ޒުވާނުންގެ އެވޯޑް 10 މީހަކަށް

ޒުވާނުންގެ އެވޯޑް ލިބުނު މީހަކަށް ރައީސް އެވޯޑް ހަވާލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން ދީފިއެވެ.

އެ ދިހަ މީހުނަށް އެވޯޑް ހަވާލުކޮށްފައިވަނީ, ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި ޖަލްސާގަ އެވެ. އެ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ, ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ޒުވާނުންގެ އެވޯޑް ލިބުނު, ނޫސްވެރިޔާ ނާޒިމަށް ރައީސް އެވޯޑް ހަވާލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ އެވޯޑް ލިބުނު މީހުން:

  1. ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން - އައިޝަތު ތޯއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި)
  2. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން - އަފާ ހުސައިން (ޕާކް، ކުޅުދުއްފުށި)
  3. އާޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން - ނާޒިމް ހަސަން (ކޯނާ، ކުޅުދުއްފުށި)
  4. މަސްވެރިކަމުގެ ދާއިރާއިން - އަބްދުﷲ ޔަމާން (ގުރުވަ، ލ.ގަން ތުނޑި)
  5. ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާއިން - އަރުޝަދު އަހުމާދު (ފަހިވާ، ހއ. އުލިގަން)
  6. ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން - އަހުމަދު އަބްދުލްކަރީމް (ތިބުރޯޒުގެ، ވ. ކެޔޮދޫ)
  7. ދަނޑުވެރިކަމުގެ ދާއިރާއިން - އަލީ ފަވާޒް (މިލާޒް، އއ. ތޮއްޑޫ)
  8. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން - މަރިޔަމް ސަހުދާ (ދަފްތަރު ނަންބަރު ރސ 4356).
  9. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން - ހަސަން ފަރުހާން މުހައްމަދު (މ. މިޓްރީޕާރކް، މާލޭ ސިޓީ).
  10. ދިވެހިބަހާއި ސަގާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން - އިއްޒަތު އަހުމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ)

ޒުވާނުންގެ އެވޯޑް ލިބުނު މީހަކަށް ރައީސް އެވޯޑް ހަވާލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ދިހަ ޒުވާނުންނަށް އެވޯޑް ހަވާލު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ގައުމުގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ، މަސައްކަތުގެ ހުނަރު ދަސްކޮށްދީ ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށްޓަކައި، މިއަހަރު ފަށައިގެން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ދެ ކުންފުންޏަކަށް 19 ޒުވާނުން ތަމްރީންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ, އިތުރު ކުންފުނިތަކާ މަޝްވަރާކޮށް ކުރިމަތިލި ޒުވާނުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ގައުމީ ކަންކަމުގައި އިސްނެގުމާއި ހިންގުމުގެ ރޫހު ޒުވާނުންގެ މެދުގައި އާލާކުރުމުގެ ޕްރޮގްރާމެއް ވެސް މިހާރު ކުރިއަށްދޭ. މިއަހަރު ފެށި ނޭޝަނަލް ވޮލަންޓިއަރސް ޕްރޮގްރާމްގައި މިއަދާ ހަމައަށް ޖުމްލަ 105 ވޮލަންޓިއަރުން ބައިވެރިވެއްޖެ. އޭގެ ތެރެއިން 40 ވޮލަންޓިއަރުން ތަމްރީން ފުރިހަމަކޮށް މިހާރު އަންނަނީ ގައުމީ ކަންކަމުގައި ބައިވެރިވަމުން. ކޮވިޑް ފެސިލިޓީތަކުގައި ވެސް ބައެއް ވޮލަންޓިއަރުން ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް