ރައީސްގެ އިލްތިމާސް ޒުވާނުންނަށް: ރާއްޖޭގައި ހުރި ވަޒީފާގެ ބޭނުން ހިފާ

ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުޅުދުއްފުށީގައި --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު, ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, މި އަހަރުގެ ޒުވާނުންގެ ދުވަސް އައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށާއި ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވިސްނަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރާނީ ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަން ފެށުމަށް. ޒުވާނުން ވިސްނަންވީ ތިޔައީ މި ގައުމުގެ މާދަމާ ހަވާލުވާން ތިބި މީހުން ކަމަށް. ރާއްޖެ ކުރިއަރުވައި ތަރައްގީ ކުރުމުގެ ހުރިހާ ޒިންމާއަކާ މާދަމާ ހަވާލުވާން ތިބީ މިއަދުގެ ޒުވާނުން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެ ދުވަސް އަންނަންވާއިރަށް ތިޔަ ޒުވާނުންނަކީ މި ދެންނެވި ގައުމީ މަސްއޫލިއްޔަތު އުފުލޭ ފަދަ ގާބިލް ބަޔަކަށް ހެދުމަށް," ރައީސް ވިދާޅުވިއެވެ.

ގައުމުގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, އޭގެ ތެރެއިން އެއްކަމަކީ، މަސައްކަތުގެ ހުނަރު ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށްޓަކައި، މި އަހަރު ފަށައިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ދެ ކުންފުންޏަކަށް 19 ޒުވާނުން ތަމްރީންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އިތުރު ކުންފުނިތަކާ މަޝްވަރާކޮށް ކުރިމަތިލި ޒުވާނުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގައުމީ ކަންކަމުގައި އިސްނެގުމާއި ހިންގުމުގެ ރޫހު ޒުވާނުންގެ މެދުގައި އާލާކުރުމުގެ ޕްރޮގްރާމެއް ވެސް މިހާރު ކުރިއަށްދޭ. މިއަހަރު ފެށި ނޭޝަނަލް ވޮލަންޓިއަރސް ޕްރޮގްރާމްގައި މިއަދާ ހަމައަށް ޖުމްލަ 105 ވޮލަންޓިއަރުން ބައިވެރިވެއްޖެ. އޭގެ ތެރެއިން 40 ވޮލަންޓިއަރުން ތަމްރީން ފުރިހަމަކޮށް މިހާރު އަންނަނީ ގައުމީ ކަންކަމުގައި ބައިވެރިވަމުން. ކޮވިޑް ފެސިލިޓީތަކުގައި ވެސް ބައެއް ވޮލަންޓިއަރުން ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި" ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް މިއައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅިވީ, ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް