އެޗްޑީސީގެ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސަނަދު ދީފި

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު: 49 ބައިވެރިން ސަނަދު ހާސިލުކޮށްފައިވޭ --- ފޮޓޯ/އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިއަށް ގެންދިޔަ ''އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024' ނިންމައި، ބައިވެރިންނާ މިއަދު ސަނަދު ހަވާލުކޮށްފިއެވެ.

އެ ޕްރޮގްރާމް ނިންމުމަށް ހުޅުމާލެ ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.

އެޗްޑީސީން ބުނީ، އެއީ އެ ކޯޕަރޭޝަނުން މިހާތަނަށް ކުރިއަށްގެންދިޔަ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ. އަދި މި އަހަރުގެ ޕްރޮގްރާމް ނިންމައި ޖުމްލަ 49 ބައިވެރިން ސަނަދު ހާސިލްކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ (އެންއޭޕީ)ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއްކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު: 49 ބައިވެރިން ސަނަދު ހާސިލުކޮށްފައިވޭ --- ފޮޓޯ/އެޗްޑީސީ

ކޮންމެ މަހަކު އެލަވަންސްއެއް ލިބޭގޮތަށް، ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހަ ދާއިރައަކުން ބައިވެރިން ތަމްރީނުކޮށްފައިވެއެވެ. އެއީ، ގާޑަނިން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސާވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންއިންކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ، އެ ކޯޕަރޭޝަނާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންކަމަށެވެ. އެގޮތުން، ތަމްރީނު ދޭ އިންސްޓިޓިއުޓްގެ ގޮތުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ހަމަޖެއްސީ ޔޫތު މިނިސްޓްރީން ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

އެ ޕްރޮގްރާމުގެ މަގުސަދަކީ ވަޒީފާގެ މާހައުލަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް، ކުރިއަށްދާން ބޭނުންވާ ދާއިރާ އިޚްތިޔާރު ކުރުމުގައި އެހީތެރިވެ، އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއެކު ގައުމީ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުންކަމަށާއި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގު ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުންކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެ ކޯޕަރޭޝަނުން ބުނީ ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމާއެކު، ގައުމުގެ ތަރައްގީއަށް ބޭނުންވާ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރަމުންދާކަމަށެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އަބަދުވެސް މަސައްކަތްކުރާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

comment ކޮމެންޓް