ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފްއައިވީބީ)ގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފްދާއި ބައްދަލު ކުރައްވައި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް، ދެއްކެވި ވާހަކަފުޅުގައި ޒުވާން ކުޅުންތެރިން އެމީހުންގެ ހުނަރު ކުރިއަރުވައި ބައިނަލްއަގްވާމީ ކުޅިވަރުގެ ހަރަކާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމަށް ޓަކައި ރާއްޖޭގައި މި ދާއިރާއިން ގާއިމުވެފައިވާ ޖަމުއިއްޔާ ޖަމާއަތްތަކާއި އަދި އެނޫން ވެސް ފަރާތްތަކަށް ވަސީލަތުގެ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

އެ ގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދާއިމީގޮތެއްގައި ކުރިޔަށްގެންދިއުމުގައި ހައި ޕަރފޯމަންސް ޓްރެއިނިންސް ސެންޓަރެއް ރާއްޖޭގައި ގާއިމުވެފައި ހުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެފް.އައި.ވީ.ބީ ގެ ރައީސް، ޑރ. އެރީ އެސް ގްރަސާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ވެސް ބީޗްވޮލީފަދަ ކުޅިވަރުތަކަށް ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގައި ހާއްސަކޮށް ބީޗްވޮލީ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހްމަދު މަހްލޫފާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، އިބްރާހީމް ހޫދުގެ އިތުރުން ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުހައްމަދު ރަނޭޝް ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް