އިންޑިއާއަކީ ހުރިހާ އިރަކުވެސް މި ސަރަހައްދުގެ އެހެން ހުރިހާ ގައުމަކުން ވެސް އެންމެ ވާދަވެރި ޓީމުގެ ގޮތުގައި އޮތް ގައުމު ކަމަށާއި، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ބަރޯސާ ވަނީ އިންޑިއާ ބަލިކުރާ ޓީމަކަށް ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
މާދަމާ އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނަ މެޗަކީ މިފަހަރުގެ މުބާރާތުގައި ދެ ޓީމަށް ވެސް އެންމެ މުހިއްމު މެޗެވެ. މެޗުން މޮޅުވެގެން ނޫނީ ފައިނަލަށް ދިއުމުގެ ފުރުސަތު އިންޑިއާއަށް ނެތް އިރު، މެޗުން އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ފައިނަލަށް ދެވޭނެެއެވެ. ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކުރި އިރު، އިންޑިއާއަށް ތިން މެޗުން ކާމިޔާބު ކުރެވުނީ އެއް މެޗެވެ. އަނެއް ދެ މެޗުން ވީ އެއްވަރެވެ.
މާދަމާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ޕްރި މެޗު ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ކޯޗު ސުޒޭން ބުނީ މި ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ޓީމަކީ އިންޑިއާ ކަމަށެވެ. އަދި މި މުބާރާތް ކާމިޔާބު ވާނީ އިންޑިއާ ބަލިކުރާ ޓީމަކަށް ކަމަށާއި، ރާއްޖެ މިހާތަނަށް މުބާރާތް ނެގި ދެ ފަހަރުވެސް ފައިނަލުގައި މޮޅުވީ އިންޑިއާ ބަލިކޮށްގެން ކަމަށެވެ.
"އިންޑިއާ އަތުން މޮޅުވެގެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވޭނީ. ނޫނީ އިންޑިއާގެ މައްޗަށް ހޯދާ ކާމިޔާބީއެއްގެ މައްޗަށް ސާފް ޗެމްޕިއަންޝިޕް ހޯދުން ބަރޯސާ ވަނީ،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، މި ސަރަހައްދުގެ އެހެން ގައުމުތަށް ވެސް ގަބޫލު ކުރަނީ އިންޑިއާ އަކީ އެންމެ ވަރުގަދަ ޓީމު ކަމަށާއި، އެ މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ބިނާ ވަނީ އެ ޓީމު ބަލިކުރާ ޓީމަކަށް ކަމަށެވެ.
ދަގަނޑޭއާއި ޗެތުރީގެ ވާދަވެރިިކަން ފެންނާނެ
ސުޒޭން ބުނީ މާދަމާގެ މެޗުގައި ދެ ޓީމުގެ ފޯވާޑް ލީޑު ކުރާ ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ސުނިލް ޗެތުރީ އަކީ މެޗު ޑިސައިޑް ކުރުމުގައި މުހިއްމު ދެކުޅުންތެރިން ކަމަށެވެ.
"އެކަކަކީ ޕެނަލްޓީ އޭރިއާ ތެރޭގައި ޑިފެންޑަރުންނަށް ހުރި ނުރައްކަލެއް [ޗެތުރީ]. އަނެކަކީ އޭރިއާ ތެރޭގައްޔާއި، ބޭރުގައި ވެސް ތަފާތު ދައްކާނެ ކުޅުންތެރިއެއް. [ދަގަނޑޭ] ސްރީލަންކާ މެޗުގައި ބޮލުން ޖަހާލި ގޮތް ފެންނާނެ. އެއީ ތަފާތަކީ އެ ކުޅުންތެރިންގެ. މާދަމާގެ މެޗަކީ މި ދެކުޅުންތެރިންގެ ބޮޑު ވާދަވެރިކަމެއް ފެންނާނެ މެޗެއް."
އަޝްފާގު އާއި ޗެތުރީ ވަނީ މިފަހަރުގެ މުބާރާތުގައި ދެ ގޯލު ޖަހައި، ޓޮޕް ސްކޯރާގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. އަޝްފާގަކީ ސާފްގެ ރެކޯޑް ގޯލް ސްކޯރާއެވެ. އޭނާ ވަނީ މި މުބާރާތުގައި 23 ގޯލު މިހާތަނަށް ޖަހައިފައެވެ. މިފަހަރުގެ މުބާރާތަކީ މި ދެކުޅުންތެރިންނަށް ވެސް ފަހު މުބާރާތަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.