން ކަމަށް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް އިބްރާ ވިދާޅުވިއެވެ.

"ހައި ކޯޓުންވެސް އަދި ސުޕްރީމް ކޯޓުންވެސް ނިންމަވާފަ އެބައޮތް އައިޝަތު ޝިހާމް އެކަން ކުރެއްވީ ގަސްތުގަ އެނގިހުރެ ނުބައި ނިޔަތެއްގަ ކަމަށް،" އިބްރާ ވިދާޅުވިއެވެ.

އެ އިމާރާތް ދިނުމަށްވި އެއްބަސްވުން ބާތިލްކުރި ކުރުމަކީ ސަރުކާރުގެ މަތީ މަގާމެއްގައި ހުންނަވައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ދިނުން ކަމުގައިވެސް އިބްރާ ވަނީ ސިފަ ކުރައްވާފައެވެ.

"ރައްޔިތުންގެ ފައިސާ ހޭދަ ކުރައްވާފަ އަދި އެ ހިސާބުން އެކަން ނިންމައެއް ނުލެވޭނެ ނޫންތޯ. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި މީސްމީހުން ޒިންމާ ކުރުވަން ފެށީމާ ދެން މިހާރު ތިބި މީހުންވެސް މިކަންކަން ބަލައިގަންނާނީ،" އިބްރާ އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް