ގައުމު މި ހާލަތަށް ވެއްޓިގެންދާއިރު، ކުޅިބަލަން ނުތިބެ، މި ހާލަތު ބަދަލުވާ ސަބަބަކަށް ޒުވާނުން ވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ އެދިވަޑައިގެންފިއެވެ.
އެ މަނިކުފާނު މި ކަމަށް އެދިވަޑައިގެންނެވީ މިރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގައި ބުނެއުޅޭ ގޮތަށް "ޕޮލިޓިކްސް އިޒް ޑާޓީ" އޭ ބުނުމަކީ ކުރީގެ ވިސްނުމެއް ކަމަށެވެ. ސިޔާސީ ކަންކަމުގައި "ހަޑި ހޭވެނީ" ތަންދޮރު ނުދަންނަ މީހުން ބޮޑެތި މަގާމުތަކަށް ލައިގެން ކުރިޔަށްދާން މަސައްކަތް ކުރާތީ ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ގައުމުގެ ހާލަތު ބަދަލުކުރަން ތިބޭނީ ޒުވާނުން ކަމަށް ވިދާޅުވެ، ޔާމީން އެދިވަޑައިގަތީ ގޯހުން ގޯހަށް ކުރާ ސިޔާސީ ކަންކަން އިސްލާހު ކުރުމަށް ޓަކައި ޒުވާނުން އެ ކަމުގައި ބައިވެރިވުމަށެވެ. ހާލަތު ބަދަލު ކުރެވޭނީ ތައުލީމީ ޒުވާނުންނަށްކަން ފާހަގަ ކުރައްވައި، ޔާމީން ވިދާޅުވީ އެ މީހުން ދުރުގައި ތިބެގެން ކަންކަން އިސްލާހު ނުކުރެވޭނެ ކަމަށެވެ.
އޭގެ މާނައަކީ އެ މީހުން އަބަދު މަގުމަތީ އުޅެން ޖެހުމެއް ނޫންކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ އެންމެ ވަރުގަދަ އެއްޗަކީ ޚިޔާލު ފާޅުކުރުން ކަމަށެވެ. ސޯޝަލް މީޑިއާއާއި އެ ނޫން ވެސް އެކިއެކި ޕްލެޓްފޯމްތަކުގައި އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެތައް ގައުމެއްގެ ޒުވާނުން ނިކުމެ، އެ ތަންތަނުގައި އޮތް ވެރިކަންތައް ނިމުމަކަށް ގެނައިކަން ފާހަގަ ކުރައްވައި ޔާމީންވަނީ މި ކަންކަމުން ފިލާވަޅު ލިބިގަތުމަށް ޒުވާނުންނަށް ގޮވާލައްވައިފައެވެ.
"ތައުލީމީ ޒުވާނުންނަށް އޮތް މެސެޖަކީ، ގައުމު މި ހާލަތަށް ވެއްޓިގެންދާއިރު ކުޅިބަލަން ނުތިބޭށޭ. ހާލަތު ބަދަލުކުރާ ފޯސްއަކަށް އެ މީހުން ވާން އެބަޖެހެއޭ. އެ މީހުނަށް ޑިރެކްޝަން ދޭނެ މީހުން އެބަ ތިބި. ހުރިހާ ޕޮލިޓީޝަނުންނަކީ ޑާޓީ މީހުންނެއް ނޫނޭ" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ޒުވާނުންނަށް ގޮވައިލެއްވީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވީ ދަނޑިވަޅުތަކުގައި، ރަނގަޅު ފިޔަވަޅުތަކެއް ނޭޅި ސިޔާސީ މީހުންނަށް ނޫނެކޭ ބުނުމަށެވެ.
"ޒުވާނުން، ވަޒީފާ ދިނީ ކޮންބައެއް ހެއްޔޭ؟ ގެދިރު ހޯދައިދިނީ ކާކުހޭ؟ ދިވެހިރާއްޖޭގެ ޗާޓަށް ބަދަލެއް ނުގެނެސް ބޭއްވީ ކާކުހޭ؟ އަޅުވެތި ނުވެ ގެންދިޔައީ ކޮން ބައެއް ހެއްޔޭ؟ ބަލައިލީމަ އަޅުގަނޑަށް ހީވަނީ ހައްލަކީ ފަސޭހައިން ފެންނަން އޮތް އެއްޗެއްހެން"
ޔާމީން ވިދާޅުވި ގޮތުގައި ޒުވާނުންނަށް އެންމެ އިހާނެތިވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި، މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.
ކުރީގެ ސަރުކާރާއި މި ސަރުކާރުގެ ބައެއް ނިންމުންތަކަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.