"އެކްރޮސް މޯލްޑިވްސް" ޑައިވް ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

-- ފޮޓޯ/ ރައީސް އޮފީސް

އޯޝަން ސިކްސް ފިފްޓީއިން ދުނިޔޭގެ ރެކޯޑެއް ގާއިމްކުރުމަށްޓަކައި "އެކްރޮސް މޯލްޑިވްސް"ގެ ނަމުގައި ހިންގާ ޑައިވް ހަރަކާތުގެ އެކްސްކްލޫޒިވް ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

މި ޑައިވް ކުރުމަށް ތައްޔާރުވަމުންދަނީ، 2022 ވަނަ އަހަރު މެދުނުކެނޑި 50 ގަޑިއިރު ޑައިވްކޮށް އޭޝިއާގެ އެންމެ ދިގު ސްކޫބާ ޑައިވްގެ ރެކޯޑް ހަދައިފައިވާ ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނަސީމެވެ.

މިގޮތުން، ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުން ފެށިގެން އެންމެ ދެކުނާ ހަމައަށް ފީނުމަށް ވަނީ ހަމަޖެހިފައެވެ.

"އެކްރޮސް މޯލްޑިވްސް"ގެ ހަރަކާތުގެ ތެރެއިން ދުނިޔޭގެ ދެ ރެކޯޑު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަން ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހައިލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހެދުމަށް މަސައްކަތްކުރާނެ ރެކޯޑަކީ، ހުޅުމާލެއިން މާލެއަށް 14 ކިލޯމީޓަރަށް ފީނުމެވެ.

ދެވަނަ ރެކޯޑު ހެދުމަށް މަސައްކަތްކުރާނީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމާ ހަމައަށް 460 ކިލޯމީޓަރަށް ފީނައިގެން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން ދުނިޔެއަށް ދައްކާލައި، ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުން ކަމަށެވެ. މި ހަރަކާތުގެ
އެހީގައި، މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓައް ކޮށްފައިވާ އަސަރުތައް ދެނެގަނެ އެ ކަމުގެ މުހިންމު މައުލޫމާތުތައް އެއްކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުޙައްމަދު މިރުޝާން ހަސަން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

"މިގޮތުން ޝަފްރާޒް އާއި އޯޝަން ސިކްސް ފިފްޓީގެ ފަރާތުން މި ހިންގާ މުހިންމު ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

"މި ހަރަކާތުގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކަން އިތުރުވެ، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ކަނޑުތައް ރައްކާތެރިކުރުމަށް އިތުރު ހަރަކާތްތައް ހިންގުމަށް ބާރު އެޅިގެންދާނެކަމަށް އުންމީދުކުރަން."

މިރުޝާން ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މުހިންމު ހަރަކާތްތަކަށް ހިތްވަރުދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް