އިގްތިސާދު ކުރިއަރުވަން ނޭނގޭނަމަ ވިއްކާނީ ހަރުމުދާ: އާދަމް ޝަރީފް

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގައުމުގެ އިގްތިސާދު ހަރުދަނާ ގޮތެއްގައި ކުރިއަރުވަން ނޭނގޭ ނަމަ އަމާޒު ހިފާނީ އެ ގައުމުގެ ހަރުމުދާ ވިއްކުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ މިއަދު ގައުމުގެ ހާލަތު ބަދަލުވަމުން އަންނަ ގޮތުން ސަރުކާރަށް ގައުމުގެ އިގްތިސާދު ހިންގަން ނޭނގޭކަން ހާމަވެފައިވާކަމަށެވެ. އަދި އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަތުލުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވިދާޅުވުމަކީ އޭގެ އެންމެ ބޮޑު އެއް ހެކިކަމަށެވެ.

"ރާއްޖޭގައި އިގްތިސާދެއް ބިނާކުރަން ނޭނގޭ ބަޔަކަށް އެ މީހުންނަށް ކުރެވޭނެ ކަމަކީ ހަމައެކަނި އަތުގައި ހުންނަ ހަރުމުދާ ވިއްކުން. އިގްތިސާދެއް ކުރިއަރުވަން އެނގޭ މީހުން އައިސް އެއް ލާރިން ދެ ލާރި އުފައްދާނެ ގޮތް އެނގޭ މީހުންނަށް އެނގޭނެ ރާއްޖޭގެ އަތުގައި އެއާޕޯޓް އޮތީމަކަން ފައިދާކުރާނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ވީއައިއޭ ޖީއެމްއާރަށް ދިނުމާ ގުޅޭ ގޮތުން މިނިސްޓަރު އަމީރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ ވީއައިއޭއަކީ ގިނަ ވަސީލަތްތަކެއް މިހާރު ގާއިމްވެފައިހުރި ބައިނަލްއަގްވާމީ ފެންވަރުގެ ތަނެއްކަމަށެވެ. އަދި އެ ތަންތަނުން އާމްދަނީ ހޯދުމަކީ ދިވެހިންނަށް ކުރެވޭނެ ކަމެއްކަމަށެވެ.

"އެ ތަންތަން ދިވެހިން ހިންގީމަ ނޫންތޯ ދިވެހިންނަށް ފައިދާކުރާނީ. އެ ތަންތަން ބޭރުގެ މީހުން ހިންގީމާ ރާއްޖެއަށް ކޮބައިތޯ ލިބޭނެ ފައިދާ. ލިބޭ އާމްދަނީގެ ބޮޑުބައި ބޭރަކަށް ނޫންތޯ ދާނީ. އެވަރުގެ ލޮޖިކެއް ހުރުން މުހިންމު،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ މައި އެއާޕޯޓުގެ ހިންގުން ބޭރުގެ ބަޔަކަށް ދިނުމަކީ ގައުމުގެ ސަލާމަތް ނުރައްކަލަށް ހުށަހެޅޭނެކަމެއްކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެއީ ދިވެހިން ނުރުހޭނެ ކަމެއްކަން ވަރަށް ރަނގަަށް މީގެ ކުރިން ވެސް ދިވެހިން ބުނެދީފައިވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއަދު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ވެސް ރާއްޖެއާއި އިންޑިއާ އާ ދެެމެދު އޮންނަ ބަދަހި ގުޅުން ހީނަރުވާ ފަދަ އަމަލުތައް ކުރަމުން އަންނަކަމަށެވެ. އަދި އޭގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް ބުރޫއަރާ ކަންކަން ވުމަކީ އިދިކޮޅުން ވެސް އެދޭނެ ކަމެއް ނޫންކަމަށެވެ.

https://sun.mv/158041

ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްވުން ބާތިލް ކުރީ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ.

އެ ނިންމުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަމީރު, ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ.

comment ކޮމެންޓް