ދެން ރާއްޖެއަށް އަންނާނީ ޕީއެންއެފްގެ ވެރިކަމެއް ކަމަށާއި، އެ ވެރިކަމުގައި ގައުމުގެ ހަރުމުދާ ވިއްކާ މީހުންގެ މައްސަލަތައް ބަލައި ބަދަލު ހޯއްދަވާނެ ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި، ދެން އަންނާނީ ޕީއެންއެފްގެ ވެރިކަމެއް ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ، ގައުމުގެ ހަރުމުދާ ވިއްކަނީ ކިތަންމެ އިސް މީހެއް ކަމަށް ވިޔަސް، އެ މީހެއްގެ މައްސަލަ ބައްލަވައި، "ދަށްގޮހޮރުގައި" ލާރި ހުއްޓަސް އެ ފައިސާ ހޯއްދަވާނެ ކަމަށެވެ.
"އަޅުގަނޑު ދުރާލާ މި ބުނަނީ، ވިއްކާ މީހުންގެ މައްސަލަތައް އަޅުގަނޑުމެން ބަލާނަމޭ، އެ މީހުނަކަށް ނުތިބެވޭނެ މަޑަކުން އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.
އެގޮތުން ވިޔަފާރި ބަނދަރު ފަދަ ތަންތަން ބޭރު ބަޔަކަށް ވިއްކައިލައިފިނަމަ، އެ މީހުން ޖެހޭނީ ވިއްކި ފަރާތްތަކުގެ އަތުން ބަދަލު ހޯދަން ކަމަށް ވިދާޅުވެ، ޔާމީން ވަނީ ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ.
"ޕޯޓާއި ދެން ހުރި ތަންތަން ވިއްކައިފިއްޔާ އަޅުގަނޑު ބަދަލެއްވެސް ނުދޭނަން، އެ ތަންތަން ދިވެހިރާއްޖޭގައި ހުންނާނީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ހުކޫމަތުގެ ބާރު ހިނގާނެ އެ ތަންތަނަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު ޔާމީން ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރަށް ހަވާލުކުރި ކުރުމަށާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދަށް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން ގައުމުގެ ހަރުމުދާތައް ވިއްކާލުމަކީ އެމްޑީޕީއާ ވަރަށް "ދޯޅު"ކަމެއް ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އެއަށްފަހު މިހާރު އޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މައި ވިޔަފާރި ބަނދަރު ވިއްކައިލަން އެތައް ފަހަރަކު މަސައްކަތްކުރި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، މައި އެއާޕޯޓާއި ވިޔަފާރި ބަނދަރަކީ ދަރަނި އުފެއްދޭނެ ތަންތަނެއް ނޫން ކަމަށެވެ. އެ ދެ ތަނަކީ ގައުމަށް އާމްދަނީ ވަންނަ "ރަންވަޅުތަކެއް"ގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"އަޅުގަނޑަށް ގަބޫލެއްނުކުރެވޭ އިނގޭތޯ ދިވެހިރާއްޖޭގައި މިހެން ބިނާވެފައި ހުންނަ ބޮޑެތި ކެޕިޓަލް އެސެޓުތައް، އޭގެ ދެވަނަ އެސެޓުތައް އަޅުގަނޑުމެންނަށް ބިނާ ނުކުރެވޭނެ، އަނެއްކާ އޭގެ އެސެޓުތައް ގޮއްސިކަމަށް ވަންޏާ އަނބުރާ ހޯދޭނެ ގޮތެއް ނޯންނާނެ،" ޔާމީން ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޖީއެމްއާރާއެކު ނަޝީދުގެ ސަރުކާރުން ހަދައިފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުން އުވާލީ އެ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެއެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެދުނެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ، 271 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދެއްކުމަށެވެ.
ޔާމީންގެ ސަރުކާރުގައި ވަނީ އެ އަދަދު އެއްކޮށް ދައްކައިފައެވެ.
ޖީއެމްއާރު އާބިޓްރޭޝަންގެ މައްސަލައިގައި ދައުލަތުން ދައްކަން ޖެހުނު 271 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކުރީ ނޮވެންބަރު 16، 2016ގައެވެ.
ވެލާނާ އެއާޕޯޓު، ނުވަތަ ކުރީގެ އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނީ ޖޫން 28، 2010ގައެވެ.