އެއް ގަޑިއިރު ތެރޭ 1094 ޓިކެޓް ވިއްކައިފި، ބާކީ 1906

ޓިކެޓް ހޯދަން ކިޔޫ ހަދައިފަ --- ސަން ފޮޓޯ: އަހުމަދު އައިމަން

ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗަށް ވިއްކާ 3000 ޓިކެޓުގެ ތެރެއިން 1094 ޓިކެޓް އެއް ގަޑިއިރު ތެރޭ ވިކިއްޖެއެވެ.

މިއަދުގެ ޓިކެޓް ވިއްކުން ފަށައިފައިވަނީ 10:00ގައެވެ. ޔޫތު މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި ސޯޝަލް ސެންޓަރު ތެރޭގައި ކިޔޫ ހެދޭނީ 9:30ގެ ފަހުންނެވެ. އެހެން ނަމަވެސް ރޭ 11:30އިން ސުރެ ޓިކެޓް ކިޔޫ ވަނީ ސޯޝަލް ސެންޓަރު ބޭރުގައި ހަދަން ފަށައިފައެވެ.

ކުރީ މެޗުގައި ދިމާވި ޓިކެޓް ވިއްކުމުގެ މައްސަލައާ އެކު އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އިރު، ޓިކެޓް ގަތުމުގައި އުނދަގޫ ގޮތްތަކެއް ހުރިކަން ފާހަގަކޮށް ޔޫތު މިނިސްޓްރީން ވަނީ މިފަހަރުގެ ޓިކެޓް ވިއްކުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓިކެޓް ކައުންޓަރުތައް ގިނަކޮށް، ސޯޝަލް ސެންޓަރަށް ޓިކެޓް ވިއްކުން ބަދަލުކޮށްފައިވާ އިރު، އެއްފަހަރާ ގިނަ ބަޔަކަށް ޓިކެޓް ގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

ޔޫތު މިނިސްޓްރީން ބުނީ ޓިކެޓް ވިއްކަން ފެށީންސުރެން އެއް ގަޑިއިރާ ހަމައަށް ވިއްކާ ޓިކެޓުތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި ޓިކެޓް ވިކިފައިވާ ކަމަށެވެ.

"ޓިކެޓް ވިއްކުން އަޕްޑޭޓް 11:00: 547 މީހުންނަށް 2 ޓިކެޓްގެ މަގުން މިވަގުތާއި ހަމައަށް 1094 ޓިކެޓް ވަނީ ވިކިފައި." ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. ގަލޮޅު ދަނޑުގެ މިހާރުގެ ކެޕޭސިޓީއަކީ ކޮވިޑާ ގުޅިގެން މިހާރު 5000 މީހުންނެވެ. އަދި އަދަދު އެވަރަށް މަދުވެފައިވަނީ ދަނޑުގެ ދެކުނު ފަރާތަށް މީހުން ނުވައްދާތީއާ ވެސް އެކުގައެވެ.

comment ކޮމެންޓް