ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނާ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަނީ

ސްޓެލްކޯ ހެޑް އޮފީސް އިމާރާތް-- ސަން ފޮޓޯ

ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ސްޓެލްކޯގެ ބައެއް ކަސްޓަމަރުން ޝަކުވާ ކުރަމުންދާތީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ މައްސަލަ ބަލަން ފަށައިފި އެވެ.

އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުނީ ސްޓެލްކޯގެ ބައެއް ކަސްޓަމަރުންގެ ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ސޯޝަލްމީޑިއާއާއި އެނޫންވެސް އެކި ގޮތްގޮތުން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"ރަސްމީކޮށް މި މައްސަލަ އެއްވެސް ފަރާތަކުން މި އޮތޯރިޓީއަށް ހުށަހަޅާފައި ނުވިޔަސް، މި މައްސަލަ މި އޮތޯރިޓީން ބަލަމުންދާކަމުގައި ދަންނަވަން،" އެ އޮތޯރިޓީން ބުނެ އެވެ.

ޖުލައި މަހުގެ ބިލު ބޮޑުކަމަށް ދައްކަނީ އޭގެ ކުރީ މަހު ސަރުކާރުން އެދިގެން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށްފަހު މި މަހު އެ ޑިސްކައުންޓް ނުދޭތީ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެހެންކަމުން މި މަހުގެ ބިލުތައް ބޮޑުވީ ސްޓެލްކޯގެ މައްސަލައަކުން ނޫން ކަމަށް އެކުންފުނިން ބުނެ އެވެ.

"ޝަކުވާ ކުރީމަ މިކޮޅުން އަލުން ރީޑިންވެސް ޗެކް ކުރެވޭނެ. މިހާރުވެސް ޑަބަަލް ޗެކްކޮށްފައި ބިލު ފޮނުވަނީ. އެހެން ނަމަވެސް ފަހުން ޝަކުވާ ކުރުމުންވެސް އަލުން ބަލައިދޭނެ." ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވި އެވެ.

ޕެންޑެމިކްއާ ގުޅިގެން މިދިޔަ އަހަރުވެސް ކަރަންޓާއި ފެން ބިލަށް ސަރުކާރުން ވަނީ ޑިސްކައުންޓެއް ދީފަ އެވެ.

comment ކޮމެންޓް