މިއަހަރުގެ ޖުލައި މަހު ކަރަންޓު ބިލު ބޮޑުވި ކަމަށް ފެންނަނީ، އޭގެ ކުރިން ސަރުކާރުން ދެމުން އައި ޑިސްކައުންޓް އެ މަހު ދީފައި ނުވާތީ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.
ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ސްޓެލްކޯގެ ބައެއް ކަސްޓަމަރުން ޝަކުވާ ކުރަން ފެށުމުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ މައްސަލަ ބަލަން ފެށީ އެ މަހުގެ 30 ވަނަ ދުވަހުގައެވެ.
އެ މައްސަލަ ބެލުމަށްފަހު ފާހަގަވި މައިގަނޑު ދެ ކަމެއް އެ އޮތޯރިޓީން ވަނީ މިއަދު ހިއްސާކޮށްފައެވެ.
އެގޮތުން ޖޫން މަހު ކަސްޓަމަރުންނަށް ފޮނުވި ބިލުތަކަށް (މެއި އިން ޖޫންއަށް ކަރަންޓު ބޭނުންކުރި ވަރު) ސަރުކާރުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައިވާ ކަމަށާއި ނަމަވެސް ޖުލައި މަހުގެ ބިލުތަކުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ އެ ތަފާތު ބިލުތަކުން ދެއްކީ ކަމަށް ޔުޓިލިޓީ އޮތޯރިޓީން ބުންޏެވެ.
މިއަހަރުގެ އީދު ބަންދު އައީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި، އީދު ބަންދުގައި ރަށުން ބޭރުގައި ތިބިއިރުވެސް ބިލު ބޮޑުވި ކަމަށް ޝަކުވާ ކުރި ފަރާތްތަކުން އޭރު ބުނެފައިވެއެވެ.
ނަމަވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ސްޓެލްކޯއިން ޖުލައި މަހުގައި ފޮނުވާފައިވާ ބިލަކީ ގާތްގަނޑަކަށް ޖޫން 10 އިން ޖުލައި 10 އާ ދެމެދުގައި ކަރަންޓު ބޭނުންކޮށްފައިވާ ވަރަށް ބިލްކޮށްފައިވާ ބިލުތަކެއް ކަމަށެވެ.
އެ ބިލު ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގައި ނަމަވެސް، އީދު ބަންދުގެ މުއްދަތު (ޖުލައި 19 - 30އަށް) ބިލު ކުރި މުއްދަތުގައި ނުހިމެނޭކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.
އީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި މިންވަރު ޖުލައި މަހު ލިބުނު ބިލުތަކުގައި ހިމެނިފައި ނުވާތީ އެ ބިލުތައް ކުޑަ ނުވީ ކަމަށާއި އީދު ބަންދުގެ މުއްދަތުގައި ކަރަންޓު ބޭނުން ކުރި މިންވަރު ފެންނާނީ އޮގަސްޓު މަހު ލިބުނު ބިލުތަކުން ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.