ޖާބިރުގެ އަމަލުތަކުގެ ސަބަބުން މަޖިލީސް އިތުރަށް ހަރާބު ވެއްޖެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު-- ސަން ފޮޓޯ/ އަލީ ނަސީރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީސް އިތުރަށް ހަރާބު ވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރެސީ ތައާރަފް ވީ ފަހުން ރައްޔިތުންގެ މިޖިލީހުގެ އަގު ވެއްޓިއްޖެ ކަމަށެވެ. އެގޮތުން މަޖިލީހަށް ވަންނަނީ ހަޑިހުތުރު އަމަލުތަކުން ފަސްބައި ކަޅުވެފައި ތިބި މީހުން ކަމަށްވެ. ވަރަށް މުޑުދާރު އިންސްޓިޓިއުޝަނަކަށް އެތަން ބަދަލުވެއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގައި މިހާރު އޮތް ރައްޔިތުން އެންމެ އިތުބާރު ނުކުރާ އެއް މުއައްސަސާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ފެންނަނީ މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި އެންމެ ހިތާމަވެރި އެއް މަންޒަރު ކަމަށެވެ. އުމަރު ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިހުރި ކޮންމެ ގައުމެއްގައި ވެސް މަޖިލީސް މެމްބަރުންނަކީ ވަރަށް އަބުރުވެރި ބައެއް ކަމަށެވެ.

"ޖާބިރުގެ ސަބަބުން މަޖިލީސް އިތުރަށް ޚަރާބު ވެއްޖެ. މިއީ ވަރަށް ދެރަކަމެއް. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރެސީ ތައާރަފް ވީ ފަހުން މަޖިލީހުގެ އަގު ވެއްޓިއްޖެ. އެތަނަށް ވަންނަނީ ހަޑިހުތުރު އަމަލްތައް ކޮށްފަ ތިބި މީހުންނަށް ވެއްޖެ. ވަރަށް މުޑުދާރު އިންސްޓިއުޝަނަކަށް މިހާރު މަޖިލީސް އެ އޮތީ ބަދަލުވެފަ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޖާބިރުގެ ސަބަބުން މުޖުތަމު ތެރޭގައި އަހްލާގީ ބަލިމަޑު ކަމެއް ފެތުރެން ފަށައިފި ކަމަށާއި މިއީ ބޮޑެތިވަމުން އަންނަ ކުދިންނަށް ވެސް ފެންނަ ވަރަށް ނުރައްކާތެރި މަންޒަރެއް ކަމަށެވެ.

"ޖާބިރުގެ ސަބަބުން މުޖުތަމު ތެރޭގަ އަހްލާގީ ބަލިމަޑުކަމެއް ފެތުރިއްޖެ. މަގުމަތީގަ އެ ފާޑަށް މެމްބަރަކު މޮޔަވެގެން ހޫރޭ ކަމަށް ވާނަމަ އެއީ އިދާރާ ތަކާބެހޭ މައްސަލައެއް. އެހެންވީމަ އިދާރާ ތަކުން އެބަޖެހޭ އެކަމަށް ފިޔަވަޅު އަޅަން،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖާބިރުގެ ސަބަބުން މުޖުތަމައުގެ އަހްލާގަށް އެކަމުގެ ނޭދެެވޭ އަސަރުކުރާ ކަމަށެވެ. މީގެ އިތުރުން މަޖިލީސްގެ ގަދަރު ވެއްޓުން ފަދަ ހުރިހާ ކަމެއް ވެސް ވެއްޖެ ކަމުގައި ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިއްޒަތްތެރި މެމްބަރު ހެދިގެން މަޖިލީހާއި ރަށުތެރޭގައި ބޭނުންވި ކޮންމެ ގޮތަކަށް އުޅެވީ މެމްބަރުންނާމެދު ފިޔަވަޅު ނޭޅޭތީ ކަމަށެވެ.

"މެމްބަރުންނަށް ދޭތެރޭގަ އެޅޭނެ އެއްވެސް ފިޔަވަޅެއް ރާއްޖެއަކު ނެތް. އެމީހުން އަމިއްލައަށް އެމީހުންގެ މުސާރަ ބޮޑުކުރަނީ. އެމީހުން ދިރިއުޅޭ ގޭ ކުރިމަތީގަ އަމިއްލަ ޕާކިން ޒޯން ކަނޑައަޅަން ގޮވަނީ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖާބިރު ކަހަލަ އަހްލާގީ ފެންވަރެއް ނެތް ބޭފުޅުން، މިޖިލީހަށް ވެއްދުމަކީ ކުރާން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް