ޞިއްޙީ ޚިދުމަތުގެ ފަންނީ އަޚްލާޤުގެ މަޞްދަރުތައް

ސާޖަރީއެއް ކުރިއަށްގެންދަނީ --

ޞިއްޙީ ޚިދުމަތުގެ ފަންނީ އަޚްލާޤަކީ އިހުގެ އާއި ފަހުގެ ޢިލްމެކެވެ. ގްރީކުގެ މެޑިކަލް ޑޮކްޓަރަކު ތަޢާރަފުކުރި "ހިޕޮކްރެޓިކް އޯތު" ގެ އިތުރުން މިފަންނުގެ މުސްލިމް ޢިލްމުވެރިން ކަމުގައިވާ އަބޫ ބަކުރު އައްރާޒީ އާއި އިބްނު ސީނާ، ޞިއްޙީ ޚިދުމަތުގެ ފަންނީ އަޚްލާޤާއިބެހޭ ގޮތުން ލިޔުއްވާފައި ވެއެވެ. އިހުގައި މިއީ މާބޮޑު ޙައްސާސީ އަދި ކަންބޮޑުވުން އޮތް މައުޟޫޢު އެއް ނޫނެވެ. އެހެނީ، އެއިރު ގިނަ މީހުން ތިބީ ދީނާއި އަޚްލާޤުގައި ގަދައަށް ހިފައި ސާބިތުވެއެވެ. ނަމަވެސް 19 ވަނަ ގަރުނުގެ ތެރޭގައި 2 ސަބަބަކާހުރެ ޞިއްޙީ ޚިދުމަތުގެ ފަންނީ އަޚްލާޤާމެދު ބޮޑެތި ކަންބޮޑުވުންތައް އުފެދުނެވެ.

ފުރަތަމަ ސަބަބަކަށްވީ، ޞިއްޙީ ޚިދުމަތަށް ގެނުވި ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކެވެ. މިއާއެކު އަލަށް އުފެދުނު، ޞިނާޢީ އާލަތްތަކުގެ އެހީގައި މަރުބަލީގެ މީހުން ބޭއްވުމާމެދު އުފެދުނު މައްސަލައާއި، އައިވީއެފް ފަދަ ޞިނާޢީ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ދަރިމައިވުންފަދަ ކަންކަން ތަޢާރަފު ވުމެވެ. ދެވަނަ ސަބަބަކަށްވީ ޞިއްޙީ ޚިދުމަތްތެރިން ޞިއްޙީ ޚިދުމަތުގެ ފަންނީ އަޚްލާޤާއި ޚިލާފުވާ މައްސަލަތައް އިތުރުވުމެވެ. ދީނީ އަޚްލާޤަކީ އެބައިމީހުންގެ ޞިއްޙީ ޚިދުމަތާއި ގުޅިފައިވާ އެއްޗަކަށް ނުވާތީ، ހުޅަނގުގެ ފަންނީ އަޚްލާޤަކީ ބޮޑު ޑައިލަމާއަކަށް ވިއެވެ. އަދި ޢިލްމީ ގޮތުން ހުޅަނގަށް އައި ކުރިއެރުމާއި އެކު ފަންނީ އަޚްލާޤު ޤަބޫލުކުރަން އެބައިމީހުންނަށް މަޖުބޫރުވިއެވެ.

މިދެންނެވިފަދަ ޑައިލަމާއެއް މުސްލިމުނަށް ކުރިމައްޗެއް ނުވެއެވެ. އެއީ އިސްލާމީ ޝަރީޢަތުގެ ސަަބަބުންނެވެ. މިގޮތުން ހުޅަނގުގެ ޢަލްމާނީ (ސެކިއުލާ) ޤާނޫނުތަކާއި ޚިލާފަށް އިސްލާމީ ޝަރީޢަތް އަޚްލާގުގެ މައްޗަށް ބިނާވެފައިވާތީ، ޞިއްޙީ ޚިދުމަތާމެދު މުސްލިމުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރެވެއެވެ. މީގެ އިތުރުން އިސްލާމީ ޝަރީޢަތުގެ މުރޫނަތްތެރިކަމުން (ފްލެކްސިބަލް) ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އަލަށް އުފެދޭ މައްސަލަތަކަށް ފަތުވާތަކުގެ އަލީގައި ޙައްލު ހޯދައިދެއެވެ. އަޚްލާޤަކީ އިސްލާމީ ޝަރީޢަތުގެ ބައެއްކަމުން، ފަންނީ އަޚްލާޤަކީ ވަކި ޚާއްޞަ މައުޟޫޢެއްގެ ގޮތުގައި މުސްލިމުން ވާހަކަ ދައްކާކަށް ނުޖެހެއެވެ.

އެހެންކަމުން މިލިޔުމުގެ މަޤްޞަދަކީ، އިސްލާމީ ފިޤުހާގުޅޭ ފިކުރީ މުދަލަކީ މުއްސަނދި މަޞްދަރެއް ކަމަށްވާތީ، މުސްލިމު ޑޮކްޓަރުންނާއި، ފަންނީ އަޚްލާޤުތަކުގެ ޚިދުމަތްތެރިންގެ ފަންނީ އަޚްލާޤުގެ މަޞްދަރަކީ އިސްލާމީ މަޞްދަރަށް ހެދުމުގެ މުހިއްމުކަން ބަޔާންކުރުމާއެކު، ހުޅަނގުގެ ޞިއްޙީ ޚިދުމަތުގެ ފަންނީ އަޚްލާޤާގުގެ ނަޒަރިއްޔާތު ތަކަށާއި، ޢަމަލުކުރެވޭ އުޞޫލު ތަކުގެމައްޗަށް ތަންޤީދީ ނަޒަރަކުން ބަލައި އަޅައިކިއުމެވެ.

"ހުޅަނގު" މިބަސް މިލިޔުމުގައި މާނަކުރަނީ ހުޅަނގުގެ ޘަޤާފަތަށެެވެ. ޖިއޮގްރަފީގެ މާނައިގައި ނޫނެވެ. އެނގިވަޑައި ގަންނަވާނޭ ފަދައިން ހުނޅަގުގެ ޙަޟާރަތުގެ އަޞްލަކީ ގްރީކް-ރޯމަން ގެ އިތުރުން ޔަހޫދީ-ނަޞާރާ ދީނުގެ އާދަކާދަތަކާއި ޘަޤާފަތެވެ. ހުޅަނގު ކަޅު އަނދިރިން ހޭލެވި ޢިލްމުގެ އަލިކަން ހުޅަނގަށް އުފަންވުމަށްފަހު (ޔޫރަޕިއަން ރިނެއިސެންސް) ދީނާއި އަޚްލާޤް މީހުންގެ ދިރިއުޅުމުގެ ކަންކަމުން ވަކިކުރުން (ސެކިއުލެރިޒަމް) ގެނެސްފައިވަނީ ފާއިތުވި ފަސް ޤަރުނުގެ ތެރޭގައެވެ. އަޚްލާޤީ އަގުތަކަކީ މިބައިމީހުންގެ ނަޒަރުގައި ގިނަބަޔަކަށް އެކަމެއް ޤަބޫލުކުރެވޭ ކަންކަމެވެ. އަދި ހެޔޮ ކަމާއި ނުބައި ކަންކަން ކަނޑައެޅުމުގައިވެސް މިބައިމީހުން މިނާ މިންގަނޑަކީ މިއެވެ. މީގެ ނަތީޖާއަކީ، ފަންނީ އަޚްލާޤީ މިންގަނޑުތަކާއި ޢަމަލުކުރުމުގެ އުޞޫލުތައް އެފަންނެއްގެ އަހުލުވެރިންގެ ރުހުމަށް ބިނާވުމެވެ. އެހެންކަމުން މިފަދަ މިންގަނޑުތައް ބިނާވާ އަސާސްތަކާއި ޢަމަލުކުރާ އުޞޫލު ތަކާއިމެދު ފުށުއެރުންތައް ކުރިމަތިވެއެވެ. އެއީ އެމިންގަނޑުތައް ކަނޑައެޅުމުގެ އަސާސްތަކަކީ، އެއްވެސް ހަރުދަނާ ދީނީ އަދި އަޚްލާޤީ މަޞްދަރެއްގެ މައްޗަށް ބިނާނުވާ މިންގަނޑު ތަކަކަށްވާތީއެވެ.

ހުނޅަގުގެ ޤާނޫނީ ހަމަތަކުގެ ޠަބީޢަތަށް ނަޒަރު ހިންގާއިރު، ޤާނޫނުތަކުގައި އެކުލެވޭ އަޚްލާޤީ މިންގަނޑުތަކުގައި ވަރަށް ބޮޑު ފުށުއެރުމާއި ތަފާތު ހުރެއެވެ. އިސްލާމީ ޝަރީޢަތާއި ޤާނޫނާއި ޚިލާފަށް ހުޅަނގުގެ ޤާނޫނުތަކުގައި އަޚްލާޤީ ނޫން މިންގަނޑާއި، އަޚްލާޤީ މިންގަނޑު ސާފުކޮށް އެގެން ނުހުރެއެވެ.

މިސަބަބާހުރެ، ބައެއްފަހަރު އަޚްލާޤީ އެންމެހައި ކަންކަން މިބައިމީހުންގެ ގާތު ބަލައި ނުގަވެއެވެ. އަދި އަނެއްބައިފަހަރު އަޚްލާޤީ ނޫން ކަންކަން ވެސް މިބައިމީހުން ބަލައި ގަންނަން ޖެހެއެވެ. މާނައަކީ، އަޚްލާޤީ މިންގަނޑުތައް އެއްފުށުން އަނެއް ފުށަށްޖެހޭ ފަހަރުވެސް ކުރިމަތި ވުމެވެ. މިސާލަކަށް ބަލަނީނަމަ، ދެއަނބިންނާއި ކައިވެނި ކޮށްގެން އުޅޭ ފިރިހެނަކާމެދު ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅިދާނެއެވެ. އެއީ ދެއަތްބަށް މީހުނާއި އިނުމަކީ މިބައިމީހުންގެ ގާތުގައި އަދަބުދެވޭ ކުށެކެވެ. އަނެއްކޮޅުން ބަލާއިރު، ފިރިހެނެއް ހަތަރު އަންހެނުންނާއި އެއްފަހަރާ ހިތާވެގެން (ގާލް ފްރެންޑްސް) ގުޅުން ބޭއްވިޔަސް އަދި އެމީހާއާއި ކައިވެނި ނުކޮށް އެއަންހެނުންނަށް ދަރިން ލިބުނަސް މައްސަލައެއް ނެތެވެ. އަދި ކިއެއްތަ! ޤާނޫނު ބަލައިގަންނަ ގޮތުގައި މިމީހުންނަށް ލިބޭ ދަރިންނަކީ ފިރިހެންމީހާގެ ދަރިންނެވެ. އަދި ދަރިންނަށް މުދާ ވާރުތަވުމާއި، އަންހެނުންނަށް ޚަރަދު ދިނުން ފަދަ ކަންންކަމަކީވެސް ހުޅަނގުގެ ޤާނޫނު ދަންނަ ހަމައެކެވެ.

މިފަދަ މޭރުމަކުން މިބައިމީހުންގެ ކަންކަން ވާންޖެހުނު މައިގަނޑު ސަބަބަކީ ކުރިންވެސް ދެންނެވިފަދައިން ހުޅަނގުގައި އަޚްލާޤީ މިންގަނޑު ކަނޑައެޅުމުގައި ހަރުދަނާ އަސާސެއް ނެތުމުމެވެ. އަޚްލާޤީ ގޮތުންނާއި، ދީނީ ގޮތުންނާއި ނަޒަރިއްޔާތުގެ ގޮތުންވެސް ހިފެހެއްޓުމެއްނެތި މިންގަނޑުތަކާއި، އާދަކާދަތަކާއި ޘަޤާފަތް މަސްހުނިވެގެން ދިއުމުގެ ސަބަބުންނެވެ. ނަތީޖާއަކީ ހުޅަނގު ޢަލްމާނީ (ސެކިއުލާ) ފިކުރަށް ބަދަލުވުމެވެ. އަދި މިފަދަ ޙާލަތެއްގައި އަޚްލާޤީ މިންގަނޑަކީ ކޮބައިކަން ކަނޑައަޅަން އުނދަގޫވަނީއެވެ. އަދި ޞިއްޙީ ޚިދުމަތަށް ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކުވެސް، މީހުންގެ ދިރިއުޅުމުގެ ކަންކަމުގައި ދީނާއި އަޚްލާޤާއި ދުނިޔަވީ ކަންކަން ފޭކުރެވި އެއްފަރާތް ކުރެވިފައިވާ ބީދައިން އެކަންކަމުގައިވެސް ޢަމަލުކުރެވެން ފެށީއެވެ. ހިތާމަކުރަންޖެހޭ ކަމަކީ، މިކަންކަން ހުޅަނގުގައި މިދަރަޖައިގައި އޮތް އިރުވެސް އަދި އިސްލާމީ އުޞޫލުލް ފިޤުހު (އިސްލާމިކް ޖްރިސްޕްރުޑެންސް) އިންތިހާއަށް މުއްސަނދި އިރުވެސް ހުޅަނގުގެ ފަންނީ އަޚްލާޤުގެ ނަޒަރިއްޔާތުތަކާއި، އަސާސްތަކާއި، ޤަވާޢިދުތައް މުސްލިމުން ކޮޕީކޮށް، ޕޭސްޓް ކުރަމުންދާކަމެވެ.

ކުރިން ދެންނެވިފަދައިން ޞިއްޙީ ޚިދުމަތުގެ ފަންނީ އަޚްލާޤު "ހިޕޮކްރެޓިކް އޯތު" އިން ފެށުނުނަމަވެސް، ހުޅަނގުގެ ފިލޯސަފަރުން ފަހުގެ ޒަމާންތަކުގައި އަލަށް އުފެދުނު ފަންނީ އަޚްލާޤީ މައްސަލަތައް ޙައްލުކުމުގައި ޢަމަލުކުރުމަށްޓަކައި އަޚްލާޤީ ނަޒަރިއްޔާތުތައް އުފެއްދީ 20 ވަނަ ޤަރުނުގައެވެ. މިގޮތުން ޞިއްޙީ ޚިދުމަތުގެ ފަންނީ އަޚްލާޤުގެ 8 ނަޒަރިއްޔާ އަކާއި، 4 އަސާސެއްގެ އިތުރުން ޢަމަލުކުރުމުގައި ތަބަޢަވާންޖެހޭ ޤަވާއިދުތައް ވުޖޫދުވިއެވެ.

ހުޅަނގުގެ ޞިއްޙީ ޚިދުމަތުގެ ނަޒަރިއްޔާތުތައް ކަމަށްވާ ކޮންސިކްއެންސް-ބޭސްޑް ތިއަރީ، އޮބްލިގޭޝަން-ބޭސްޑް ތިއަރީ، ރައިޓްސް-ބޭސްޑް ތިއަރީ، ކޮމިއުނިޓީ-ބޭސްޑް ތިއަރީ، ރިލޭޝަން-ބޭސްޑް ތިއަރީ، ކޭސް-ބޭސްޑް ތިއަރީ އަށް ބަލައި، ތަޙްލީލްކޮށް ވަޒަން ކުރުމުންވެސް މިނަޒަރިއްޔާތު ތަކުގައި ހުރި އަރާރުމާއި ދެކޮޅު ނުޖެހޭކަން އެނގޭނެއެވެ.

މިސާލަކަށް ބަލަނީނަމަ، ކޮންސިކްއެންސް-ބޭސްޑް ތިއަރީ ބިނާވަނީ، އެންމެ ބޮޑު ފާއިދާގެ މައްޗަށެވެ. އެހެންކަމުން ރަނގަޅާއި ނުބައި ނުވަތަ ހެޔޮކަމާއި ނުބައިކަން ކަނޑައެޅުމުގައި ބަލަނީ ބޮޑު ފާއިދާ އަށެވެ. މިނަޒަރިއްޔާތުގެ މައްސަލައަކީ، ފައިދާ ބޮޑުވެއްޖެނަމަ، އަޚްލާޤީ ނޫން ކަމެއްވެސް ހުއްދަވާތީއެވެ. އޮބްލިގޭޝަން-ބޭސްޑް ތިއަރީ ބިނާވަނީ، ބުއްދީގެ ހަމައާއި ޙުއްޖަތަށެވެ. އެހެންކަމުން އާދަކާދައާއި ޘަޤާފަތާއި ދީނަކީ މިނަޒަރިއްޔާތުގައި އަޚްލާޤީ މިންގަނޑު ކަނޑައެޅުމުގައި އެއްފަރާތްކުރަން ޖެހޭ އަދި ބަލައި ނުގަނެވޭނެ ކަންކަމެވެ. ރައިޓްސް-ބޭސްޑް ތިއަރީ ބިނާވަނީ، އިންސާނީ ޙައްޤުގެ ތެރޭގައި ހިމެނޭ މިނިވަންކަމާއި، މުދާވެރިކަމާއި، ދިރިހުރުމާއި، ޚިޔާލު ފާޅުކުރުމުގެ ޙައްޤަށެވެ. މިދެންނެވި ނަޒައްރިޔާތުގެ ސަބަބުން ފަރުދުންގެ ޙައްޤު އިސްކޮށް ހިމާޔަތް ކުރުމުގެ ފަލްސަފާއާއި ރޫޙާއި ފިކުރު ވުޖޫދު ވުމުގެ ނަތީޖާއަކީ އަދި މައްސަލައަކީ، މުޖްތަމައުގެ ޙައްޤާއި ފުށުއެރުމެވެ.

ހުޅަނގުގެ ޞިއްޙީ ޚިދުމަތުގެ އަސާސްތައް ކަމަށްވާ މިނިވަންކަމާއި، ގެއްލުމުން ދުރުކުރުމާއި، ފާއިދާ އާއި ހަމަހަމަކަމަށް ބެލިކަމުގައިވީނަމަވެސް، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މަޤްޞަދުތަކާއި (މަޤާޞިދުއްޝަރީޢާ) އަދި ޝަރީޢަތުގެ ޤަވާޢިދުތައް (ޤަވާޢިދުއްޝަރީޢާ) ގައި ހުރިފަދަ ފުރިހަމަކަމެއް ނެތެވެ. މިގޮތުން އިސްލާމީ ފަންނީ އަޚްލާޤު ބިނާވަނީ އިންސާނާއަށް އެންމެ ބޮޑަށް ބޭނުންވާ 5 ޟަރޫރަތް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޒިއްމާއާއި މަސްއޫލިއްޔަތުގެ މައްޗަށެވެ. ނަމަވެސް ހުޅަނގުގެ ފަންނީ އަޚްލާޤުގެ މައިގަނޑު ސިފައެއްކަމަށް ވެފައިވަނީ ފަރުދީ ޙައްޤަށް އިސްކަންދިނުމަށެވެ. އެހެންކަމުން ހުޅަނގުގައި ހެދިފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމުގައި ފިކުރީ ގޮތުން މިބައިމީހުންގެ ޤަބޫލުކުރާ ނަޒަރިއްޔާތު ތަކާއި، އަސާސްތަކާއި އަމަލުކުރެވޭ އުޞޫލުތަކުގައި ބޮޑެތި ފުށުއެރުމާއި އަރާރުން ކުރިމަތިވަނީއެވެ.

އިސްލާމީ އަޚްލާގުގެ އަސާސްތަކާއި އުޞޫލަށް ބަލާއިރު ފެންނަނީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުންވެސް އަލަށް އުފެދޭ މައްސަލަތަށް އީޖާބީ ޙައްލެއް އިސްލާމީ އަޚްލާޤީ އަސާސްތަކުގެ އަލީގައި ނެރެދެވޭ ތަނެވެ. އެހެނީ މާތް އަޚްލާޤަކީ އިސްލާމް ދީނުގެ ބައެކެވެ. އެމާތް ސިފަތައް ބަޔާންކޮށްދެއްވީ އަދި ފުރިހަމަކޮށްދެއްވީ މާތް އަޚްލާޤުގައި އެންމެ އަރައި ހުންނެވި އަޅުގަނޑުމެންގެ ކައުސާހިބާ، މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް އެވެ. އަޚްލާޤުގެ މަތިވެރިކަން ބަޔާން ކުރައްވާ އެކަލޭގެ ފާނުން ޙަދީޘް ކުުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ތިމަން ކަލޭގެފާނުން ފޮނުއްވުނީ، މަތިވެރި އަޚްލާޤު ފުރިހަމަ ކުރުމަށްޓަކައެވެ." މީގެ އިތުރުން އިސްލާމް ދީން އަޚްލާޤީ ނޫން ކަންކަން ކަނޑައަޅުއްވާ އެކަންކަން ޙަރާމް ކުރެއްވިއެވެ. އަދި އަޚްލާޤީ ކަންކަން ކަނޑައަޅުއްވާ އެކަންކަން ހުއްދަ ކުރެއްވިއެވެ. މިމިންގަނޑުގެ ގިއުގަނޑުގެ ތެރެއިން ފަންނީ އަޚްލާޤީ މިންގަޑުތައް ކަނޑައެޅެވެ. އިސްލާމް ދީނުގައި ދީނީ ކަންކަމާއި ދުނިޔެވީ ކަންކަން ވަކިނުކުރެވޭ ފަދައިން ފަންނީ އަޚްލާޤުތަކާއި ޤަވާޢިދުތަކާއި ޤާނޫނުތައް އިސްލާމް ދީން ކަނޑައަޅުއްވާ ދެއްވާފައިވާ މާތް ސިފަތަކާއި އަގުތަކާއި އަޚްލާޤުތަކާއި ވަކި ނުކުރެވޭނެއެވެ.

އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި (މަޤާޞިދުއްޝަރީޢާ) ޤަވާޢިދުތަކާއި (ޤަވާޢިދުލްފިޤުހު) އުޞޫލު (ޟަވާބިތުލްފިޤްހު) އަކީ އެންމެހައި އަޚްލާގެއްގެ މަޞްދަރެވެ. މީގެ އިތުރުން އިސްލާމް ދީން، ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުމުގައި ބުއްދީގެ ވިސްނުމަށް ޖާގަ ދެއެވެ. ނަމަވެސް ރަނގަޅާއި ނުބައި އަދި ހުއްދަ އާއި ހުއްދަ ނޫން ކަންކަން ކަނޑައެޅުމުގައި އިސްލާމް ދީނުގައި ވަނީ މަގު ދައްކަވާ ދެއްވާފައެވެ. އެހެންކަމުން އިސްލާމީ އަޚްލާޤީ މިންގަނޑުތައް ދިރި އުޅުމުގެ ކަންކަމުގައި ބަލައިގަންނަ ފަދައިން ފަންނީ އަޚްލާޤުގައިވެސް ތަފާތެއްނެތި ބަލައިގަންނަން ޖެހެއެވެ. އިސްލާމީ އަޚްލާޤުގެ ޢާއްމު މިންގަނޑުގެ އަލީގައި ފަންނީ ފަރާތްތަކުން އިޖްތިހާދުކޮށްގެން ފަންނީ އަޚްލާޤީ މިންގަނޑުތައް ކަނޑައެޅިދާނެއެވެ. އެއީ އަލަށް އުފެދޭ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި އިސްލާމް ދީން ކަނޑައަޅުއްވާފައިވާ އުޞޫލެވެ.

އެހެންކަމުން އިސްލާމީ ޝަރީޢަތުގެ 5 މަޤްޞަދު (ދީން ޙިމާޔަތް ކުރުން، ފުރާން ސަލާމަތްކުރުން، ނަސަބާއި އަބުރު ޙިމާޔަތްކުރުން، ބުއްދި ސަލާމަތްކުރުން، މުދާ ޙިމާޔަތްކުރުން) އަކީ އަޚްލާޤީ މިންގަނޑުތައް ކަނޑައެޅުމުގެ 5 ނަޒަރިއްޔާތެވެ. ޞިއްޙީ ޚިދުމަތްތަކުގެ ފަންނީ އަޚްލާޤު ބިނާކުރަންޖެހޭނީ، މިދެންނެވި މަޤްޞަދުތައް ޙާޞިލް ކުރުމަށެވެ.

މީގެ އިތުރުން އިސްލާމް ދީނުގައިވަނީ، ފަންނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަބަޢަވާންވީ މިންގަނޑުތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ ނުވަތަ ތަބަޢަވާންޖެހޭ 5 އަސާސެއް ކަނޑައަޅުއްވައި ދެއްވާފައެވެ. އެއީ، ހުރިހާ ޢަމަލެއް ނިޔަތުގެ މައްޗަށް ބިނާވުމާއި، ވެފައިވާ ޔަޤީނެއް ޝައްކަކުން ބާޠިލެއް ނުވުމާއި، ގެއްލުމާއި އުނދަގޫތައް ފިލުވައިލުމާއި، އުނދަގޫތައް ފަސޭހަގޮތް ހޯދައި ދިނުމާއި، އާދަކާދައާއި އެއްގޮތަށް ޙުކުމް ނުވަތަ ޢަމަލު ކުރުމެވެ.

މިދެންނެވި އަސާސްތަކުގެ ތެރެއިން ނިޔަތަށް ބަލާއިރު، ހުރިހާ ޢަމަލުތަކެއް ބިނާވެފައިވަނީ ނިޔަތުގެ މައްޗަށެވެ. އެހެންކަމުން ފަންނީ އަޚްލާޤުތައް ކަނޑައެޅުމުގައި އަދި ޢަމަލު ކުރުމުގައިވެސް ފަންނީ ފަރާތްތަކުގެ ނިޔަތް ރަނގަޅުވާން ޖެހެއެވެ. ނިޔަތާއި ގުޅުންހުރި ޢަމަލީ ވަރަށް ގިނަ ކަންކަން މިއަދު އަޅުގަނޑުމެންނަށް ފެންނަން އެބަހުއްޓެވެ. މިސާލަކަށް، ވަރަށް ބަލި މީހަކަށް ނުވަތަ މަރު ބަލީގައިއޮތް މީހަކަށް ތަދު ކެނޑުވުމުގެ ނަމުގައި ގޯސް ނިޔަތުގައި މޯފިން ދިނުމުގެ މައްސަލައެވެ. މި ބޭހުގެ ސަބަބުން ނޭވާލާން އުދަނގޫވެ މީހާ މަރުވުމަށް މެދުވެރިވެދެއެވެ. އެމެރިކާގެ މަޝްހޫރު ލަވަ ކިޔުން ތެރިޔާ، މައިކަލް ޖެކްޝަން 2009 ވަނަ އަހަރުގައި މަރުވެފައިވަނީ މިދަފަ މަރަކުންނެވެ.

ފަންނީ ގިނަ ޚިދުމަތްތަކަކީ ޢިލްމީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާވާ ޙަޤީޤަތްތަކަށް ވީނަމަވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީންކަން ނުލިބޭ ފަހަރު ވަރަށް ގިނައިން ދިމާވެއެވެ. ޔަޤީން ނުވާ މިންވަރެއް ނުވަތަ ނިސްބަތެއް އޮތްކަމުގައި ވީނަމަވެސް، ފަންނީ ޚިދުމަތްތެރިން ކަންކަމުގައި ގޮތް ނިންމުމުގައި، މިދެންނެވި ޙަޤީޤަތުގެ މައްޗަށް ބަލައި ރިޢާޔަތް ކުރަން ޖެހޭނެއެވެ. ފަންނީ އަޚްލާޤުގެ ޚިދުމަތްތަކުގެ ނަތީޖާ ބިނާވަނީ، އެކަމެއް ވުމުގެ އިޙްތިމާލް (ޕޮސިބިލިޓީ) އޮތް މިންވަރު އެކަމެއް ނުވުމުގެ އިޙްތިމާލަށް ވުރެ ބޮޑު ވުމުގެ މައްޗަށެވެ. މިސާލަކަށް ޙިއްޞީ ފަރުވާއެއް ދޭއިރު، އެފަރުވާ އަކަށް ބޭހެއް ނުވަތަ ފަރުވާއެއް ދޭންވާނީ އެފަރުވާ ނުވަތަ ބޭސް ބައްޔަށް ފަރުވާއަކަށް ވާނެކަމުގެ އިޙްތިމާލް ބޮޑުކަމަށް ވާނަމައެވެ.
ގެއްލުމާއި އުނދަގޫތައް ފިލުވައި ދުރުކުރުމުގެ އަސާސަކީ ފަންނީ އަޚްލާޤުގައި ތަބަޢަވާންޖެހޭ 3 ވަނަ އަސާސެވެ. މި އަސާސަށް ޢަމަލުކުރުމުގައި ޢަމަލީ ގޮތުން ތެދުވެރިވުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ. ފަންނީ ފަރާތްތަކަށް ގޮތް ނިންމުމުގައި އަބަދުވެސް ބަލަންޖެހޭނީ ގެއްލުމުން މީހާ ދުރުކުމަށެވެ. ދެ ގެއްލުމެއް ކުރިމަތިވެއްޖެނަމަ، ކުޑަ ގެއްލުން އިޚްތިޔާރު ކުރުން ހުއްދަވެދެއެވެ.

ވަރަށް ދަތި އުނދަގޫ ޙާލަތެއް ދިމާވެ، ކަމެއް އާދަކޮށް ކުރާ ގޮތް ނޫން ގޮތަކަށް ނުވަތަ ހުއްދަނޫން ގޮތަކަށް އެކަން ޙާޞިލްވާ މިންވަރަށް ކުރުން 4 ވަނަ އަސާސްގެ ދަށުން ހުއްދަވާނެއެވެ. އެއީ ޟަރޫރަތެއް (ނެސަސިޓީ) އެއް ނަމައެވެ. ނަމަވެސް ޝަރީޢަތުގެ ހަމައިން ނޫންގޮތަކަށް އެއްވެސް ޙާލެއްގައި އަމިއްލައަށްވެސް އަދި އެހެން މީހަކަށްވެސް އިންސާނެއްގެ ފުރާނަ ނަގައިލުން ހުއްދަ ނުވެއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައި ވެއެވެ. " އެކަމަށްޓަކައި އިސްރާއީލުގެ ދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ." އަލްމާއިދާ:32

ފަސް ވަނަ އަސާސަކީ ފަންނީ އަޚްލާޤުގެ ދާއިރާގައި ބޭނުންކުރަމުން އަންނަ އާދަކާދަތަކެވެ. އެފަދަ އާދަކާދަ ތަކަކީ، ކަންކަން ކަނޑައެޅުމުގައި ބަލައިގަނެވޭނެ އަދި ޤަބޫލުކުރެވޭ އެއްޗެކެވެ.

ފަންނީ ޚިދުމަތްތެރިންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަޚްލާޤީ އުޞޫލުތަކަށް ބަލާއިރު ފަންނީ ޤާބިލްކަން ހުރުމާއި، އިޙްސާންތެރިކަމާއެކު ފެންވަރުމަތީ ޚިދުމަތެއް ފޯރުކޮށްދިނުމާއި، ވަކިފަރާރަކަށް ނުޖެހި ތިލަފަތް ހަމަހަމަ ޚިދުމަތެއް ދިނުމާއި، ތެރުވެރިކަމާއި އަމާނަތްތެރި ކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމާއި، އަމިއްލަ ނަފުސު ވަޒަންކޮށް ތަރައްޤީކުރުން ހިމެނެއެވެ.
އިސްލާމް ދީން އަންގަވާފައިވާ ފަންނީ ޚިދުމަތްތެރިން ތަބަޢަވާންޖެހޭ އަޚްލާޤީ ތަފްޞީލީ ސިފަތަކަށް ނަޒަރު ހިންގާއިރު، އިމާމު އައްނަވަވީ ގެ "އަލްއަޛުކާރު" މިފޮތުގައި ބަޔާންކުރައްވާފައިވާ 30 ހަދީޘަކީ ފަންނީ ޚިދުމަތްތެރިންގެ ކިބައިގައި ހުންނަންޖެހޭނެ އަޚްލާޤީ ސިފަތަކެވެ. މިދެންނެވި ސިފަތަކުގެ ތެރޭގައި؛ ކަންކަން ކުރުމުގައި އަދި ގޮތް ނިންމުގައި ނިޔަތް ރަނގަޅުވުމާއި، ޝައްކުއުފެދޭ ކަންކަން ދުރުކުރުމާއި، ތިމާއާއި ނުބެހޭ ކަންކަމުން ދުރުވުމާއި، ތިމާގެ ނަފުސަށް އެދޭ ކަންކަން އަނެކާއަށް ލިބުމަށް ލޯބި ކުރުމާއި، ގެއްލުން ދިނުމުން ދުރުވުމާއި، ދުރުކުރުމާއި، ދޫ ރައްކާތެރިކުރުމާއި، ހަނުހުރުން ނުވަތަ ވާހަކަ ދައްކާނަމަ ހެޔޮ ބަސް ނޫނީ ނުބުނުމާއި، ވާހަކައިގައި ތެދުވެރިވެ އިޚްލާޞްތެރިވުމާއި، ﷲ އަބަދުވެސް ބައްލަވާ ވޮޑިގެންވާކަން ދެނެހުރެ ތަޤްވާވެރިވުމާއި، މީހުންނާއި ރިވެތިގޮތުގައި މުޢާމަލާތްކުރުމާއި، ކަންކަމުގައި މެދުމިނުގައި ހިފުމާއި، މަޤްޞަދާއި އަމާޒަށް މަސައްކަތްކުރުމާއި، ﷲ ގެ ރުއްސެވުމާއި ތައުފީޤަށް އެދުމާއި، އަނިޔާއާއި ނޭއްގާނީ ކަމާއި ފުރައްސާރަ ކުރުމުން ދުރުވެގަތުންފަދަ މާތް ސިފަތަކުން ޒީނަތްތެރިވުން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް