ރަސޫލާގެ އީދު މީލާދާ ދިމާކޮށް ޕާކިސްތާނު އެމްބަސީން ދަރުހެއް ބާއްވައިފި

ޕާކިސްތާނު އެމްބަސީން ކުރިއަށް ގެންދިޔަ ދަރުސްގެ ތެރެއިން--

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އީދު މީލާދާ ދިމާކޮށް، ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ދީނީ ދަރުހެއް ބާއްވައިފިއެވެ.

"އިންސާނިއްތުކަމަށާއި އަހުވަންތަކަން"، މި މައުލޫއަށް ޕާކިސްތާނު ހައި ކޮމިޝަނުގައި މިއަދު ބޭއްވި ދަރުސްގައި ގިނަ އަދަދެއްގެ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ދެއްވި މި ދަރުހުގައި ވަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް އިންސާނިއްތުކަމަށާއި އަހުވަންތަކަން ކިޔައިދެއްވައިފައެވެ.

މި ދަރުސް ފައްޓަވައިދެއްވަމުން ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަަރްްނައިން އަހުމަދު ވަނީ ދަރުސްގައި ބައިވެރިވި މީހުންނަށް ރަސޫލާގެ އީދު މީލާދުގެ ތަހުނިޔާ އަރިސްކޮށް، ދިވެހިންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ. އަދި އަހަރެމެން އެންމެން ކީރިތި ރަސޫލާގެ އުންމަތަށް އުފަންވުމަކީ ނަސީބެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ އިސްލާމްދީނަކީ ގުދުރަތްތެރިކަމާއި ނިއުމަތްތެރިކަމުގެ ދީންކަން ފާހަގަކުރައްވައި ޒުލްގަަރްްނައިން އިތުރަށް ވިދާޅުވީ މި ދީނަކީ ކެތްތެރިކަމާއި، އޯގާތެރިކަމާއި އިންސާނިއްޔަތު ކަމަށް އިހުތިރާމްކުރާ ދީން ކަމަށެވެ. އަދި ރަސޫލާގެ ސުންނަތަށް އަހަރެމެން އެންމެން އަމަލު ކުރަން ފަށައިފިނަމަ، ނަމޫނާ މުޖުތަމައެއް އުފެދިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޒުލްގަރުގައިނިގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އިސްލާމްދީނަކީ ސުލްހައިގެ ދީނެއް ކަމަށާއި ޓެރަރިޒަމަކީ އިސްލާމްދީނާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީނަށް ނަފްރަތުކުރުން އިތުރުވެފައިވާ ކަމަށާއި އެކަމާ ދެކޮޅަށް ހުރިހާ މުސްލިމުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވެސް މި މައްސަލައާ ދެކޮޅަށް ހުރިހާ މުސްލިމުން އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައިފައިވާ ކަން ފާހަގަކުރެއްވިއެވެ.

ޑރ. އިބްރާޙިމް ޒަކަރިއްޔާ މޫސާ ދެއްވި ދަރުސްގައި ވަނީ ކީރިތި ރަސޫލާއަކީ އެންމެ ވަރުގަދަ ލީޑަރު ކަމާއި ދުނިޔޭގައި ކާމިޔާބު ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ އެ ރަސޫލާގެ ސުންނަތަށް އަމަލުކޮށްގެން ކަން ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް