ކްރޮސްރޯޑްސްގައި ހިންގާ ހާޑް ރޮކް ހޮޓެލް އާއި ސައި ލެގޫން ރިސޯޓުން މިއަދު ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯކަރެންސީ ބަލައިގަންނަން ފަށައިފިއެވެ.
އެސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގާ ހާޑް ރޮކް ހޮޓެލް އާއި ސައި ލެގޫން އަކީ މިހާރު ރާއްޖެއިން ކްރިޕްޓޯކަރެންސީ ބޭނުން ކުރާ ފުރަތަމަ ދެ ރިސޯޓެވެ.
އެސް ހޮޓެލްސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ދެ ރިސޯޓުން ޑިޖިޓަލް ފައިސާ ބޭނުން ކުރަން ފަށަނީ، ކްރިޕްޓޯކަރެންސީ ވިޔަފާރީގައި މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ އެފްޓީއެކްސްއާ ގުޅިގެންނެވެ.
އެ ދެ ރިސޯޓުން މިހާރު ބޭނުން ކުރާނީ ޔޫއެސްޑީ ކޮއިންސް (ޔޫއެސްޑީސީ) އާއި ޓެދާ ޓޯކެންސް (ޔޫއެސްޑީސީ) ކަމަށްވީ ނަމަވެސް މުސްތަގުބަލުގައި އިތުރު ކްރިޕްޓޯކަރެންސީތައްވެސް ބަލައިގަންނާނެ ކަމަށް އެސް ހޮޓެލްސްއިން ބުންޏެވެ.
މީގެ އިތުރުން، ރިސޯޓުތަކުގައި ޑިޖިޓަލް ފައިސާ ބޭނުން ކުރުމުގެ ފައިދާތައް ވަރަށް ގިނަކަން ފާހަގަކޮށް އެސް ހޮޓެލްސްއިން ބުނީ އޭގެ ސަބަބުން ބުކިން ހެއްދުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި އޮންލައިންކޮށް މުއާމަލާތް ކުރަން ބޭނުންވާ ޒުވާން ޖީލުގެ ޝައުގުވެރިކަން އެ ރިސޯޓުތަަކަށް ލިބިގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.
ކްރިޕްޓޯކަރެންސީން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި މައިކްރޯސޮފްޓާއި އޭޓީ އެންޑް ޓީ އާއި ވާޖިން ގެލެކްޓިކް ހިމެނެއެވެ.
ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ މެދުތެރޭގައި ބަންދު ކުރި ކްރޮސްރޯޑްސް އާއްމުންނަށް ހުޅުވާލީ މިދިޔަ މަހުގެ އެކެއްގައެވެ. އަދި މާލެ އާއި ކްރޮސްރޯޑްސްއާ ދޭތެރޭ ދެކޮޅު ދަތުރަކަށް ދިވެހިން ދައްކަން ޖެހޭނީ 185 ރުފިޔާއެވެ. ނަމަވެސް 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ 90 ރުފިޔާއެވެ.